07 May 2019, 14:12
ދެ ކޯރުގެ ދެމެދުގައި ވާ ބިމަކީ ނުވަތަ އިރާގަކީ ބިން މަތީގައި އެންމެ ފުރަތަމައަށް އިންސާނުން ދިރި އުޅޭން ފެށި ތަންތަނުގެ ތެރެއިން އެއް ތަނެވެ. އިރާގުގެ ބިމަކީ އިންސާނުން ދިރިއުޅުމަށް ބޭނުން ވާ އަސާސީ ހުރިހާ ވަސީލަތެއް ލިބޭން ހުރި ބިމެކެވެ. އެ ބިމުގައި ވާ އާސާރުތަކުން އެ ބިމުގެ ދޮށިކަން އެނގެއެވެ. އެ ބިމުގައި އުފެދިފައި ވާ ޙަޟާރަތްތަކުގެ ވަރުގަދަކަން އެނގެއެވެ.
މި ފަދަ އަނެއް ބިމަކީ މިސްރުގެ ނީލަ ކޯރުގެ ވަށައިގެން ވާ ބިމެވެ. އެ ވާދީގައި އުފެދުނު ޙަޟާރަތުން ދޫ ކޮށްފައި ވާ ތާރީޚީ ހެކިތަކުން އެނގޭ ގޮތުގައި އެ ބިމުގައި އިންސާނުން ދިރި އުޅޭން ފަށައިފައިވާތާ ބާރަ ހާހަށް ވުރެ ގިނަ އަހަރު ވެދާނެއެވެ.
އިރާގާ ބެހޭ ގޮތުން ފެންނާން ހުރި ފަތްފުށްތަކާއި އަދި މިސްރާ ބެހޭ ގޮތުން ފެންނާން ހުރި ފަތްފުށްތަކާއި، ހިލައިގައި ލިޔެވިފައި ވާ ލިޔުންތަކަށް ބަލާ އިރު، މިސްރާއި އިރާގާ ދެ ތަނުގައި ވެސް ﷲ ގެ އެއްކައުވަންތަކަމަށް ހެކި ވީ ބަޔަކު އުޅުނު ކަން އެނގެއެވެ. އަދި މިއީ މިސްރާއި އިރާގުގެ ތާރީހުގެ ވަރަށް ކުރީގެ ސަފްހާތަކެއް ކަން ވެސް އެނގެއެވެ.
ނަބީ ބޭކަލުން ގެންނެވި ޝަރީޢަތްތަކާއި އެ ޝަރީޢަތްތަކުގެ އަސަރު އެ ދެ ބިމުން ވެސް ފެންނާން އެބަ ހުށްޓެވެ. އެހެންނަމަވެސް ނޫހުގެފާނުގެ ކުރީން ވަޑައިގަތް ނަބީ ބޭކަލުންގެ ތެރެއިން ކަނޑަ އެޅިގެން ވަކި ނަބިއްޔަކާ މި ތާރީޚު ގުޅުވޭ ވަރަށް ހެކިތަކެއް ލިބިފައެއް ނުވެއެވެ. ނޫޙުގެފާނުގެ ކުރީން އަދި އާދަމުގެފާނުގެ ފަހުން ފޮނުއްވުނު ރަސޫލެއްގެ ގޮތުގައި އަދި ނަބިއްޔެއްގެ ގޮތުގައި ގުރުއާނުގައި އައިސްފައި ވަނީ އިދްރީސްގެފާނުގެ ނަންފުޅެވެ. އެހެންކަމުން އިރާގާއި މިސްރުގައި އޮތް އެއްކައުވަންތަކަމުގެ ތާރީޚު ގޮސް ގުޅެނީ އިދްރީސް ޢަލައިހިއްސަލާމާ ކަން ގަބޫލު ކުރެވެއެވެ.
މިހައި ތަނަށް ކުރެވިފައި ވާ ހުރިހާ އިލްމީ ދިރާސާއަކުން ވެސް އިޝާރާތް ކުރަނީ އިރާގާއި މިސްރަށް ފޮނުއްވުނު އެންމެ ފުރަތަމަ ނަބީ ބޭކަލަކީ އިދްރީސް ޢަލައިހިއްސަލާމު ކަމަށެވެ. އަދި ޠޫފާނުގެ ކުރީގައި އޮތް ދުނިޔެއަށް އާދަމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން ޝިޔުޘް ނުވަތަ ޝީސް ޢަލައިހިއްސަލާމްގެ ފަހުން ފޮނުއްވުނު ފުރަތަމަ ނަބިއްޔަކީ ވެސް އިދްރީސް ޢަލައިހިއްސަލާމް ކަމަށް ދިރާސާތަކުން ފެނެއެވެ. ބައެއް ދިރާސާވެރީން އާދަމުގެފާނުގެ ދަރިކަލުން ހާބީލްއަކީ ވެސް ނަބިއްޔެއް ކަމަށް ބަލައެވެ.

