ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހާޒިރު ވުމަށް ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒްއަށް ޗިޓަކުން އެންގެވީ ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރުމަށް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖަލު ކޮމިޝަަރު އެޗްއާރުސީއެމަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި 22 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަމްބަރުގެ ދަށުން ކަމަށް ކަރެކްޝަންސްއިން 'ސަން' އަށް ބުންޏެވެ. އެޗްއާރުސީއެމް ގާނޫނުގެ އެ މާއްދާތަކުގެ ދަށުން ކޮމިޝަނަށް ހާޒިރު ކުރާނީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މިއަދު ޖަލު ކޮމިޝަނަރު އެޗްއާރުސީއެމަށް ހާޒިރުވީ ވަކީލަކާވެސް އެކުގަ އެވެ. އެއީ އެތަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ސުވާލު ކުރުމަށް ހާޒިރުވާން އެންގުމުންނެވެ.

ކެރެކްޝަންސްއިން ބުނީ ޖަލު ކޮމިޝަނަރު އެތަނަށް ހާޒިރުވުމުން ހާޒިރު ކުރެވުނީ ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް އެޗުއާރުސީއެމުން ބުނެފައިވާ ކަމަށެވެ. އަދި އެއްވެސް ތަހުގީގަކަށް ނޫން ކަމަށް ބުނި ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

"ކޮމިޝަނަރު އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވި އެޗްއާރުސީއެމަށް މިއަދު ހާޒިރުވީ ތަހުގީގަކަށް ކަމަށް އަންގާފައިވާތީ އެކަމަށް ތައްޔާރުވެގެން ކަމަށް." ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) - ކޮމިޝަނުގެ މަސްއޫލިއްޔަތުތައް

  • (ހ) - މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ މަސްއޫލިއްޔަތުތައް ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މި ބުނެވުނުފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި، މި ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ދެވަނަ ނަމްބަރު

  • ކޮމިޝަނުން ކުރަމުންދާ ތަޙްޤީޤަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. (2) ކޮމިޝަނުން ކުރަމުންދާ ތަޙްޤީޤާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިޝަނަށް ޙާޟިރު ކުރުމާއި، އެމީހުންގެ ބަޔާން ހޯދުން

އެކަމާ ގުޅިގެން ސުވާލު ކުރުމުން އެޗްއާރުސީއެމްގެ މީޑިއާ އޮފިސަރު ވަޖްދާ ގާސިމް ވިދާޅުވީ ކޮމިޝަނަރު އޮފް ޕްރިޒަމް އެޗްއާރިސީއެމަށް ހާޒިރު ކުރި މައްސަލާގައި އެއްވެސް އެއްޗެއް ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތެއް ހާމަ ކުރަން އޮތް ނަމަ އެކަން ހާމަކުރަމުން ގެންދާނެ ކަމަށް ވަޖްދާ ވިދާޅުވި އެވެ.