ރާއްޖޭގައި އެދުވަހަކު ހިނގާ ހުރިހާ ކުޅިވަރު ހަރަކާތްތަކުގެ މައުލޫމާތާއި އެންމެ ފަހުގެ އަޕްޑޭޓުތައް ބަލާލެވޭނެ ވެބްސައިޓެއް ހެދުމުގެ މަސައްކަތް ކުރުމަށް ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރީއަށް ދަންނަވާފައި ވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ރާއްޖޭގެ ހުރިހާ ރަށްތަކާ ބެހޭ މައުލޫމާތު ހިމެނޭގޮތަށް ޓުއަރިޒަމް މިނިސްޓަރީއިން ވަނީ "އައިލަންޑްސް ޑޮޓް އެމްވީ" ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފަ އެވެ. އަދި ހަމަ އެފަދައިން ރާއްޖޭގެ ކުޅިވަރުތަކާ ބެހޭ މައުލޫމާތުތައް ފަސޭހަ ކަމާ އެކު ހޯދޭނެ ވެބްސައިޓެއް ކައިރި މުސްތަގުބަލެއްގެ ތެރޭގައި ލޯންޗު ކުރުމުގެ މަސައްކަތް ފައްްޓަވާފައިވާ ކަމަށް ވަގުތީ ގޮތުން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރީއާ ހަވާލުވެ ހުންނެވި މިހާރުގެ ޓުއަރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުޒައިން

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކޮންމެ ރަށެއްގެ މައުލޫމާތުތައް ހިއްސާ ކުރެވިގެން ހެދިފައިވާ ޓުއަރިޒަމް ވެބްސައިޓު ފަދައިން ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ މައުލޫމާތުތަކާއި އެތަންތާ ހިންގާ ކުޅިވަރުތަކުގެ އިތުރުން މުސްތަގުބަލުގައި އެތަންތަނަށް އަންނާނެ ބަދަލުތައް ހިމެނޭ ގޮތަށް ވެބްސައިޓެއް ހެދުމުގެ މަސައްކަތް ކުރުމަށް މިހާރު ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރީއަށް ދަންނަވާފައި ވާނެ ކަމަށެވެ.

އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭން ކުޅިވަރާއި ގުޅުންހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައް ފިޔަވާ އެހެން ހުރިހާކަމެއް މިހާރު ނިމިފައިވާ އިރު ބާކީ އޮތީ މާލޭ ސަރަހައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލެއް އެޅުމުގެ މަސައްކަތް އެކަންޏެވެ. އެކަން ކުރާނެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއ ނަމަވެސް މަސައްކަތް ކުރަން ފެށޭނެ ދުވަހެއް އަދި ބުނަން ނޭންގޭ ކަމަށް ކުޅިވަރުގެ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަބަބަކީ އެ ޕްރޮޖެކްޓް ހިންގަން ހައުސިންގް އިން ހަމަޖެއްސި ބިމަކީ އަދި ބިޑަށް ލައިފައި އޮތް ބިމަކަށް ވެފައި މާލޭގެ ބިމުގެ ދަތިކަން ހުރި ގޮތުން އެހެން ސަރަހައްދެއްގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ޖާގަ ނެތުމެވެ. ނަމަވެސް އެ ބިމުގެ ބިޑް ސަރުކާރުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބިން ލިބުނުހާ އަވަހަކަށް އެކަމުގެ މަސައްކަތް ފެށޭނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ބައިތިއްބާ ކުޅިވަރުގެ ކަންކަން ސަރުކާރާ ގުޅިގެން ގެންދެވޭމެ ފަދަ ޕްލެޓްފޯމެއް ހެދިފައިވާ ކަމަށާއި ސަރުކާރު ނިމިގެންދާ އިރު ކުޅިވަަރު ކުޅޭނެ މަރުކަޒުތަކާއި ދަނޑުތައް ކޮންމެ ރަށެއްގައި ވެސް ހެދިގެން ދާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.