ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕެއިނަށް ނުކުމެވަޑައިގެން ހުންނެވީ ވަކި މީހަކާ ދެކޮޅަށް ނޫން ކަމަށާއި ނުކުމެ ވަޑައިގެން ހުންނެވީ ރައްޔިތުންނާ އެއްކޮޅަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ މަޖިލިސް ކެމްޕެއިނުގައި އުޅުއްވާތީ ކޯލިޝަނު ޕާޓިތަކުން މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ ހިތްހަމަނުޖެހުން ފާާޅުކޮށްފަ އެވެ. މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރެއިން މިފަހަރު އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވިދާޅުވީ ރައީސް ސޯލިހު އެބޭފުޅުންނާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީ އަސަރު ކުރާ ކަމަށެވެ.

މަޖިލީހުގެ ތުޅާދޫ ދާއިރާއަށް އެމްޑީޕީއިން ވާދަކުރައްވާ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލު ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ނުކުމެ ވަޑައިގެން ހުންނެވީ އެއްވެސް ބޭފުޅަކާ ދެކޮޅަށް ނޫން ކަމަށާއި ރައްޔިތުންނާ އެއްކޮޅަށް ކަަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީކީއެއް ވަކި މީހަކާ ޖައްސާލައިގެން ވަކިބަޔަކާ އިދިކޮޅަށް ނިކުމެއެއް ނޫން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެއްކޮޅަށް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މަޖިލިސް އިންތިހާބުގެ ތެރެއިން އެކި ފަހަރު ވާހަކަފުދައްކަވަމުން ވިދާޅުވެފައި ވަނީ މަޖިލީހުގެ ބައިވަރު ގޮނޑިތަކެއް އެމްޑީޕީއަށް ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބޭނުން ވަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށެވެ.

"ވަކި ފަރާތަކަށް ބުރަ ނުވެ އިންސާފު ގާއިމްކޮށްދޭނެ ބަޔަކު އެބަޖެހޭ ހޯދަން. މިކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކެއްގެ ތެރެއިން. އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެން މި ބޭނުންވަނީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބިލުތައް މަޖިލީހަށް ފޮނުވުމުން ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނެ ފާސް ކުރުމަށް ދެކޮޅު ހަދާ ކަމަށާއި އެހެންވީމާ މަޖިލީހުގެ މެޖޯރިޓީ ނުލިބި ސަރުކާރުގެ މަސައްކަތްތައް ހިންގަން ދަތިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނެ އެތަނަށް ފޮނުވާ ހުރިހާ ބިލެއް މިހާރު އެތިބެނީ ހިފަހައްޓައިގެން. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ ހިނގާށޭ އަޅުގަނޑުމެން އެންމެން ނުކުމެ މިކަން ނިންމަން. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި ރައްޔިތުން މި ބޭނުންވާ ގޮތަށް މި ގައުމު ހިންގުމަށް އަނބުރާލަން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.