އިރާގުގެ ބާބިލް، އިދްރީސްގެފާނުގެ އުފަންވެ ވަޑައިގަތީ ބާބިލްގައި ކަމަށް ބުނެވޭ
ގިނަ ދިރާސާވެރީން ގަބޫލު ކުރައްވާ ގޮތުގައި އިދްރީސް ޢަލައިހިއްސަލާމް އުފަން ވެވަޑައިގަތީ އިރާގުގެ ބާބިލަށެވެ. އޭގެ ފަހުގައި އެކަލޭގެފާނު ދެން ވަޑައިގަތީ ފަލަސްޠީނުގެ ޚަލީލު ޝަހަރަށެވެ. އެހެންނަމަވެސް ޚަލީލު ޝަހަރަށް އެ ނަން ދެވުނީ އޭގެ މާ ފަހުންނެވެ. އެއީ ވަރަށް ގިނަ ނަބީބޭކަލުންގެ ތާރީޚާ ގުޅިފައި ވާ ތަނެކެވެ. އަދި ވަރަށް ގިނަ ނަބީންގެ ދަތުރުގެ މަންޒިލެކެވެ. ކަންޢާނީންގެ ބަހުން ޚަލީލު ޝަހަރަށް ކިޔަނީ ޙަބްރޫންއެވެ.

ޚަލީލު ޝަހަރު ނުވަތަ ޙަބްރޫން
ޚަލީލު ޝަހަރު ނުވަތަ ޙަބްރޫނުން ދެން އިދްރީސް ޢަލައިހިއްސަލާމް ވަޑައިގަތް ކަމަށް ބެލެވެނީ މިޞްރުގެ ސީނާ ސަރަޙައްދުން މިސްރުގެ ނީލަ ކޯރު ވަށައިގެން ވާ ވާދީއަށެވެ. އެކަލޭގެފާނު ގާއިމު ވެ ހުންނެވި ތަނެއް ކަމަށް ތާރީޚީ ހެކިތައް އިޝާރާތް ކުރަނީ މަންފު ނުވަތަ މަންފިސްއޭ ކިޔޭ ޝަހަރަށެވެ. އެއީ މިހާރުގެ ގޮތުން ބަލާ ނަމަ، ގާހިރާގެ ދެކުނުގައި ވާ ސަރަޙައްދެވެ. އެއީ ގަދީމީ މިސްރުގެ އެންމެ މުހިންމު އެއް ތަނެވެ. އަދި މީގެ 5000 އެތައް އަހަރެއް ކުރިއަށް ބަލާ އިރު، މިސްރުގެ ވެރިރަށް ވެސް މެއެވެ.
މިސްރުގެ މަންފު ޝަހަރު، އިދްރީސްގެފާނު ފަހުން އުޅުއްވީ މި ރަށުގައި
"ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި އައިސްފައި ވާ ވާހަކަތަކަށް ބަލާ އިރު، ފާހަގަ ކޮށް ލާން ޖެހޭ މުހިންމު ނުގުތާއެއް އެބަ އޮތް. އެކަލޭގެފާނަކީ ޞިއްދީޤެއް ކަމަށް ބަޔާން ކުރައްވައިފައި ވާ ކަން. ހުރިހާ ނަބީ ބޭކަލުންނަކީ ވެސް ތެދުވެރި ޞިއްދީޤުން ކަމަށް ވުމާ އެކު ވެސް، ނަބީ ބޭކަލުންގެ ވާހަކަތައް ގެންނެވުމުގައި ޞިއްދީޤު މި ލަފްޒު ކީރިތި ޤުރްއާނުގައި ގެންނަވައިފައި ވަނީ އެންމެ ތިން ވާހަކައިގައި. އެއީ ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމުގެ ވާހަކަ އާއި ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމުގެ ވާހަކަ އާއި ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމުގެ ވާހަކައިގައި. އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި ޞިއްދީޤު މި ލަފްޒު ބޭނުން ކުރައްވައިފައި ވާ ބޭފުޅުންނަކީ އުފަން މިޞްރު ނޫން ބޭފުޅުން. އެހެންނަމަވެސް އެ ބޭފުޅުންގެ ދައުވަތުގެ ހަޔާތްޕުޅުގެ ކޮންމެވެސް ހިސާބެއްގައި މިޞްރުގައި ދިރިއުޅުއްވައިފައި ތިއްބެވި ބޭފުޅުން. އިބްރާހީމްގެފާނަށް ބެލި ކަމަށް ވިޔަސް، އަދި ޔޫސުފުގެފާނަށް ބެލި ކަމަށް ވިޔަސް، މި ކަން އޮތީ މި ހެން. އެހެންކަމުން އިދްރީސްގެފާނާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މި ގޮތަށް. ބުނެވޭ ގޮތުގައި ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމަކީ ނަބީ ބޭކަލުންގެ ތަރުތީބުން ބަލާ އިރު، ތިންވަނަ ނަބިއްޔާ. އާދަމް ޢަލައިހިއްސަލާމާއި ޝީސް ޢަލައިހިއްސަލާމުގެ ފަހުން ދެން ފޮނުއްވި ނަބިއްޔަކީ އިދްރީސް ޢަލައިހިއްސަލާމް." މިޞްރުގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.
