01 Apr 2019, 13:02
މި އަހަރުގެ މިހާތަނަށް ޖުމްލަ 1303 މީހަކަށް ޑެންގީ ހުން ޖެހުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މެއި އަދި ޖޫން މަހު ވެސް އެ ބަލިޖެހޭ މިންވަރު އިތުރުވެދާނެ ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުގައި ޑެންގީ ހުންޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ހއ، ރ، އދ، ލ. އަދި ގދ.ގެ ރަށްތަކުންނެވެ. އަތޮޅުތަކުން ޖުމްލަ 909 ކޭސް ރިޕޯޓްކުރި އިރު މާލެ ހުޅުމާލެ އަދި ވިލިމާލެއިން ޖުމްލަ 394 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ 10 އަހަރުން ދަށުގެ ކުޑަކުދިންނާއި 25 އަހަރުން މަތީގެ މީހުން ކަމަށެވެ.
ޗިކަންގުންޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ފަހުން ރާއްޖޭގައި އެ ބަލީގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނަ އަހަރުގަ އެވެ. އަދި އޭގެ ފަހުން މަދު މަދުން ކޭސްތައް ރިޕޯޓްކުރި ނަމަވެސް މި އަހަރުގެ މިހާތަނަށް 421 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ބަލި އެންމެ ގިނައިން ޖެހެނީ 25 އަހަރުން މަތީގެ މީހުންނަށް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމާ އެފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ކެމްޕެއިނެއް ވެސް ވަނީ ލޯންޗްކޮށްފަ އެވެ.
އެ ކެމްޕެއިނުގެ ތެރެއިން އާންމުން ހޭލުންތެރިކުރުމާއި ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގަން ވަނީ ނިންމައިފަ އެވެ.