17 Oct 2011, 09:14
ޕެރިސް (އޮކްޓޯބަރ 17) : 2012 ގައި ބާއްވާ ފަރަންސޭސި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ސޯޝަލިސްޓް ޕާޓީގެ ފަރާތުން ރައީސް ނިކޮލައި ސަރކޯޒީ އާ ވާދަކުރައްވާ ބޭފުޅަކަށް ފްރާންސްވާ ހޫލާންޑް އިންތިޚާބުކޮށްފިއެވެ.
ފަރަންސޭސި ވާތުފިޔައިގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލިސްޓް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޫލާންޑް އިންތިޚާބުކުރީ އެޕާޓީގެ މެންބަރުންގެ މެދުގައި އިއްޔެ ބޭއްވި ޕްރައިމަރީ އަކުންނެވެ. ހޫލާންޑް އާ އެންމެ ގާތުން ވާދަކުރެއްވީ ސޯޝަލިސްޓް ޕާޓީގެ އަންހެން ޝަޚްސިއްޔަތެއް ކަމަށްވާ މާރޓިން އޮބަރީއެވެ. ހޫލާންޑަށް ޕްރައިމަރީގެ 56% ލިބުނުއިރު އޮބަރީއަށް ލިބިވަޑައިގެންނެވީ 46% އެވެ.
ފަރަންސޭސިވިލާތުގެ އެންމެބޮޑު ދެޕާޓީއަކީ ސޯސަލިސްޓް ޕާޓީއާއި މިހާރު ވެރިކަންކުރާ ޕޮޕިއުލަރ މޫމެންޓް ޕާޓީ އެވެ. މީގެތެރެއިން ޕޮޕިއުލަރ މޫމެންޓް ޕާޓީއަކީ މެދުމިނުގެ ކަނާތުފިޔައިގެ ޕާޓީ އެކެވެ. ސޯސަލިސްޓް ޕާޓީއަކީ މެދުމިނުގެ ވާތުފިޔައިގެ ޕާޓީއެކެވެ. ފަރަންސޭސިވިލާތުގައި އާންމުގޮތެއްގައި ވެރިކަންކުރަމުން ގެންދަނީ މިދެޕާޓީންނެވެ. މެންބަރުންނާއި ސަޕޯޓަރުންގެ އަދަދަށް ބަލާއިރުވެސް މިދެޕާޓީއަކީ އެއްހަމައެއްގައި ވާދަކުރާ ދެޕާޓީއެވެ.
މިހާރުގެ ރައީސް ނިކޮލައި ސަރކޯޒީ، ފަރަންސޭސި ރިޔާސަތަށް އިންތިޚާބުކުރީ 2007 ވަނަ އަހަރުއެވެ. ސަރކޯޒީއާ އެންމެ ގާތުން ވާދަކުރެއްވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އިދިކޮޅު ސޯޝަލިސްޓް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ފްރާންސްވާ ހޫލާންޑް ކަމަށާއި އޭނާ ރައީސް ސަރކޯޒީގެ މައްޗަށް ކާމިޔާބު ހޯއްދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ހާމަވެފައިވެއެވެ.
އުމުރުން 57 އަހަރުގެ ހޫލާންޑަކީ 1997 ން 2008 ށް ސޯޝަލިސްޓް ޕާޓީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މަޤާމެއް މިހާތަނަށް އޭނާ އަދާކުރައްވާފައެއް ނުވެއެވެ. (ރޮއިޓާސް)