އއ. ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ދެވަނަ ފަހަރަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބް ގާތްވެފައި ވަނިކޮށް ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށް ބައެއް ސާމާނު ވެސް އެ ރަށަށް ފޮނުވާފަ އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިމަންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

އެމްޓީސީސީން ބުނީ 700 ފޫޓް 300 ފޫޓްގެ އެ ބަނަދަރުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 350 ދުވަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން 497 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި 372 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމުގެ އިތުރުން 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ މަޝްރޫއުގެ ތެރެއިން ނެރު ބައްތި ޖެހުމާއި އެއްގަމު ތޮށްޓާ ޖެހިގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ފުން ކުރުމާއި ލައިޓް ޖެހުން އަދި ރޭމްޕެއް ހެދުން ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއަށް 43.6 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުން ހިމަންދޫގެ ބަނދަރު ހެދުމަށް އެ ރަށަށް ބައެއް ސާމާނުތައް ގެންދިޔަ ނަމަވެސް އަމަލީ މަސައްކަތް ވަނީ ފެށޭ ގޮތް ނުވެފަ އެވެ.