ﷲ ގެ ނަބިއްޔާ އިދްރީސް ޢަލައިހިއްސަލާމާ ބެހޭ ގޮތުން ލިބޭން ހުރީ ވަރަށް މަދު މަޢުލޫމާތެކެވެ. ގުރުއާނުގައި ވަނީ އެކަލޭގެފާނަކީ ޞިއްދީޤެއް ކަމުގައި ބަޔާން ކުރައްވައިފައެވެ. އަދި އެކަލޭގެފާނަކީ ކެތްތެރި ބޭކަލެއް ކަމުގައްޔާއި އެކަލޭގެފާނު މަތިވެރި މަގާމަކަށް އުފުއްލެވި ވާހަކަ ބަޔާން ކުރައްވައިފައެވެ.
ބަހަވީން ދެކެވަޑައިގަންނަވާ ގޮތުގައި "އިދްރީސް"، މި ނަންފުޅަކީ އަރަބި ނަންފުޅެކެވެ. އަރަބި އަސްލެއް އޮތް ނަންފުޅެކެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެ ނަންފުޅު ނެގެވިގެން ވަނީ "ދަރަސަ" އަދި "ދިރާސާ"ގެ އަސްލުންނެވެ.
އެހެންކަމާ އެކު އެ ނަންފުޅުގެ މާނައަކީ ކިޔެވުމާއި ކިޔަވައިދިނުމެވެ. އެ ނަންފުޅު އެކަލޭގެފާނަށް ދެއްވުނީ އެކަލޭގެފާނު ސަމާވީ ފޮތްތައް ވިދާޅުވި ލެއް ގިނަ ކަމުން ކަމަށް ބުނެވެއެވެ. އެކަލޭގެފާނާ މެދު ވާރިދު ވެފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި، އެކަލޭގެފާނު ވަނީ އާދަމުގެފާނުގެ ސުހުފުތަކާއި ޝީސް ނަބީ ކަލޭގެފާނުގެ ސުހުފުތައް ހިތްޕުޅުން ދަސް ކުރައްވައިފައެވެ. އަދި އެކަލޭގެފާނަށް "އިދްރީސް"ގެ ނަން ދެއްވުނީ އެންމެ ފުރަތަމައަށް ލިޔެ ކިޔާން ފެށްޓެވީ އެކަލޭގެފާނު ކަމަށް ވާތީ އެހެންވެ ކަމަށް ވެސް ބުނެވެއެވެ. ކީރިތި މާތް ރަސޫލާގެ ހަދީސްފުޅުތަކުން ވެސް އެނގޭ ގޮތުގައި އެންމެ ފުރަތަމައަށް އަކުރެއް ބޭނުންކޮށްގެން ލިޔާން ފެށި އިންސާނަކީ ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމެވެ.

