01 Apr 2019, 22:20
ރައްޔިތުންނަށް ހަމަ ނޭވާ ލެވެން އަންނަނީ ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރި މީހުން ހިފާ ހައްޔަރުކޮށް ޖަލަށް ލެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާއަށް އެމްޑީޕީއިން ވާދަކުރައްވާ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލު ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހީނުކުރާ ވަރުގެ ބޮޑެތި ވައްކަންތައް ހިނގާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ފުރަތަމަ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އަޅާފައި ހުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެ އިމާރާތަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް އަޅާފައި ހުރި އިމާރާތެއް ކަމަށެވެ.
"54 މިލިއަން ޑޮލަރަށް އެޅޭ އިމާރާތެއް 144 މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅާފައި އެހުރީ. އަދި އެހިސާބުން އެކަން ނިމުނީއަކީ ނޫނޭ އިނގޭތޯ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ގަތުމަށްޓަކައި އިތުރު 80 މިލިއަން ޑޮލަރު ބަޖެޓުން ނަގައިފި. މުޅިއެކު 220 މިލިއަން ޑޮލަރު އެތަނަށް ހަރަދުކޮށްފި." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތް ކުރި ކުންފުނީގެ މީހުންނާއި އެޑްވައިޒަރަކަށް ހުރި މީހާއާ އެމަނިކުފާނާ ދިމާވި ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮންސަލްޓެންޓަކަށް ހުރިމީހާ އޭނާ ލިޔެފައި ހުރި ރިޕޯޓުތައް ދެއްކި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެ ބިޑު ހުށަހެޅީމާ އެއީ ގޯސް ބިޑެއް ކަމާއި އެއީ 54 މިލިއަން ޑޮލަރަށް ހެދޭނެ އިމާރާތެއް ކަމަށް ބުނެފައި އެކަން އެގޮތަށް ނުކުރަން ބުނެފަ އޮތީ އެޑްވައިޒަރު. އަޅުގަނޑަށް އެބަހުރި އެހުރިހާ އެއްޗެއް ފޯވާޑްކޮށްފަ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އޭގެ އިތުރުން ދަރުމަންވަތަ ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން ކުންފުނީގެ ބޭފުޅުންނާ އެމަނިކުފާނާ ބައްދަލުވި ކަަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެމީހުން އެތަނަށް ހަދާފައި ހުރީ ކިހިނެތްތޯ އެމީހުންނާއި ސުވާލު ކުރި ކަމަށާއި އެ ސުވާލު ކުރީ އެތަނަށް ގަނެގެން ގެނެސްފައި ހުރި އިކުއިޕްމެންޓް ނުވެއްދިގެން އުޅެން ޖެހޭތީ އެކަމާ ގުޅުވައިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާތޯ އެތަނަށް ގެނައި އިކުއިޕްމެންޓް ކޮޓަރިތަކަށް ވެއްދީމާ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މިޖެހުނީ އިތުރު ހަރަދުކޮށްގެން ދޮރުތައް ސްލައިޑިންގް ދޮރަށް ބަދަލުކުރަން. އަޅުގަނޑު ބުނިން މިހެން ވެގެންނޭ މިއުޅެނީ ކިހިނެތް ހަދާފައި ހުރި ތަނެއް ހެއްޔޭ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލާދީ ރައީސް ސޯލިހު ވިދާޅުވީ އެތަނަށް ގަންނަން ނިންމި އިކުއިޕްމެންޓަކީ ގޯލްޑަން ސްޓޭންޑަޑްގެ އިކުއިޕްމެންޓް ކަމަށާއި އެއީ އެންމެ މިހާރުގެ މިޒަމާނުގެ އިކުއިޕްމެންޓް ކަމަށެވެ.
އެ އިކުއިޕްމެންޓް ގަންނަން 80 މިލިއަން ޑޮލަރު ދައުލަތުގެ ބަޖެޓުން ނަގާފައި އެތަނަށް ގަނެފައި ހުރީ 23 މިލިއަން ޑޮލަރު ހުރިހާ އިކުއިޕްމެންޓަކަށް އަރާ ވަރުގެ ފެންވަރު ދަށް އިކުއިޕްމެންޓް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ވީގޮތަކީ މާކުރީ ޒަމާނުގެ ބޮޑެތި ސައިޒުގެ މެޝިންތަކެއް އެތަނަށް ގެނެސް ވެއްދީ. ވެއްދީމަ އެތަނުގެ ދޮރެއް ހުޅުވޭ ގޮތެއް ނުވި. މިއީ އެތަނަށް ކޮށްފައި ހުރި ހަރަދު. މިކަންތައްތައް ގަބޫލު ނުކުރެވޭތީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އަޅުގަނޑުމެން ނިންމީ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ހަމަ ނޭވާ ލެވެން އަންނަނީ އެ ވައްކަންތައް ކުރި މީޙުން ހިފާ ހައްޔަރުކޮށް ޖަލަށް ލެވިގެން ކަމަށެވެ.