01 Apr 2019, 23:10
ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ފަށާފައި ހުރި 7000 ހައުސިންގް ޔުނިޓް ހުރީ މީހަކަށް ދިރިއުޅެވޭ ގޮތަކަށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާއަށް އެމްޑީޕީއިން ވާދަކުރައްވާ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލު ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލޭގައި އަޅަން ފަށާފައި ހުރި 7000 ހައުސިންގް ޔުނިޓަކީ މީހަކަށް ދިރިއުޅެވޭނެ ހާލަތެއްގައި އިމާރާތްކުރަމުން ދާ ތަނެއް ނޫން ކަމަށެވެ.
"7000 ފްލެޓެއް އަޅައި ރައްޔިތުންނަށް ބަހާލި. ބަހާލި އިރުގައި އެތަނަށް ހަދާފައި ހުރިގޮތް. ކޮޓަރިއެއްގެ ބޮޑުމިނަކީ އަށް ފޫޓު ނުވަފޫޓު. އެތަނަށް އެނދެއް ވެއްދީމާ ދެން ނެތް އަލަމާރިއެއް ވައްދާނެ ތަނެއް. ކިހިނެތްތޯ އެތަނުގައި މީހުން ދިރިއުޅޭނީ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އިކޮނޮމިކް ކޮމިޓީގައި އެކަމާ މެދު މަޝްވަރާކުރަމުން "އެތަން ތަޅާލަން ހިނގާށޭ" ވިދާޅުވިން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެއީ އެތަނަކީ ބޭނުން ކުރެވޭނެ ތަނެއް ނޫން ކަމަށާއި އެތަން ތަޅާލާފައި އަލުން ތަނެއް ހެދިޔަސް މާ ރަނގަޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މިތަނަށް ވަދެ މީހަކު ދިރިއުޅޭނެ ގޮތެއް އަޅުގަނޑަކަށް ނޭންގޭ. މިހިރީ ރައްޔިތުންގެ ފައިސާއަށް މިދިޔަ ސަރުކާރުން ވެފައިވާ ހިޔާނާތް." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ އެ ވައްކަމާއި ހިޔާނާތް ބަލާނެ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށް ކަމަށެވެ. ވަކި ފަރާތަކަށް ބުރަ ނުވެ އިންސާފު ގާއިމްކޮށްދޭނެ ފަރާތެއް ހޯދަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ސޯޝަލް ހައުސިންގް މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓު އަޅަނީ، 25 ބުރީގެ 16 އިމާރާތުގައެވެ. އެ ފްލެޓްތައް ދޭނެ މީހުންވެސް ކުރީގެ ސަރުކާރުން ލިސްޓުކޮށް އިއުލާނުކޮށްފައިވާއިރު އެ ފްލެޓްތައް ދޭން ނިންމާފައިވަނީވެސް ހައްގުވެރިންނަށް ނޫން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.