20 May 2019, 23:19
ޝުޢައިބުގެފާނުން އުޅުއްވި ބިމާ ބެހޭ ގޮތުން އިއްތިފާގު ވެވޭ މާ ގިނަ ކަންތައްތަކެއް ނެތެވެ. މި ގޮތުން އެކަލޭގެފާނު އުޅުއްވި މަދްޔަނާއި އައިކާއަކީ މިއަދުގެ ކޮން ތަންތަނެއް ތޯ ސީދާ ކަނޑައެޅިގެން ބުނާން އުނދަގުލެވެ.
ބުނެވޭ ގޮތުގައި މަދްޔަން އޮތީ މިހާރުގެ އުރްދުންގެ ދެކުނުގައި އޮތް މަޢާން އެވެ ކިޔޭ ގަރިޔާއާ ގާތުގައެވެ. ނުވަތަ ސަޢޫދީ ޢަރަބިއްޔާގެ އުތުރު ބިތުގައެވެ. އެއީ އަގަބާގެ ހަލީޖުގެ އަނގަމަތީގައެވެ. އަދި އެ ރަށް އޮތީ މިހާރުގެ އުރްދުންގެ މެދުތެރޭގައި އޮންނަ ސަލްޠު ޝަހަރުގެ ކައިރީގައި އޮންނަ ވާދީ ޝުޢައިބޭ ކިޔޭ ސަރަހައްދުގައި ކަމަށް ވެސް ބުނެވެއެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ ޝުޢައިބުގެފާނުން އުޅުއްވީ ވާދީ ޝުޢައިބޭ ކިޔޭ ސަރަހައްދުގައި ކަމަށް. އެ ތަނުގައި އެކަލޭގެފާނުގެ މަގާމުފުޅެއް ވެސް އެބަ ހުރި. އެކަލޭގެފާނަކީ ނަބީ ބޭކަލުންގެ ޚަޠީބު." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.
"މަދްޔަން އޮތީ ލޫޠުގެފާނުގެ ގައުމާ މާ ދުރު ނޫން ހިސާބެއްގައި. މަދްޔަން އޮތް ތަނަކީ މިހާރުގެ ގޮތުން ބަލާ ނަމަ އުރްދުން. ސަލްޠު ޝަހަރާ ގާތުގައި އޮންނަ ވާދީ ޝުޢައިބަކީ މަދްޔަންގެ ސަރަޙައްދު ކަމަށް ބުރަ ވެވެނީ. އެ ތަނުގައި އެބަ ހުރި ޝުޢައިބުގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅެއް ވެސް. އަދި ޝުޢައިބުގެފާނުގެ ޤަބުރުފުޅު ކަމަށް ބުނެވޭ މަހާނައެއް ވެސް. ޤުރްއާނުން ވެސް އެނގޭ އެ ރަށް އޮތީ ލޫޠުގެފާނުގެ ރަށާ މާ ދުރު ނޫން ހިސާބެއްގައި ކަން. ވީމާ އެނގޭ މަދްޔަންގެ މީހުންނަށް ލޫޠުގެފާނުގެ ގައުމުގެ ވާހަކަ އެނގޭކަން. " ޑރ. ޢަލީ ފަޤީރު ވިދާޅުވިއެވެ.
ޝުޢައިބުގެފާނާ ގުޅޭ ގޮތުން ޤުރްއާނުގައި އައިސްފައި ހުރި އާޔަތްތަކުން އެނގޭ ގޮތުގައި އެކަލޭގެފާނު ފޮނުއްވުނީ މަދްޔަނަށާއި އައިކާއަށެވެ. އައިކާގެ މާނައަކީ ފެހިކަންގަދަ އަދި ބޯކޮށް ގަސް ހެދިފައި ހުންނަ ހިސާބެވެ. މި މާނައަށް ބަލާއިރު އައިކާއަކީ ވަކި ރަށެއް ކަމުގައި ވުމުގެ ބަދަލުގައި އެއީ އެއް ރަށުގެ ވާހަކަ ކަމުގައި ވެސް ފަހަރެއްގައި ވެދާނެއެވެ. ޒަމާނުގެ ގޮތުންނާއި މަކާނުގެ ގޮތުން ވެސް ޝުޢައިބުގެފާނުގެ ގައުމުގެ މީހުން ތިބީ ލޫޠުގެފާނުގެ ގައުމާ ދުރުގައި ނޫންކަން އެނގެއެވެ. އެއީ ބަޙްރުލްމައްޔިތީގެ އައްސޭރިފަށެވެ.
"ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފަ. ޝުޢައިބުގެފާނު ފޮނުއްވުނީ މަދްޔަނަށް ކަމަށް އޮންނަ ވަރަށް ސާފު އާޔަތެއް އޮވޭ. އަދި ހަމައެހެންމެ އެހެން އާޔަތެއްގައި ވަނީ ރަށުގެ ނަން ބަޔާން ނުކުރައްވައި ރަށް ސިފަ ކޮށްދެއްވައިފައި. އެއީ އައިކާ މި ކަލިމައިން. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ތަފާތު ދެ ޝަހަރެއް ނޫން. ނުވަތަ ދެ ގަރިޔާއެއް ނޫން. އެއީ އެއް ރަށެއް. އެ ރަށުގެ ނަމަކީ މަދްޔަން. އެ ރަށުގެ ސިފައަކީ އައިކާ. ޔަޢުނީ ބޯކޮށް ގަސް ހެދިފައި އޮތުން." ޢަބްދު ﷲ އަލްޢުވައިދު ވިދާޅުވިއެވެ.
"މަދްޔަނަކީ ރަށް. އައިކާއަކީ އެ ރަށުގެ ސިފަ. ވާދީ ޝުޢައިބުގަ ހުންނާނެ އިރު ނުފެންނަ ތަންތަން. ގަސްތައް ބޯ ކަމުން. މިއަދުވެސް އެ ކަން. އެ ގޮތަށް އެބަ އޮތް. އެހެންވީމާ އެމީހުންނަކީ ބިޔަ ގަސްތަކުގެ އަހުލުވެރީން. އަދި އެމީހުންނަކީ މަދްޔަނުގެ އަހުލުވެރީން. އެމީހުންނަކީ ކާބޯތަކެތީގެ ނިޢުމަތް ލިބިގެންވީ ބައެއް. އެއާ އެކުވެސް އެމީހުން ދިޔައީ މިނެ ކިރުމުގައި މަކަރު ހަދަމުން. އޮޅުވައިލަމުން." ޑރ. ޢަލީ ފަޤީރު ވިދާޅުވިއެވެ.
ފެހިކަން ގަދަ ވާދީއެއް ކަމުގައި ވާ މަދްޔަންގައި ޢަރަބި ގަބީލާއެއްގެ މީހުން ދިރިއުޅުނެވެ. އެއީ މީގެ 3500 ވަރަކަށް އަހަރު ކުރީންނެވެ. އެ ތަނުގައި ބާޒާރުތަކާއި ރަށްވެހިކަމުގެ ސިފަތައް ހުށްޓެވެ. އެހެންނަމަވެސް އެމީހުން އަޅުކަން ކުރަމުން ދިޔައީ ބުދަށެވެ. މިނެކިރުމުގައި ދިޔައީ މަކަރު ހަދަމުންނެވެ. އަދި އެމީހުންނަކީ މަގު ފޭރުނު ބައެއް ވެސް މެއެވެ. ހަމަ އެހެންމ މުޖުތަމައު ފަސާދަ ވާ ފަދަ އާދަކާދަތައް ދިޔައީ އެބައިމީހުންގެ ތެރޭގައި އާއްމު ވަމުންނެވެ.
"އެމީހުންގެ އަމަލުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑުކޮށް އެނގޭން އޮތީ މިނުމުގައި އޮޅުވައިލުން. މީހުން އަތުން ލިބޭން ޖެހޭ ވަރަށް ވުރެން ގިނައިން އަތުލުމާއި، މީހުންނަށް ދޭން ޖެހޭ ތަކެތި ދޭން ޖެހޭ ވަރަށް ވުރެ މަދުން ދިނުން. މިއީ ވެސް އެމީހުންގެ ތެރޭގައި އޮތް ނުބައި އާދައެއް." ޑރ. ޢަލީ ފަޤީރު ވިދާޅުވިއެވެ.
"އެ ގައުމުގެ މީހުން ތިބީ މިނެކިރުމުގައި މަކަރު ހެދުމުގައި ވަރަށް އަރައި ތިބި ބައެއްގެ ގޮތުގައި. އެމީހުންނަކީ މަގު ފޭރުނު ބައެއް. އެހެންމީހުންނާ މުއާމަލާތް ކުރުމުގައި ވަރަށް ނުބައި ބައެއް އެމީހުންނަކީ. އަމިއްލަށް ގިނައިން ލިބިގަތުމާއި މީހުންނަށް މަދުން ދިނުން. މިއީ އެމީހުންގެ ތެރޭގައި އޮތް ކަންކަން." އަޙްމަދު ހުލައިލު ވިދާޅުވިއެވެ.
