01 Apr 2019, 11:18
މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހޭނެ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފި އެވެ.
ޓްރޭޑް ޔޫނިއަން އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސޯދަކީ މަދު ސެކްޓާތަކެއްގެ މައްޗަށް ބިނާވެފައިވާ އިގްތިސޯދެއް ކަމަށާއި ރާއްޖޭގެ އިގްތިސޯދަކީ ކޮމާންޑް އިކޮނޮމީއެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ފެންނަނީ، އެފަދަ ވިޔަފާރިތައް ހަލާކު ކޮށްލުމަށް މަސައްކަތް ކުރަމުންދާތަން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިއަދު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް އުފެއްދުމަށް ސަރުކާރުން ސިޔާސަތުތައް އެކަށައަޅައިގެން ކުރިއަށްދާ އިރު، މި ސިޔާސަތުތަކާ ފުށުއަރާ، އަރާރުންވާ ބައެއް ސިޔާސަތުތަކުގެ ވާހަކަ ބައެއް ފަރާތްތަކުން ދައްކާ އަޑު މިވަނީ ގުގުމާލައިފަ އެވެ. އެގޮތުން އިގްތިސޯދަށް އެންމެ ލޮޅުން އަރާނެ ސިޔާސަތަކަށް ދައްކާ ވާހަކައަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ އެވެ." މިއީ ކޮމިޔުނިޒަމް އަދި ދާއިމީ ގޮތެއްގައި އިގްތިސޯދަށް ނުރަނގަޅު އަސަރު ކުރާނެ ވާތު ފިޔައިގެ ހަރުކަށި އުސޫލެއް ކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިމަމް ވޭޖުގެ ސަބަބުން ލޭބަރުންނަށް އޮންނަ ޑިމާންޑު ކުޑަވެ، މާކެޓުގައި ލޭބަރުންގެ ސަޕްލައި އިތުރުވާނެ ކަމަށް އެ ޔޫނިއަނުން ބުނެ އެވެ. އަދި އޭގެ ސަބަބުން މަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، ޕްރައިޒް އިންފްލޭޝަން މައްޗަށްދާނެ ކަމަށް ވެސް ބުންޏެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ މަދު އާމްދަނީ ލިބޭ މީހުންނަށް ކަމަށާއި މިއާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަންދުކުރަންޖެހި، ރާއްޖޭގެ އިގްތިސޯދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި ރާއްޖެ ފަދަ ބޭރުގެ އިންވެސްޓުމެންތުތަކަށް ބަރޯސާވާ އިގްތިސޯދެއްގައި މިއީ ނުވެ ނުދާނެ ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ސަބަބަކީ ރާއްޖެއަކީ ކަސްޓަމްސް ޑިއުޓީ އަދި ރެގްރެސިވް ޓެކްސް ވެސް ނެގޭ ގައުމަކަށްވެފައި، ވިޔަފާރިތަކަށް ލުއިތައް ނުދެވޭ އިގްތިސޯދެއް ގާއިމްކޮށްފައިވާ ގައުމަކަށް ވާތީ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ކޮންމެ އިގްތިސޯދީ މައްސަލައަކުން އުފެދޭ، ތަކުލީފާއި ބުރަ، އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދަށްކޮށް އާމްދަނީ ލިބޭ ފަރާތްތައް އުފުލަން ޖެހުމެވެ،"
ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި އިތުރަށް ބުނީ މިނިމަމް ވޭޖަކީ ފްރީ މާކެޓް އިކޮނޮމީގެ ހަމަތަކާ ހިލާފުކަމެއް ކަމަށެވެ. އެ ބަޔާނުގައި ބުނީ ދިވެހި ވަޒީފާގެ ބާޒާރުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިނިމަމް ވޭޖު ކަނޑައެޅިފައި ނެތުން ނޫން ކަމަށާއި އޭގެ ސަބަބަކީ ޓޫރިޒަމް ސެކްޓާގެ ވިޔަފާރިތަކަށް އިންވެސްޓްކުރާ ބޮޑެތި ކުންފުނިތަކަކީ ބޭރުގެ ކުންފުނިތަކަށްވެފައި، އެ ވިޔަފާރިތައް ކޮންޓްރޯލު ކުރާ މީހުންނާއި އިންސާނީ ވަސީލަތްތައް ބަލަހައްޓާ މީހުންނަކީ ބިދޭސީންނަށް ވުމުން، ދިވެހިންގެ ކިބައިގައި ގާބިލްކަން ނެތް ކަމަށް ދައްކައި މަތީ އުޖޫރަތައް ލިބޭ ވަޒީފާތައް ބޭރު މީހުންނަށް ދިނުން ކަމަށެވެ.
"ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުފެދިފައިވާ މި ނާޒުކު މައްސަލައަށާއި ގޮންޖެހުންތަކަށް ސަމާލުކަން ނުދީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކަ ދެއްކުމަކީ ދިވެހި ވަޒީފާގެ ބާޒާރުގައި ހުރި އަސްލު މައްސަލަތަކުން އަރައިގަންނަން ނޫޅި، އިތުރު އިގްތިސޯދީ މައްސަލައެއް އުފައްދާ، ރާއްޖޭގެ އިގްތިސޯދު އިތުރަށް ބަލިކަށިކޮށްލުމަށް ދެކެވޭ ވާހަކައެއް ކަމުގައި ބެލެވެ އެވެ."
މިއާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސްފި ނަމަ، އޭގެ އަސަރު ބޮޑެތި ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށާއި އެހެންކަމުން އެއްވެސް ދިރާސާއެއް ނެތި މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.