އިދްރީސްގެފާނުގެ ކުރީގައި ލިޔެ އުޅުނީ ހިލަ ފަދަ ތަކެތީގައި ތަސްވީރު ކަނޑައިނަގައިގެން
"ކީރިތި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވައިފައި ވަނީ އެންމެ ފުރަތަމައަށް ލިޔުއްވާން ފެށްޓެވި ބޭފުޅަކީ އިދްރީސް ޢަލައިހިއްސަލާމު ކަމަށް. އެންމެ ފުރަތަމައަށް ގަލަން ބޭނުން ކުރައްވާން ފެށްޓެވީ އިދްރީސް ޢަލައިހިއްސަލާމު ކަމަށް. ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން އިދްރީސް ނަބީ ކަލޭގެފާނާ މެދު އައިސްފައި ވާ ޚަބަރުތަކުން ވެސް އިދްރީސް ނަބީ ކަލޭގެފާނުގެ ހަޔާތްޕުޅު ކޮންމެވެސް ވަރަކަށް ތަސައްވަރު ކުރެވިދާނެ. އެންމެ ފުރަތަމައަށް ގަލަމުން ލިޔުއްވީ އިދްރީސްގެފާނު. ކޮބައިތޯ އެންމެ ފުރަތަމައަށް ގަލަމުން ލިޔުއްވީއޭ ބުނާ ބަހުގެ މާނައަކީ؟ ކުރީން މީހުން ލިޔެކިޔައި އުޅުނީ އަކުރަކުން ނޫން. ހިލަ ފަދަ ތަކެތީގައި ތަސްވީރު ކުރަހައިގެން. ކަނޑައިނަގައިގެން. އެންމެ ފުރަތަމަ އަކުރެއް ތައާރަފު ކުރައްވައި ގަލަމާއި ކަރުދާހުގައި އެ އަކުރުން ލިޔުއްވާން ފެށްޓެވީ އިދްރީސްގެފާނު. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެކަލޭގެފާނުގެ ހަޔާތްޕުޅު ގުޅިފައި ވަނީ އިލްމާއި އިލްމު ފެތުރުއްވުމާ ކަން އެއިން ދަލީލު ކޮށް ދޭ." މިޞްރުގެ ކުރީގެ މުފްތީ ޑރ. ޢަލީ ޖުމްޢާ ވިދާޅުވިއެވެ.
މިކަމާ އެކު ވަރަށް ގިނަ ދިރާސާވެރީން ވަނީ އިދްރީސް ޢަލައިހިއްސަލާމުގެ ހަޔާތްޕުޅާ ބެހޭ ގޮތުން ދިރާސާތައް ކުރައްވައިފައެވެ. އިދްރީސްގެފާނުގެ ސުހުފު ކަމަށް ބުނެވޭ ސުހުފެއް ވެސް ތާރީހީ ފަތްފުށްތަކުން އެބަ ފެނެއެވެ.
"އިދްރީސް ޢަލައިހިއްސަލާމަށް ނިސްބަތް ކުރެވޭ ސުހުފުތަކެއް ވޭ. މި ސުހުފުތައް ޖަމާ ކުރެވި، ތަރުޖަމާ ކުރެވިފައި ވޭ. އެހެންނަމަވެސް މި ލިޔުންތަކަކީ އިދްރީސްގެފާނުގެ ސުހުފުތައް ކަން ޔަގީނެއް ނޫން. މި ލިޔުންތައް ވަނީ ދެ ތިން ފަހަރެއްގެ މަތީން ޝާއިއު ވެސް ކުރެވިފައި. އެހެންނަމަވެސް މި ސުހުފުތައް ނިސްބަތް ވަނީ ކީރިތި ގުރުއާނުގައި އެ ބޭކަލެއްގެ ވާހަކަ އައިސްފައި ވާ އިދްރީސްގެފާނަށް ބާ؟ ނުވަތަ ތައުރާތުގައި ނަންގަނެވިފައި ވާ އިޚްނޫޚްއަށް ބާ؟ ކީރިތި ގުރުއާނުގައި ނަންގަނެވިފައި ވާ އިދްރީސް ޢަލައިހިއްސަލާމަކީ އިލްމުވެރި އާލިމެއް. އަދި އެކަލޭގެފާނަކީ ނަބިއްޔެއް. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ އެންމެ ގަދީމީ ޒަމާނުގެ ނަބީ ބޭކަލުންގެ ތެރޭގައި. އެހެނީ އެކަލޭގެފާނަކީ ބޮޑު ފެނުގެ ޠޫފާނުގެ ކުރީގެ ނަބިއްޔެއް." ޑރ. ޢަލީ ޖުމްޢާ ވިދާޅުވިއެވެ.
އިދްރީސް ޢަލައިހިއްސަލާމާ މެދު ކުރެވިފައި ހުރި ދިރާސާތަކުގައި އެއް ކުރެވިފައި ވާ މައުލޫމާތުތަކާއި ހެކިތަކަށް ބަލާ އިރު، މިސްރުގައި ﷲ ގެ އެއްކައުވަންތަކަމަށް އީމާން ވީ ބަޔަކު، މިސްރުގެ ތާރީހުގެ އެންމެ ކުރީގެ ސަފްހާތަކުން ވެސް ފާހަގަ ކުރެވޭ ކަން މިސްރުގެ ގަދީމީ ފަތްފުށްތަކުން އެނގެއެވެ. ގަދީމީ ޒަމާނުގައި މިސްރަށް ފޮނުއްވި ނަބިއްޔަކު މިސްރުގެ ތާރީހުން ސާފުކޮށް ފެންނާން ނެތުމުން، މިސްރުން ފެންނާން ހުރި ނުބުއްވަތުގެ ހެކިތައް މުއައްރިޚުން ނިސްބަތް ކުރަނީ ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމަށެވެ.
