ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމިޑީ ފިލްމު "މާމުއި"ގެ ޓްރެއިލާ ރޭ ރިލީޒްކޮށްފި އެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ޓްރެއިލާ ރިލީޒްކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގެވެ.

ޓްރެއިލާގައި މަޖާ ޑައިލޮގްތަކެއް އަޑުއިވިގެން ދިޔައިރު ޝައުގުވެރި މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. ފިލްމީދާއިރާގައި އެންމެ މޮޅު އެއް ބަތަލު އިސްމާއިލް ވަޖީހު ވެސް ވަނީ ފިލްމުގެ ޓްރެއިލާއިން ފެނިފަ އެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްދެއްވީ ފުއާދު ތައުފީގު---

އެހެން ކޮމިޑީ ފިލްމުތަކާ ހިލާފަށް އެ ފިލްމު ތަފާތުވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. މީހުން ހެއްވާލާ ގިނަ މަންޒަރުތަކެއް ހިމެނޭ އެ ފިލްމު އޮލިމްޕަސް ސްކްރީނަށް އަންނާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

ޝިފާއު(ޗިއްޕެ) ބުނީ، އެ ފިލްމަކީ ޑާކްރެއިން އިން މިހާތަަނަށް ގެނެސްދީފައިވާ ފިލްމުތަކަށް ވުރެ މަޖާ އަދި ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ.

ފިލްމާ ބެހޭ ގޮތުން ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، "މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމު ކަމަށެވެ. އަދި ޝޫޓިންގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ތިލަފުއްޓާ އެއާޕޯޓު ފަދަ ލޮކޭޝަންތަކުގައި ވަރުގަދަ މަންޒަރުތައް ނެގުމަށް ފަހު ފިލްމުގެ ޓީމުން މިހާރު އަންނަނީ ފިލްމު ސްކްރީންކުރުމަށް ތައްޔާރުވަމުންނެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

މާމުއި ގެ ތަރިން--- ފޮޓޯ/ ޑާކްރެއިން

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.