ދިއްލީ (އޭޕްރިލް 1): އިންޑިއާގައި މިމަހު ފެށޭ އާއްމު އިންތިހާބާ ދިމާކޮށް ރިޝްވަތުގެ ގޮތުގައި ދޭން އެއްކޮށްފައިވާ 70 މިލިއަން ޑޮލަރުގެ އަގުހުރު ފައިސާ އާއި ރަލާއި މަސްތުވާތަކެތި އެގައުމުގެ ފުލުހުން އަތުލައިފި އެވެ.

އިންޑިއާގެ އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރި ދުވަހުން ފެށިގެން އެގައުމުގެ ފުލުހުންނާއި ރެއިލްވޭ މުވައްޒަފުންނަށް ވަނީ، ވޯޓު ގަންނަން ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ރަލާއި ފައިސާ އާއި އެހެނިހެން މުދާ ހިފެހެއްޓުމަށް ވަގުތީ ބާރުތަކެއް ދީފަ އެވެ.

އަދި އަންނަ މަހުގެ 23ގައި އިންތިހާބުގެ ނަތީޖާ އިއުލާން ކުރަންދެން އެއް ކިލޯއަށް ވުރެ ގިނަ ރަނާއި ރިއްސާއި އެއް މިލިއަން ރުޕީސްއަށް ވުރެ ގިނަ ފައިސާ އެއް ފަހަރާ ގެންގުޅުން މަނާކޮށްފަ އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ފުލުހުން ވަނީ މިހާތަނަށް އެއޮޕަރޭޝަނުގެ ދަށުން 21.8 ބިލިއަން ޑޮލަރުގެ، (4.4 މިލިއަން ލީޓަރުގެ) ރާ އަތުލާފަ އެވެ. އަދި އެހާ ވަރަށް މަސްތުވާތަކެތިވެސް އަތުލައިގަނެފަ އެވެ. މީގެ އިތުރުން 1.7 މިލިއަން ޑޮލަރުގެ ފޯނާއި ޓީވީ އާއި އެހެނިހެން އިލެކްޓްރޯނިކް މުދާވެސް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން އިންތިހާބު ކުރަން ވޯޓުލުން ބާއްވާނީ މިމަހުގެ 11އިން ފެށިގެން އަންނަ މަހުގެ 19އާ ހަމައަށެވެ. އަދި އިންތިހާބުގެ ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުން އޮންނާނީ އަންނަ މަހުގެ 23ގަ އެވެ.