"ތައުޙީދުގެ ރިސާލަތާއި ނުބުއްވަތުގެ އަސަރު މިސްރުގެ އާސާރީ ލިޔުންތަކާއި މިސްރުގެ ގަދީމީ ފަތްފުށްތަކުން ފެންނާން ހުރުމުން ކަށަވަރު ވަނީ މިސްރުގައި ނުބުއްވަތުގެ ތާރީހެއް އޮތް ކަން. މި ތާރީޚުގެ އުމުރަށް ބަލާ އިރު، މި ތާރީޚު ނިސްބަތް ކުރެވޭނީ ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމަށް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.
އިދްރީސް އަލައިހިއްސަލާމާއި މިސްރުގެ ގަދީމީ ރަސްކަލެއް ކަމަށް ވާ އަޚްނަޠޫންއަކީ އެއް ބޭފުޅެއް ކަމަށް ނުވަތަ އިދްރީސްގެފާނުގެ ނުބުއްވަތާއި އަޚްނާޠޫންއާ ގުޅުންތަކެއް ހުރި ކަން ފާހަގަ ކުރެއްވޭ ކަމަށް ބައެއް ދިރާސާވެރީން ވަނީ އެބޭފުޅުންގެ ދިރާސާތަކުގައި ހާމަ ކުރައްވައިފައެވެ. އަޚްނަޠޫންއަކީ ތައުޙީދުގެ އަގީދާގައި ސާބިތު ވެ ހުންނެވި ރަސްކަލެއް ކަން ތާރީޚުން އެނގެއެވެ.
"އަޚްނާޠޫންގެ ފަތްފުށްތަކަށް ބަލާ އިރު، އެ ރަސްގެފާނުގެ ދުޢާފުޅުތަކުގައްޔާއި ނަޝީދުތަކުން ތައުހީދުގެ އަގީދާ ފާޅުވޭ. މި ގޮތުން އެ ރަސްގެފާނު ވިދާޅުވެފައި ވޭ.
"ހައްގު އިލާހަކީ އިބަ އިލާހު! އެއްކައުވަންތަ އިލާހު! އިބަ އިލާހާ އެއްފަދައެއް ނުވޭ. އިބަ އިލާހު މި ދުނިޔެ އާއި ދުނިޔޭގައި ވާހައި ތަކެއްޗެއް ހައްދަވައިފައި ވަނީ އިބަ އިލާހު އިރާދަ ކުރެއްވި ގޮތަށް. އިބަ އިލާހަށް ޝަރީކަކު ނުވޭ!"
ތައުހީދުގެ މިފަދަ އެތައް ފިލާވަޅެއް މިސްރުގެ ގަދީމީ ތާރީހުގެ ފަތްފުށްތަކުން ފެންނާން އެބަ ހުރި. މި ހުރިހާ ކަމެއް ވެސް އިޝާރާތް ކުރަނީ ގަދީމީ މިސްރުގައި ނުބުއްވަތުގެ ތާރީހެއް އޮތް ކަމަށް. އެ ތާރީޚު ނިސްބަތް ވަނީ ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމަށް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.
އެހެންނަމަވެސް ބައެއް ދިރާސާވެރީން މި ކަމުގައި ގެންގުޅުއްވާ ވިސްނުންފުޅު ތަފާތެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގަދީމީ ޔޫނާނުގެ ފަލްސަފާއިން ވެސް އިދްރީސުގެފާނުގެ ނުބުއްވަތުގެ އަސަރުތައް ފާހަގަ ކުރެވެއެވެ. ހާއްސަ ގޮތެއްގައި އަރުސްތޫގެ ފަތްފުށްތަކުން އިދްރީސްގެފާނުގެ ނުބުއްވަތުގެ އަސަރުތައް ވަރަށް ބޮޑަށް ފެންނަ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ހަގީގަތުގައި ދިރާސާވެރީންގެ މި ވާހަކަފުޅުތަކާއި މިޞްރުގައި އޮތް ނުބުއްވަތު ތާރީޚާ ފުށުއެރުމެއް ނެތެވެ. ޔޫނާނީ ފަތްފުށްތަކުން ފެންނަކަމަށް ދިރާސާވެރީން ވިދާޅުވާ ސަމާވީ ފިލާވަޅުތައް މިޞްރާ ގުޅިފައިވާކަން ޔަގީނެވެ. ޔޫނާނަށް ތަހްޒީބާއި ތަމައްދުން އަދި އިލްމު ވާސިލުވެފައި ވަނީ މިސްރުން ކަމަށް ތާރީޚު ހެކި ދެއެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމް ޢަލައިހިއްސަލާމަށް ތަކެއްޗަށް ނަންކިޔުމުގެ ހުނަރާއި އިލްމު ދެއްވި ފަދައިން އިދްރީސް ޢަލައިހިއްސަލާމަށް ވަނީ ތަމައްދުނާއި ތަހްޒީބާއި ޙަޟާރާތަށް ބޭނުން ވާ ހުރިހައި ޢިލްމެއް ދެއްވައިފައި. މުޖުތަމަޢުގެ ކަންތައްތައް ހިންގާނެ ގޮތާއި، ދޭދޭ މީހުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކޮށް ގުޅިގެން ކުރިޔަށް ދިއުމުގެ އުސްލޫބާއި، ޙިކުމަތާއި މަންޠިޤާއި ފަލްސަފާގެ ޢިލްމު އެކަލޭގެފާނަށް ވަނީ ލިބިވަޑައިގެންފައި. އަދި ނުބުއްވަތުގެ މަތިވެރި ޝަރަފާއި މަސްއޫލިއްޔަތު ވަނީ ޙަވާލު ކުރެއްވިފައި. އަޅުގަނޑުމެންގެ ތެރޭގައި ކަންތައް އޮތީ ހުޅަނގުގައި އޮތް ފަދައަކުން ނޫން. ހުޅަނގުގައި ޙިކުމަތާއި ފަލްސަފާ ވެފައި ވަނީ ދީނުގެ ދުޝްމަނަކަށް. އެކަމަކު އަޅުގަނޑުމެންނަކީ ވަރުގަދަ ޙަޟާރަތެއްގެ އަހުލުވެރީން. ހިކުމަތާއި ފަލްސަފާ ވެފައި ވަނީ އަޅުގަނޑުމެންގެ ދީނުގައި ސާބިތު ވެ ތިބުމަށް އަބަދުވެސް އެހީތެރި ވެދޭ މަތިވެރި ޢިލްމަކަށް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޒަމާން ބަދަލު ވެ ދީނުގެ މަގުސަދުތަކާއި އުސޫލުތަކާ ދުރަށް ދެވި، ދީނަކީ އިންސާނާގެ ޙަޔާތުގެ ބަޔަކަށް ވުރެ ބޮޑަށް، ރަސްމުތަކުގެ މައްޗަށް އެކަނި ބިނާވެފައިވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވޭން ފަށައިފައެވެ. އިސްރާއީލީ ރިވާޔަތްތަކަށް ތަބާވާ މީހުން ގިނަ ވެ، ހަގީގަތަކީ ކޮބައިކަން ނޭނގޭ ހިސާބަށް ކަންތައް ވަނީ އޮޅުންބޮޅުން ވެފައެވެ. ޙިކުމަތާއި ބުއްދި ބޭނުން ކުރާން އަމުރު ކުރެއްވި ދީނުގެ އަހުލުވެރީން ވަނީ އެއީ ދީނުގެ ދުޝްމަނެއް ކަމުގައި ދެކޭން ފަށައިފައެވެ.
"ތާރީޚީ ރިވާޔަތްތަކުގައި އިދްރީސް ޢަލައިހިއްސަލާމާ ވަރަށް ގިނަ ޝަޚުޞިއްޔަތުތަކާ ގުޅުވާން މަސައްކަތް ކޮށްފައި ވޭ. މި ގޮތުން ބައެއް މީހުން ދަނީ އަބުލް ހޫލަކީ ވެސް ހަގީގަތުގައި އިދްރީސްގެފާނު ކަމަށް ބުނަމުން. މި ގޮތުން އެމީހުން ބުނަނީ އަބުލް ހޫލުގެ މޫނަކީ އިދްރީސް ޢަލައިހިއްސަލާމުގެ މޫނުފުޅު ކަމަށް. އެހެންނަމަވެސް މިއީ ސާބިތު ހެކި ތަކެއް ނެތް ހުސް ވާހަކަތަކެއް. އިދްރީސް ޢަލައިހިއްސަލާމަކީ ނަބިއްޔެއް. ޢާލިމެއް. ފަލަކުގެ ޢިލްމާއި ހަންދަސާގެ ޢިލްމާއި ތަމައްދުނާއި ޙަޟާރަތަށް ބޭނުން ވާ ޢިލްމުތައް ލިބިވަޑައިގެން ހުންނެވި އަދި އެ ޢިލްމު އުނގަންނައިދެއްވުމުގެ މަސައްކަތް ކުރެއްވި މުދައްރިސެއް. އިންސާނީ ޙަޟާރަތު ކުރި އަރައިގެން ދިއުމުގެ އެންމެ ބޮޑު ސަބަބު ކަމުގައިވާ ލިޔެކިޔުން ތަޢާރަފު ކުރެއްވީ އިދްރީސް ޢަލައިހިއްސަލާމް." ޑރ. ޢަލީ ޖުމްޢާ ވިދާޅުވިއެވެ.
