21 May 2019, 23:45
ނަބިއްޔުންގެ ތާރީހުން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ ކެތްތެރިކަމެވެ. އެހެންނަމަވެސް ކެތްތެރިކަމުގައި އެއް ނަބިއްޔެއްގެ ވާހަކަ ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެއީ އައްޔޫބުގެފާނުގެ ވާހަކައެވެ. ކެތްތެރިކަމުގައި މިސާލު ޖެހެވޭ ފަދަ ވާހަކައަކަށް އެކަލޭގެފާނުގެ ވާހަކަ ވަނީ ވެފައެވެ.
"ނަބީބޭކަލުންނަށް ނިސްބަތް ކުރެވޭ ތަންތަން މިޞްރާއި ފަލަސްޠީނާއި ލުބްނާނާއި އުރްދުން އާއި ސޫރިޔާއާއި ތުރުކީއާއި ޢިރާޤާއި ސަޢުދީޢަރަބިއްޔާ އާއި ޔަމަނާއި އޮމާނުގައި އެބަ ހުރި. މި ތަންތަން ހުންނަ ތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ. ކުރީގެ މީހުން އެ ތަންތަން ހަލާކު ނުކޮށް ހުރީމާ މިއަދު އަހަރެމެންނަށް އެ ތަންތަން ފެންނާން ހުރީ. ކީރިތި މާތް ނަބިއްޔާގެ ސަހާބީން ވެސް މި ހުރިހާ ބިމަކަށް ވަޑައިގަތް. އެބޭކަލުން ވެސް މި ތަންތަން ނައްތައެއް ނުލައްވާ. މިހާރުގެ ބައެއް މީހުންގެ ވިސްނުން މާ ހަރުކަށި ވެގެން އެތަންތަނާ ދިމާކޮށްލައިގެން އުޅެނީ." ދާޢީ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
"އެހެން ނަބިއްޔުންގެ ނުބުއްވަތުގެ ދައުރާ ބެހޭ ގޮތުން ލިބޭން ހުރި މައުލޫމާތާ ވަރަށް ތަފާތު އަދި މަދު މައުލޫމާތު ކޮޅެއް އައްޔޫބުގެފާނުގެ ނުބުއްވަތާ ބެހޭ ގޮތުން ލިބެނީ. އެހެންނަމަވެސް އެކަލޭގެފާނަށް ދިމާވި ހާލަތު ވަރަށް ތަފްސީލުކޮށް އެނގޭ. އެ ހާލަތަކީ އެއިން އަޅުގަނޑުމެން އިބްރަތް ހާސިލު ކުރަން ޖެހޭ ހާލަތެއް. ވަރަށް ގިނަ ދަރުސް ލިއްބައިދޭ ޙާލަތެއް." އަޙްމަދު ހުލައިލު ވިދާޅުވިއެވެ.
ސޫރިޔާގައި ހުރި، އައްޔޫބުގެފާނަށް ނިސްބަތް ކުރެވޭ ތަންތަން އެ ގައުމުގެ އުތުރާއި ދެކުނުގައި އެބަ ހުއްޓެވެ. މި ގޮތުން އެކަލޭގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅެއް ސޫރިޔާގެ އުތުރުގައި ހުރި ފަދައިން ސޫރިޔާގެ ދެކުނުގައި ވެސް އެބަ ހުށްޓެވެ.
"އައްޔޫބުގެފާނަކީ އިބްރާހީމުގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔެއް. ވީމާ އެކަލޭގެފާނުގެ ނުބުއްވަތުގެ ދައުރަކީ ޔޫސުފުގެފާނާއި މޫސާގެފާނާ ދެމެދުގެ ދައުރުކަމަށް ބެލެވޭ. ބުނެވޭ ގޮތުގައި އައްޔޫބުގެފާނުގެ މަންމާފުޅަކީ ލޫޠުގެފާނުގެ ދަރިކަނބަލެއް." ޑރ. މުޙައްމަދު އަލްޢާޝޫރު ވިދާޅުވިއެވެ.
އައްޔޫބުގެފާނުގެ ވާހަކަ އަޅުގަނޑުމެން ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމުން ދެން ހުރި ވާހަކަތައް ގެނެސްދޭނީ މީގެ ދެވަނަ ބައިގައެވެ.