01 Apr 2019, 18:58
ބޭރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 1.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ބަދަހި ކުުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި ކުރެއްވި މަސައްކަތްޕުޅުތަކާއެކު ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ އިތުރުވެފައެވެ.
މިހާތަނަށް ހިލޭ އެހީގެ ގޮތުގައި އިންޑިއާ އިން 50 މިލިއަން ޑޮލަރު، ޔޫއޭއީ އިން 50 މިލިއަން ޑޮލަރު، އެމެރިކާ އިން 20 މިލިއަން ޑޮލަރު ދޭން ވަނީ ނިންމައިފައެވެ. މީގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"މި ހުރިހާ އެހީއެއް ޖުމްލަ ކޮށް ބަލާއިރު 1.9 ބިލިއަން ރުފިޔާ އަށް އެބައަރާ. މިއީ ހަމައެކަނި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ،" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ހިލޭ އެހީގެ އިތުރުން ކްރެޑިޓް ފެސިލިޓީ އާއި ނަޖެޓް ސަޕޯޓުގެ ގޮތުގައިވެސް ރާއްޖެއަށް ބޭރުގެ އެހީ ވަނީ ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 90 ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ 1.9 ބިލިއަންރުފިޔާގެ ހިލޭ އެހީގެ އިތުރުންވެސް ހިލޭ އެހީ ހަމަޖެހެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.