ﷲ އެ ގައުމުގެ މީހުންގެ ގާތަށް ޝުޢައިބުގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނު ގެންދެވީ އެމީހުން ކުރަމުން ދިޔަ ނުބައި ޢަމަލުތައް ތަކުރާރު ނުކޮށް ތައުބާ ވުމަށް އިރުޝާދު ދެއްވަމުންނެވެ. އެކަލޭގެފާނަކީ ބަލާޣަތްތެރި ވާހަކަ ދެއްކުންތެރިއެކެވެ.
"ޝުޢައިބުގެފާނުން ގެންދެވީ އެމީހުންނަށް ވިސްނޭނޭ ހެން ހުއްޖަތްތައް ދައްކަވަމުން. ދީނީ ގޮތުންނާއި އަގަލީ ގޮތުން ވެސް ހުއްޖަތް ދައްކަވަމުން. ﷲ ގެ ސަވާބަށް ހިތް ޖެއްސުމަށް ވާހަކަ ދައްކަވާ ފަދައިން ﷲ ގެ އަޒާބަށް ބިރުވެތި ކުރުމަށް ވެސް އެކަލޭގެފާނު ގެންދެވީ ވާހަކަ ދައްކަވަމުން. އެމީހުން ބުނަމުން ދިޔަ. އޭ ޝުޢައިބުގެފާނޭ. ކަލޭގެފާނުން ތިޔަ ވިދާޅުވާ ވާހަކަފުޅުތައް ތިމަންނަމެންނަކަށް ނުވިސްނެޔޭ. ކަލޭގެފާނު ތިޔަ ވާހަކަ ދައްކަވާ ގޮތާއި ތިމަންމެން ވާހަކަ ދައްކާ ގޮތް ތަފާތޭ." ޢަބްދު ﷲ އަލްޢުވައިދު ވިދާޅުވިއެވެ.
"ސައްޔިދުނާ ޝުޢައިބު ޢަލައިހިއްސަލާމުގެ ލަގަބުފުޅެއްގެ ގޮތުގައި ކިޔަނީ، އެއީ ނަބީބޭކަލުންގެ ޚަޠީބު ކަމުގައި. އެކަލޭގެފާނަކީ ވާޣިޡެއް. ގައުމުގެ މީހުންނަށް އެކަލޭގެފާނު ނަސޭހަތް ދެއްވި. އަރަބީންގެ ތެރެއިން ފޮނުއްވުނު ހަތަރު ނަބީންގެ ތެރޭގައި ޝުޢައިބުގެފާނު ހިމެނޭ. އެއީ ޝުޢައިބުގެފާނާއި ހޫދުގެފާނާއި ޞާލިޙުގެފާނާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ." އަޙްމަދު ހުލައިލު ވިދާޅުވިއެވެ.
އެ ގައުމުގެ ކުރީގައި އުޅުނު އަދި އެ ގައުމުގެ ބިމާ ކައިރި ބިންތަކުގައި އުޅުނު ބައެއް ގައުމުތަކުގެ މީހުންނަށް ކޯފާ ލެއްވުނު ފަދައިން މަދްޔަނުގެ އަހުލުވެރީންނަށް ވެސް ކޯފާ ލައްވައިފާނޭ ކަމާ މެދު ޝުޢައިބުގެފާނު ގެންދެވީ އެމީހުންނަށް އިންޒާރު ދެއްވަމުންނެވެ. އެހެންނަމަވެސް ގައުމުގެ މީހުން ބުނަނީ އެމީހުން ކަންކަން ކުރާނީ އެމީހުން ބޭނުން ވާ ގޮތަށް ކަމުގައެވެ.
"ޝުޢައިބުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް އިންޒާރު ދިން. އެމީހުން ބުނި ގައުމު ދޫކޮށްފައި ދާށޭ. ނުވަތަ ތިމަންނަމެން ކަލޭގެފާނު ނެރޭނޫއޭ. ނޫނީ ތިމަންމެންގެ ދީނަށް ތަބާވާށޭ." އަޙްމަދު ހުލައިލު ވިދާޅުވިއެވެ.
އެމީހުންގެ ގޮތް ދޫނުކުރުމުގެ ނަތީޖާއަކަށް ވީ ﷲ ގެ އަޒާބު އެމީހުންގެ މައްޗަށް އައުމެވެ. ގަދަފަދަ ބިން ހެލުންތަކެއް އައެވެ. އެއިން ސަލާމަތް ވީ އީމާން ވެގެން ތިބި މައުޞޫމުންނާއި ޝުޢައިބުގެފާނު އެކަންޏެވެ.
"ސަމޫދުގެ މީހުންނަށް ވެސް އަޒާބު އައި ފަދައިން މަދްޔަނުގެ މީހުންނަށް ވެސް އަޒާބު އައި." އަޙްމަދު ހުލައިލު ވިދާޅުވިއެވެ.