ސަރުކާރު ހިންގާ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑާ ހަވާލުކޮށްގެން ބިން ހިއްކާ މަޝްރޫއު، 21 މިލިއަން ޑޮލަރުގެ ތިލަފުށި ހިއްކުމުގެ މަޝްޜޫއު ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖާ ކޯޕަރޭޓް އެފެއާޒު އެންޑް ލީގަލް، މުހައްމަދު ލަތީފު މިއަދު ވިދާޅުވީ 157 ހެކްޓަރުގެ ބިން ހިއްކުމަށް އެގްރީމަންޓްކޮށްގެން ފަށާފައިވާ މަޝްރޫއުގެ މަސައްކަތް 30 ވަރަކަށް ހެކްޓަރު ހިއްކުމަށް ފަހު، މެދުކަނޑާލީ ޝޯ ލައިން ޕްރޮޓެކްޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް "އިންޑިޕެންޑެންޓް އިންޖިނިއަރު ލަފާ ދެއްވުމާ ގުޅިގެން" އަދި ބޯޑުން ކަމަށެވެ.

ނަމަވެސް އެ އިންޑިޕެންޑެންޑެންޓް އިންޖިނައަރަކީ ކޮބައި ކަމެއް ލަތީފު ވިދާޅެއް ނުވެ އެވެ.

ލަތީފު ވިދާޅުވީ މަސައްކަތް ހުއްޓާލީ އެ ކޯޕަރޭޝަނުން އަންގާތާ 30 ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ޝަރުތުކޮށް ކަމަށެވެ. ނަމަވެސް ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ފެއްޓޭނެ އިރެއް އަދި ނިމޭނެ އިރެއް އޭނާ ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތަކީ ހިއްކުމުގެ ބޭރު މަސައްކަތެއް ކަމަށެވެ.

ހިއްކުމާ އެކު އެކީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެތޯ އާއި އަދި މަޝްރޫއުގެ މަސައްކަތް ފެއްޓި އިރު އެކަން ކުރުމަށް ކަނޑައަޅާފައި އޮތީ ކޮން ގޮތަކަށްތޯ ދެންނެވުމުން ލަތީފު ވިދާޅުވީ އޭރު އެކަން ކަނޑައަޅާފައި އޮތީ ދެ މަސައްކަތް އެއްކޮށް ގެންދިއުމަށް ކަމަށާއި ނަމަވެސް އިންޖިނިއަރު މިހާރު ލަފާ ދެއްވަނީ އެ ދެ މަސައްކަތް އެކުއެކީ ނުގެންދެވޭނެ ކަމަށް ކަމަށެވެ.

ޝޯ ޕްރޮޓެކްޝަންގެ މަސައްކަތަށް ތިލަފުށި ހިއްކުމުގެ މަސަކަތް މެދުކަނޑާލި އިރު، ތިލަފުށި ހިއްކުމަށް ބޭނުން ކުރި އެންމެ ބޮޑު ކޮންނަ ބޯޓު ވަނީ، ހެވީލޯޑުން ހިއްކުމަށް ހަވާލުވެފައިވާ، ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އަޅާ ސަރައްދު ހިއްކުމަށް ގެންގޮސްފަ އެވެ. އެކަން ވަނީ ހެވީލޯޑްގެ ސީއީއޯ އިސްމާއީލް ނާޝިދު ވެސް ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ލަތީފު ވެސް ވިދާޅުވީ އެންމެ ބޮޑު ޑްރެޖަރު މިހާރު ހެވީލޯޑުން ގެންގޮސްފައިވާ ކަމަށެވެ.

ހުޅުމާލޭ އިރުމަތީ ފަރާތުގައި ހަދާ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ބިން ހިއްކުމުގެ މަސައްކަތް ހެވީ ލޯޑުން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް ދުވަހު ނޫސް ހަވީރު ބުނެ އެވެ.

އާ ޓާމިނަލް އަޅާ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ ކިހާ ވަރަކަށް ކަމެއް ޖީއެމްއާރަކުން ނުބުނެ އެވެ. ނަމަވެސް އެ ކުންފުނިން އޯގަސްޓް މަހު ފަހުކޮޅު ބުނީ، އާ ޓާމިނަލް އަޅާތަން ހިއްކުމުގެ މަސައްކަތް، ޖީއެމްއާރުގެ ސަބްސިޑަރީ ކުންފުނި، ޖީއެމްއާރު އެއާޕޯޓް ޑިވޮލަޕްމަންޓް ލިމިޓެޑް]ޖީއޭޑީއެލް[ މެދުވެރިކޮށް ހެވީލޯޑާ ހަވާލުކުރި ކަމަށެވެ. އަދި ބުނީ އާ ޓާމިނަލް އަޅާ ބިން ހިއްކުމަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

ބޮސްކާލިސް އިންޓަނޭޝަނަލްގެ އޮފިޝަލަކު ވިދާޅުވީ ޖީއެމްއާރުން އާ ޓާމިނަލް ހިއްކުމަށް ހުޅުވާލި ޕްރޮޖެކްޓަށް ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ އެ ކުންފުނިން ކަމަށާއި ނަމަވެސް ފަހުން ޖީއެމްއާރުން ބީލަން ކެންސަލް ކުރީ ކަމަށެވެ. އޭނާ ވިދާޅުވީ އާ ޓާމިނަލް އަޅާ ބިން ހިއްކުމަށް އެ ކުންފުނިން ހުށަހެޅީ 17 މިލިން ޑޮލަރު ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ޖީއެމްއާރުގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.