16 Oct 2011, 21:45
ރާއްޖޭގެ މަސްވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށާއި ރާއްޖޭގެ ކަނޑުތަކުން ލިބެން ހުރި އެހެން މުއްސަނދިކަން ދެނެގަނެ އެ މުއްސަނދިކަމުގެ މަސައްކަތް ރައްޔިތުންނަށް ފޯރުކޮށްދިނުން މަޖުބޫރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ ކުޅީގައި ހުއިފިލަނޑާ ދިރުވައި ބޮޑުކުރުމަށް، މަސްމީރު އިންވެސްޓްމަންޓާއި ކެނދިކުޅުދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު މެންދުރު ފަހު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ރަނގަޅަށް ހިންގިއްޖެ ނަމަ ޓުއަރިޒަމުން ލިބޭ އާމްދަނީއެއް ހުއިފިލަނޑާ ބޭރުކޮށްގެން ހޯދިދާނެ ކަމަށް، އެކަމުގެ މާހިރުން ބުނާ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަރާތްތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވުން ކަމުގައި ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރަނީ، ކުރާ މަސައްކަތަކުން ލިބޭ އާމްދަނީ އާއި ރައްޔިތުންނަށް ލިބޭ ފައިދާ އާއި، ޤައުމަށް ގެނެވޭ ތަރައްޤީ އާއި، ތިމާވެށި ރައްކާތެރިކުރުމަށް ހިނގާ ޚަރަދާ މިހުރިހާ ކަމަކަށް ބެއްލެވުމަށް ފަހު، އެމަސައްކަތެއްކުރުމުގައި އޮތް އެންމެ ފައިދާ ބޮޑު ގޮތަކަށް އެ މަސައްކަތެއް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނީ މިހުރިހާ ކަމަކަށް ބެލުމަށް ފަހު، ތިމާވެށީގެ ޢިލްމްވެރިންގެ އިރުޝާދާ ވެސް އެކުގައި ކަމަށެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ފަހު، ކެނދިކުޅުދޫގައި ހުއިފިލަނޑާ އާލާކުރާ ސަރަޙައްދަށް އެމަނިކުފާނު އެރިވަޑައިގެން، ހުއިފިލަނޑާ ނެންގެވުމުގެ މަސައްކަތް ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސްޓޭޓް މިނިސްޓަރުން ވެސް ހުއިފިލަނޑާ ނެންގެވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.