01 Apr 2019, 17:45
އުރީދޫ ނެޓްވޯކުން އެޗްޑީ ވޮއިސް އަދި ވީޑިއޯ ކޯލް ކުރެވޭ ހިދުމަތް ތައާރަފް ކޮށްފިއެވެ.
އުރީދޫ އިން ބުނީ އެ ކުންފުނީގެ 4ޖީ ނެޓްވޯކުން ކުރާ ކޯލްތައް އެޗްޑީކޮށް ލިބޭނީ އެ ފީޗާ ސަޕޯޓު ކުރާ ފޯނެއް ބޭނުން ކުރާ ނަމަ ކަމަށެވެ. އެގޮތުން ސެމްސަންގު އަދި ވާވޭގެ ބައެއް މޮޑެލް ތަކަށާއި އައިފޯނު 6 އިން ފެށިގެން ފަހުގެ ފޯނުތަކަށް މި ފީޗާ ސަޕޯޓު ކުރާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އެކުންފުނީގެ ޑިރެކްޓާ ނެޓްވޯކް، އައިޓީ ޕްލޭނިން ޝަބީން އަލީ ވިދާޅުވީ އެޗްޑީ ކޯލް ކުރާއިރު، އާދައިގެ ސްޓޭންޑާޑް އަށްވުރެ އަޑު ކޮލެޓީ ވާނެ ކަމަށެވެ.
"އެޗްޑީ ވޮއިސް މެދުވެރިކޮށް ވާހަކަ ދައްކާއިރު، 3ޖީ ނޫނީ 2ޖީ އާ ބަލާއިރު ތަފާތުވާނެ. ޖެހިގެން އިނދެ ވާހަކަ ދެއްކުމެކޭ ތަފާތެއް ނޯވޭ،"
ޝަބީން ވިދާޅުވީ އެޗްޑީ ވޮއިސްގައި ތިން ސިކުންތު ނޫނީ އެއަށްވުރެ އަވަހަށް ގުޅާލެވޭނެ ކަމަށެވެ.
"ވީޑިއޯ އެއް ބަލަން އިންދައި ފޯނެއް އަޔަސް ވީޑިއޯ ނުކެނޑޭނެ. ވާހަކަ ދައްކަމުންދާއިރުވެސް ސްޓްރީމް ވާނެ،" ޝަބީން ވިދާޅުވިއެވެ.
އެޗްޑީ ވޮއިސްގައި ޕަވާ ކޮންޓްރޯލްގެ އެޑްވާންސް ފީޗާ ތަކެއް ހިމެނޭ ކަމަށްވެސް އުރީދޫ އިން ބުންޏެވެ. އެކުންފުނިން ބުނީ އެޗްޑީ ވޮއިސް ހިދުމަތަށް މި ހިދުމަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށާއި އާދައިގެ ވޮއިސް ކޯލްސް އެކޭ އެއް އަގެއްގައި އެ ހިދުމަތް ލިބޭނެ ކަމަށެވެ.
ފޯނުގައި ހިމެނޭ ވޯލްޓޭ އެނޭބްލް ކުރުމުން މި ހިދުމަތް ލިބޭނެއެވެ. އުރީދޫ އިން މިއަދު ވަނީ ސްޓޭންޑާޑް ކޯލްސް އަދި އެޗްޑީ ކޯލްސްގެ ތަފާތުވެސް ދައްކާލައިފައެވެ.