ނޭވާލާހާ ހިނދަކު ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު ކަން ކުރެއްވި ޖަމީލު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވަނީ ވިލިމާލެ ދާއިރާ އަށެވެ.

ވިލިމާލޭގައި ރޭ ބޭއްވި ޖަމީލްގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިސްލާމް ދީން ނޫން ދީނެއް ދުނިޔޭގައި ނެތް ކަމަށާއި އިސްލާމް ދީނަކީ ދިވެހިންނަށް ލިބިގެންވާ މަތިވެރި ނިއުމަތެއް ކަމަށެވެ.

"އަޅުގަނޑުގެ ނޭވާ ހިނގާހާ ހިނދަކު، މި ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް އަދި އެެހެން ތާކުން ވެސް ފުރުސަތު ނުދޭނަން،" ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.

ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި ޖަމީލް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޖޭޕީ

ޖަމީލް ވިދާޅުވީ، "ހަގީގީ އަޑު އުފުލުމަކީ އެމީހަކަށް އުގެނިފައި ހުރި އެއްޗަކުން ދިމާވާ ކޮންމެ ވަގުތަކު ހަމައާއި އުސޫލު ހިފެހެއްޓުން" ކަމަށެވެ.

އަދި ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ހިދުމަތްކުރައްވާތާ 24 އަހަރު ވެފައިވާ ކަމަށާއި އެއިން ކޮންމެ ވަގުތަކު ވެސް އެމަނިކުފާނު ވަނީ ހަމަ އާއި އުސޫލަށް ޓަކައި އަމިއްލަ ނަފްސު ގުރުބާންކޮށްފައި ކަމަށެވެ.

"ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން، އިސްގާޒީއެއްގެ ހައިސިއްޔަތުން، ޖަސްޓިސް މިނިސްޓަރުގެ ހައިސިއްޔަތުން، ޓެލެކޮމިއުނިކޭޝަން، ހޯމް މިނިސްޓަރު އަދި އެންމެ ފަހުން ނައިބު ރައިސްގެ ހައިސިއްޔަތުން. މިއިން ކޮންމެ ވަގުތަކު ވެސް އަަޅުގަނޑުވާނީ އަޅުގަނޑުގެ އަމިއްލަ ނަފުސު، ހަމައާއި އުސޫލައްތަކައި ގުރުބާން ކޮށްފައި. އެއީ އަޑު އުފުލުމަކީ،" ޖަމީލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރެއްވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޖަމީލް ވިދާޅުވީ، ވިލިމާލެ ދާއިރާ އަކީ ވަރަށް ހާލުގައި އޮތް ތަނެއް ކަމަށެވެ. އެގޮތުން ޒުވާނުންގެ އެންމެ ބޮޑު ޝަކުވާ އަކީ، ވަޒީފާ ނުލިބުމުގެ މައްސަލައާއި އަންހެންކަނބަލުންގެ ޝަކުވާއަކީ ވިލިމާލެ އިން ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ނުލިބުން ކަމަށެވެ. އެމަނިކުފާނު މަޖިލީހަށް އިންތިހާބު ކޮށްދެއްވައިފިނަމަ ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮންމެ ފިހާރައަކުން އެއްޗެއް ގަތަސް ޓެކްސް އަދާ ކުރަން ޖެހޭ. މިއަދު އަޅުގަނޑުމެން ވިސްނަން ޖެހޭ، މި މުއްސަދިކަން ހަމައެކަނި މުއްސަދިންގެ ތެރޭ ދައުރުވާ އެއްޗަކަށް ނަހަދަން. މީ[ގެ ފައިދާ] ރައްޔިތުންނާ ހަމައަށް އަންނަ،"ޖަމީލް ވިދާޅުވީ، ވިލިމާލެއާއި ދޭތެރޭ ސަރުކާރުގެ ވިސްނުން ބަދަލު ކުރައްވަން ޖެހޭ ކަމަށާއި ވިލިމާލޭގައި ދިރިއުޅެނީ "ހަގީގީ މާލޭ" ރައްޔިތުން ކަން ސަރުކާރުން ދެކެން ޖެހޭ ކަމަށެވެ.

