01 Apr 2019, 11:54
މިއަދުން ފެށިގެން މާލެ އާއި އެއް އަގަކަށް ރަށްރަށުގެ ކާޑުގެ އަގު ހެޔޮކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް، މާލެއެކޭ އެއް އަގެއްގައި ލިބޭނެ ކަމަށެވެ.
"މި މަސައްކަތުގައި އެސްޓީއޯ ގެ މެނޭޖުމެންޓު އަދި ސްޓާފުން ކޮށްދެއްވި އަގުހުރި މަސައްކަތަށް ޝުކުރު ދަންނަވަން،" ރައީސް ގެ ޓްވީޓުގައި ވިދާޅުވިއެވެ.
Alhugandu vaudhu vi gothah miadhun feshigen Rajjeyge hurihaa rasheh gaives kaadu ge baavaiythah (handoo, hakuru, fuh) Malé ekay eh agehgai ballavaiganeveyne. Mi masahkathugai@StoMaldivesPlcge management adhi staffun kohdhevvi aguhuri massahkathah shukuru dhannavan.
— Ibrahim Mohamed Solih (@ibusolih)April 1, 2019
އެސްޓީއޯ އިން ވަނީ ކާޑުގެ އަގު އެއްހަމަ ކުރުމަށް ރަށްރަށަށް ގެންދާ ކާޑު ބަސްތާ ތަކަށް އެސްޓީއޯއިން ނާލު ދައްކައިދޭން ނިންމައިފައެވެ.
"އަޅުގަނޑުމެން އަދި ފައިސާ ހަރަދުކޮށްގެން ހުރިހާ ރަށަކަށް ކާޑު ގެންދިޔަ ނަމަވެސް އެ ރަށުގައި ތިބޭ ކާޑު އެޖޭންޓުން އެ ވިއްކަވަން ޖެހޭނީ ރަސްމީކޮށް އިއުލާން ކޮށްފައިވާ އަގަށް،" އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މި ބަދަލާއެކު ހަނޑޫ ބަސްތާއެއް 199 ރުފިޔާއަށް ފުށް ބަސްތާއެއް 149 ރުފިޔާއަށް އަދި ހަކުރު ބަސްތާއެއް 200 ރުފިޔާއަށް ގަންނަން ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު ކަމަށެވެ.
ކާޑުގެ ބާވަތްތަކުގެ އަގު އެއްހަމަކޮށްފައިވާއިރު ކާޑުގެ ހެޔޮކުރަން މި އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ކާޑުގެ ބާވަތްތައް ސަބްސިޑައިޒްކުރުމަށް 230 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
ކާޑުގެ ބާވަތްތައް ރާއްޖޭގައި ވިއްކަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލު އަގެއްގައެވެ. ނަމަވެސް އެކި ސަރަހައްދުތަކުގައި މީގެ ކުރިން ކާޑު ވިއްކި އަގު ތަފާތެވެ. މިއަގު ކަނޑައަޅަނީ ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެންނެވެ. މިގޮތުން އެންމެ ބޮޑުކޮށް ކިލޯއެއް ވިއްކޭނެ އަގުވެސް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގައި ކާޑުގެ ބަޥަތްތަކުން ސަބްސިޑީ ކަނޑާލުމުން ކާޑުގެ އަގު އުފުލުނެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ކާޑުގެ އަގު ވަނީ އެ ސަރުކާރުގައި ހެޔޮކޮށްފައެވެ.