"ކީރިތި މާތް ނަބިއްޔާގެ އިސްރާ އާއި މިޢުރާޖުގެ ރޭގައި އެކަލޭގެފާނާއި އިދްރީސް ޢަލައިހިއްސަލާމާ ހަތަރުވަނަ އުޑުން ބައްދަލު ވި ކަމަށް ރިވާ ވެގެން ވޭ. އަދި ލިޔެކިޔުމުގެ ތާރީޚާއި އެކަލޭގެފާނާ އޮތް ގުޅުން ހަދީސްތަކުން އެނގޭ. އަޅުގަނޑުމެންނަށް އޮތީ ޞައްޙަ ރިވާޔަތްތަކުގައި އިދްރީސްގެފާނާ މެދު އައިސްފައި ހުރި މައުލޫމާތަކަށް ވުރެ އިތުރު ނުކުރުން." ސަޢުދީޢަރަބިއްޔާގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ ޑރ. ޢަވަޟް އަލްޤަރްނީ ވިދާޅުވިއެވެ.
"ދިރާސާވެރީންނަށް ވަނީ އިދްރީސްގެފާނަށް ނިސްބަތް ކުރެވޭ ފަތްފުށްތަކެއް ފެނިފައި. ﷲ ސުބުޙާނަހޫ ވަތަޢާލާ އިދްރީސް ޢަލައިހިއްސަލާމަށް ދެއްވި ޢިލްމުތަކުގެ ވާހަކަ މި ފަތްފުށްތަކުގައި ވޭ. ފަލަކީ އިލްމާއި ހަންދަސާގެ ޢިލްމު ފަދަ ޢިލްމުތަކުގެ ވާހަކަ. އެ ޒަމާނުގައި ބިމުގައި ގާއިމު ވެފައި އޮތީ ހަތަރު ދައުލަތް." ޢިރާޤުގެ އިސްލާމީ ދާޢީއެއް ކަމުގައިވާ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
އިދްރީސް ޢަލައިހިއްސަލާމުގެ ނުބުއްވަތުގެ ތާރީޚާއި އިންސާނީ ތަމައްދުނުގެ ތާރީޚާ އޮތް ގުޅުން އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންނަމަވެސް މި ވާހަކަތަކަށް ބާރު ލިބޭ އާސާރުތަކާއި މާއްދީ ހެކިތައް މިހާރު ވެސް އެބަ ހުރިތޯ މިއީ އުފެދޭ ސުވާލެކެވެ.
"އިދްރީސްގެފާނަކީ ނޫޙުގެފާނަށް ވުރެ ވެސް ކުރީގެ ބޭފުޅެއް. އެއީ ޠޫފާނުގެ ކުރި. އެހެންކަމުން މާއްދީ އާސާރުތަކެއް މިއަދާ ހަމަޔަށް ހުރުމުގެ ފުރުސަތު ވަރަށް ކުޑަ. އެހެންނަމަވެސް އެކަލޭގެފާނުގެ ނުބުއްވަތުގެ އަސަރު ގަދީމީ ފަތްފުށްތަކުން އެބަ ފެނޭ. ތައުޙީދުގެ އަޤީދާގެ އަސަރު. އަދި އިންސާނީ ތަމައްދުނާއި ޙަޟާރަތުގެ އަސަރުތައް އެބަ ފެނޭ. މިއީ އިދްރީސްގެފާނު ދެއްވި ތަޢުލީމުގެ ނިޝާންތައް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.
އިދްރީސް ޢަލައިހިއްސަލާމާ މެދު ކުރެވޭ ދިރާސާތަކަށް އަދިވެސް ފުރިހަމަ ނިމުމެއް އައިސްފައި ނުވާ އިރު، އެކަލޭގެފާނާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައި އައިސްފައި ހުރި ބައެއް ވާހަކަތައް ތަފްސީރު ކުރުމުގައި ވެސް ޢިލްމުވެރީންގެ މެދުގައި ޚިލާފުތައް އެބަ ހުށްޓެވެ. އެކަލޭގެފާނު މަތިވެރި މަގާމަކަށް އުފުއްލެވި ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ. މި ބަސްފުޅުގެ މާނައަކީ ކޮބައިތޯއެވެ؟ މި ބަސްފުޅުގެ މުރާދަކީ ޢީސާ އަލައިހިއްސަލާމު ފަދައިން އުފުއްލެވި ވާހަކަތޯއެވެ؟ ނުވަތަ މި ދުނިޔޭގައި މަތިވެރި ދަރަޖައެއް ދެއްވި ވާހަކަތޯއެވެ؟
"މުތަވާތިރުކޮށް އައިސްފައި ހުރި ހަދީސްތަކުން އެނގޭ ސައްޔިދުނާ ޢީސާ ޢަލައިހިއްސަލާމު އުޑަށް އުފުއްލެވިކަން. އެހެންނަމަވެސް ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމާއި ސައްޔިދުނާ އިލްޔާސް ޢަލައިހިއްސަލާމާއި އަދިވެސް ބައެއް ނަބީ ބޭކަލުންނާ މެދު އައިސްފައި ހުރި މިފަދަ ރިވާޔަތްތައް، ޢީސާގެފާނާ މެދު އައިސްފައި ހުރި ރިވާޔަތްތަކާ ތަފާތު." ޑރ. ޢަލީ ޖުމްޢާ ވިދާޅުވިއެވެ.
