އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ބަލިކޮށް އާސެނަލް ތާވަލުގެ ތިންވަނައށް ޖެހިލައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން އެ ޓީމު ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު އާސެނަލްއަށް ދެ ދަރަޖައިގެ ކުރި އެރުމެއް ލިބިފައިވާ އިރު އެ ޓީމު މިވަގުތު ތިންވަނާގައި އޮތީ 31 މެޗު ކުޅެގެން 63 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނަ އާއި ދެވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް ހަނި ނަމަވެސް ތިން ވަނާގައި ހިފަހެއްޓުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

އާސެނަލްގެ ކޯޗު އުނޭ އެމެރީ --- ފޮޓޯ/ ޖޯ ރައިޓް

ސަބަބަކީ ފަހަތުގައި އޮތް ތިން ޓީމު ކަމަށްވާ ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެލްސީ ވެސް އޮތީ އެއް ޕޮއިންޓް ނުވަތަ ދެ ޕޮއިންޓްގެ ކުޑަ ފަރަގެއްގެ ތަފާތުގަ އެވެ. އެންމެ މެޗަކުން ބަލި ވެއްޖެ ނަމަވެސް ދެން ތިބި ޓީމުތައް އެކަމުގެ ފައިދާ ނަގާނެ އެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. ފުރަތަމަ ހާފު ފެށިގެން ވެސް ގިނަ އިރު ބޯޅަ ހިފަހައްޓާ ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔައީ އާސެނަލްއިންނެވެ. އަދި އެގޮތުގައި މާ ގިނަ އިރު ނުވަނީސް އާސެނަލްއަށް ގޯލު ޖަހައި ލީޑު ނަގައިދިނީ އާރޮން ރަމްސޭ އެވެ. އޭނަ ވަނީ މި ސީޒަނަށް ފަހު އޭނަ އާސެނަލް ދޫކޮށް ޔުވެންޓަސްއާ ގުޅޭނެ ކަން މީގެ ކުރިން އިއުލާން ކޮށްފަ އެވެ. ރަމްސޭ ޔުވެންޓަސްއަށް ބަދަލުވެފައި ވަނީ އިޓަލިއަން ލީގުގެ ތާރިޙުގައި ވެސް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

އާސެނަލަށް ދެވަނަ ހާފުގައި ލީޑު އިތުރަށް ފުޅާ ކޮށްދިނީ ފްރާންސްގެ ސްޓްރައިކަރު އަލަކްސެންޑަރާ ލަކަޒެޓް އެވެ. އެ ގޯލުގެ އިތުރުން ވެސް އާސެނަލް ކުޅުންތެރިންނަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

ސީޒަނުގެ ފުރަތަމަ ކޮޅު ގިނަ މެޗުތަކަކުން ބަލިވެ ތާވަލުގެ ފަހަތަށް ވެއްޓުނު ނަމަވެސް ފަހަކަށް އައިސް އާސެނަލް އިން ދަނީ މޮޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ އިރު ބައިކޮޅަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެ އެވެ. އަދި އެންމެ ފަހުން އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު 20 މެޗުން ވެސް އެ ޓީމު ބަލިވެފައެއް ނުވެ އެވެ.