ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން ޝަރީއަތާއި ގާނޫނުގެ ކޯސް ހަދަމުންދާ ގއ. ދާންދޫ ބީޗްވިލާ މެހެނާޒް ހުސެއިން އަންނަ އަހަރުން ފެށިގެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ކުލާހަށް އަތުވެއްޖެ ނަމަ ކުލާހަށް ނުވަދެވޭނެ ކަމަށް ކުއްލިއްޔާގެ ރެކްޓާ ޑރ. އިބުރާހިމް ޒަކަރިއްޔާ މޫސާ އަންގާފައިވާތީ މޫނުބުރުގާ އެޅުމަކީ ދީނީ އަދި ގާނޫނީ ހަމަތަކުގެމަތިން މަނާކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް މެހެނާޒް ސިވިލްކޯޓުގައި ދައުވާކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މެހެނާޒްގެ ކޯސް ސްޕޮންސާކޮށްފައިވާ މީނާޒް ލޯފާމުން މިއަދު ބުނީ އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އެ މައްސަލަ މިއަދު ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
ސަން އަށް ކޮޕީ ލިބިފައިވާ އެ މައްސަލައިގެ ދައުވާ ފޯމްގައި ބުނެފައި ވަނީ ކުއްލިއްޔާގެ ގަވާއިދުގައި މޫނުބުރުގާ އެޅުމަށް ހުރަސްއެޅޭފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ. އަދި މިކަމަކީ ގާނޫނު އަސާސީގައި ވެސް މަނާކޮށްފައިވާ ކަމެއް ނޫންކަމަށް ވެސް ދައުވާ ފޯމްގައިވެ އެވެ.

ކުއްލިއްޔާއަކީ ގައުމީ ޔުނިވާސިޓީ ބަޔަކަށް ނުވާހިނދު އަދި ކުއްލިއްޔާގެ ދަރިވަރުންގެ ހެދުން އެޅުމާ ބެހޭ ގަވާއިދުގައި މޫނު ބުރުގާ އެޅުމަށް ހުރަސްއެޅޭ އެއްވެސް މާއްދާއެއް ނެތް ހިނދު އަދި ގާނޫނު އަސާސީގައި ވެސް މޫނުބުރުގާ އެޅުން މަނާކޮށްފައިނުވާހިނދު އެކަމަކީ މަނާކުރެވޭނެކަމެއް ނޫންކަމަށް ވެސް އެ ދައުވާ ފޯމްގައިވެ އެވެ.

އަދި އެދަވުވާ ފޯމްގައި ވަނީ ކުއްލިއްޔާއަކީ އިސްލާމީ ތައުލީމުދޭ ތަނަކަށްވާތީ، ކުއްލިއްޔާގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުން ކުއްލިއްޔާގައި އުޅޭއިރު ހެދުން އަޅަންވާނީ އިސްލާމީ ރިވެތި އަހުލާގާއި އެއްގޮތަށް ކަމަށް ކުއްލިއްޔާގެ ދަރިވަރުންގެ ހެދުންއެޅުމާ ބެހޭ ގަވާއިދުގެ 5.1 ވަނަ މާއްދާގައި ބުނެފައިވާ އިރު ހަމަ އެ ގަވާއިދުގެ 5.2 ގައި "ދަރިވަރުން މުހާޟަރާތަކަށާއި ޓިއުޓޯރިއަލް ގަޑިތަކަށާއި ޖަލްސާތަކަށާއި އެންމެހައި ރަސްމީ ކަންތައްތަކަށް ކުއްލިއްޔާއަށް ހާޒިރުވާން ވާނީ އިސްލާމީ ރިވެތި އަހުލާގާއި އެއްގޮތަށް" ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސްބާވަތެއްގެ ތަފާތުކުރުމެއްނެތި އުނގެނުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަމަށް ވެސް އެ ދައުވާފޯމްގައި ބުނެފައިވެ އެވެ.