"ސަރުކާރުގެ ވިސްނުން ވިލިމާލެއަކީ ދޮންދަރިއެއް ނޫން ކަމަށް ދެކިގެން. ސަރުކާރުގެ ވިސްނުމުގެ ތެރޭގައި އެބަ ދެކެން ޖެހޭ މި ވިލިމާލޭގައި ދިރި މިއުޅެނީ ހަގީގީ މާނާގައި މާލޭގެ ރައްޔިތުން ކަމަށް. އެ ފުރުސަތު ތިޔަ ބޭފުޅުން މި ސަރުކާރުގެ ތެރެއިން ފުއްދައި ދެއްވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި ޖަމީލް ވިދާޅުވި އެވެ.

ޖާމީލް ވިދާޅުވީ، މާލެއެކޭ އެއް ހަމައެއްގައި ވިލިމާލޭގައި ވަސީލަތްތައް ފުރިހަމަ ވުމަށް ވިލިމާލޭ ރައްޔިތުން އެދޭ ކަމަށާއި އެމަނިކުފާނުގެ އެއް ވައުދަކީ ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގައިމު ކުރުން ކަމަށެވެ.

ޓެކްސްގެ ފައިސާ ރައްޔިތުންނަށްވެސް ކުރަންޖެހޭ!

ޖަމީލް ވިދާޅުވީ، ދައުލަތުން ކަންތައްތައް ކުރުމަށް ޓެކްސް ނަގާ ކަމަށާއި އޭގެ ފައިދާ ހަމައެކަނި މުއްސަދިންގެ ތެރޭ ދައުރުނުވެ، އޭގެ ފައިދާ ރައްޔިތުންނަށް ވެސް ވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންތެރޭ ވަރުގަދަ ޓެކްސްތަކެއް އެބަ ނެގޭ. ޓެކްސް ނަގައިގެން މިހުރިހާ ކަންތައްތަކެއް މިއަދު ކުރެވެމުން މިދަނީ. އެއީ މުއްސަނދިންގެ އަތުން އެހެން ރައްޔިތުންނަށް އަންނަން ޖެހޭ ބައި. އެކަމަކު އެ ޓެކްސް މިރަށުގެ ރައްޔިތުން ވެސް އެބަ ދޭ. މިރަށުގެ ފިހާރަތަކުން ގަންނަ ކޮންމެ އެއްޗަކުން ޓެކްސް އެބަ އަދާ ކުރޭ. މާލެ ގޮއްސަ ގަންނަ ކޮންމެ އެއްޗަކުން ޓެކްސް އަދާކުރޭ. ރާއްޖެއިން ބޭރަށްދާން ޓެކްސް އަދާ ކުރޭ. ރިސޯޓަކަށް ގޮއްސިއްޔާ ޓެކްސް އަދާ ކުރޭ. މިއީ ހައްތަހާ ވެސް އަޅުގަނޑުމެން ޓެކްސް އަދާ ކުރޭ،"

"ކޮންމެ ފިހާރައަކުން އެއްޗެއް ގަތަސް ޓެކްސް އަދާ ކުރަން ޖެހޭ. މިއަދު އަޅުގަނޑުމެން ވިސްނަން ޖެހޭ، މި މުއްސަދިކަން ހަމައެކަނި މުއްސަދިންގެ ތެރޭ ދައުރުވާ އެއްޗަަކަށް ނަހަދަން. މީ[ގެ ފައިދާ] ރައްޔިތުންނާ ހަމައަށް އަންނަ،" ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާޙިމްގެ އެޑްވައިޒުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލު ވިދާޅުވި އެވެ.

ޖަމީލް ރޭ ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ޝެޝަންގެ ތެރެއިން -- ފޮޓޯ/ ޖޭޕީ

ޖަމީލް ވިދާޅުވީ، އެމަނިކުފާން ވިލިމާލެ ދާއިރާއަށް އިންތިހާބުކޮށްދެއްވައިފި ނަމަ، ވިލިމާލޭގަައި "ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްދަލުވުމަށް ދާން ދެން ހިމޭނުން ނުހުންނާނެ" ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ، 264،442 މީހުން ވޯޓުލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 501 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ރާއްޖެއިން ބޭރުގައި ބަހެއްޓުމަށް ހަމަޖެހިފައިވަނީ އަށް ފޮށްޓެވެ.