ރާއްޖޭގައި ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް އަޅައި 10 ޖޫނިއާ ހައި ސްކުލްގެ ތެރެއިން އެއް ސްކޫލް ނ.ކެނދިކުޅުދޫގައި އަޅާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ކެނދިކުޅުދުއަށް ވަޑައިގެން އެރަށު ސްކޫލުގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ، ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކައިގަ އެވެ.

މިއަދު ހަވީރު ކެނދިކުޅުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް އެކި ހިސާބުތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޖޫނިއާ 10 ހައި ސްކޫލުގެ ތެރެއިން އެއްސްކޫލް ބިނާކުރާނީ ކެނދިކުޅުދޫގައި ކަމަށާއި، އެހެން ރަށްރަށުން ކެނދިކުޅުދުއަށް ތަޢުލީމު ހާސިލު ކުރަންދާ ކުދިންނަށް އެ ސްކޫލްގެ ޑޯމިޓްރީގައި ތިބުމާއި، ކައިބޮއި ހެދުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި ޖޫނިއާ ހައި ސްކޫލްތަކުގައި ގްރޭޑް 11، 12ގެ އިތުރުން، ސެޓްފިކެޓާއި، ޑިޕްލޮމާ ފެންވަރަށް ކިޔަވައި ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޯލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ ޢަދަދު އިތުރުވުމުން، ރާއްޖެއިން މަތީ ތަޢުލީމަށްދާ ކުދިންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއިން އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 60 ޕަސެންޓަކީ، ފަސް މާއްދާއިން ފާސްވާ ކުދިން ކަމަށް ހެއްދެވުމަކީ، ސަރުކާރުގެ އަމާޒުކަމަށްވާއިރު، އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްކޫލްތަކުގެ ކިޔަވައިދިނުން އެއްދަންފަޅިއަށް ބަދަލުކޮށް މިކަން ހާސިލުކުރުމަށް ސްކޫލްތަކަށް ބޭނުންވާނެ ޖާގަ ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާ ކަމަށެވެ.
ކެނދިކުޅުދޫ ސްކޫލުން މިއަހަރު އިނާމު ހާސިލު ކުރި ހުރިހާ ދަރިވަރުންނަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އިނާމު ނުލިބޭ ދަރިވަރުން، އާ ޢަޒުމަކާއެކު މަސައްކަތް ކުރުމަށް ވެސް ހިތްވަރު ދެއްވި އެވެ.