"ބައެއް މީހުން ބުނަނީ އިދްރީސްގެފާނު ވެސް ހަށިކޮޅާ އެކު އުފުއްލެވި ކަމަށް. އެކަލޭގެފާނު އުފުއްލެވިކަމަށް ޤުރުއާނުގައި އޮންނަ އާޔަތު މުރާދައަކީ އެއީ ކަމަށް. އެހެންނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި މި ބަސްފުޅުގެ މުރާދަކީ ބިން މަތީގައި މަތިވެރި މަޤާމަކަށް އެކަލޭގެފާނު އުފުއްލެވުން. ބައެއް ރިވާޔަތްތަކުގައި ވާ ގޮތުން އެކަލޭގެފާނުގެ ފުރާނަފުޅު ހަށިކޮޅާ ވަކި ވީ ހަތަރުވަނަ އުޑުގައި. އަދި މިއުރާޖުގެ ރޭގައި ކީރިތި މާތް ނަބިއްޔާއާ އެކަލޭގެފާނާ ބައްދަލުވީ ވެސް ހަތަރުވަނަ އުޑުން." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެނެގަންނާންވީ ﷲ ސުބުޙާނަހޫ ވަތަޢާލާ ނަބީ ބޭކަލުން ފޮނުއްވި މަގުސަދު. ދީން އައިސްފައި ވަނީ ޢަމަލުތައް ސީދާ ކުރުވުމަށް. ނަބީ ބޭކަލުންގެ ތާރީޚުން އަޅުގަނޑުމެން ލިބިގަންނާންވީ އިބްރަތަކީ މިއީ. ނަބީ ބޭކަލުން ދެއްވީ އިންސާނުންގެ ދިރިއުޅުން ބައްޓަން ކުރުމުގައި އިރުޝާދު ލިބިގަންނާނޭ ފިލާވަޅުތަކެއް. އެ އިރުޝާދުތަކަށް ތަބާ ވެގެން ޙަޔާތް ވޭތު ކުރުން އަޅުގަނޑުމެންނަށް އޮތީ." ޖާމިޢާ މައްކާ އަލްމުކައްރަމާ އަލްމަފްތޫޙާގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.
އިދްރީސްގެފާނުގެ ތާރީޚުން އަޅުގަނޑުމެންނަށް މި ލިބުނު މައުލޫމާތާ އެކު އަޅުގަނޑުމެންނަށް މި ތިބެވުނީ ނުބުއްވަތުގެ ތާރީޚުގެ އާ މަރުޙަލާއެއްގެ ކުރިމަތީގައެވެ. މިއީ ނުބުއްވަތުގެ ތާރީޚުގެ މުހިންމު ސަފްހާތަކެކެވެ. އެހެނީ އިދްރީސް ޢަލައިހިއްސަލާމާ ގުޅިފައި ވަނީ ނޫޙުގެފާނުގެ ޒަމާނުގައި އައި ބޮޑު ޠޫފާނުގެ ވެސް ކުރީގައި އޮތް އިންސާނީ ތާރީޚެވެ.
"އިންސާނުންނަށް ﷲ ތެދުމަގު ދެއްކެވުމަށް ޓަކައި ފޮނުއްވި ނަބީންނާއި ރަސޫލުންނަކީ ނަމޫނާތަކެއް. ﷲ ގެ ނަބީންނާއި ރަސޫލުން ވަނީ ތައުޙީދުގެ ފިލާވަޅުތައް އުނގަންނަވައި ދެއްވައިފައި. ﷲ އެއްކައުވަންތަ ކުރުމުގެ ހަގީގީ މަފްހޫމު ދަސްކޮށްދެއްވައިފައި. އިންސާނާ ފުރިހަމަ މީހަކަށް ވަނީ އިލްމު ހާސިލު ކުރުމުން. ނަބީންނާއި ރަސޫލުން ވަނީ މި ކަމުގެ އިރުޝާދު ދެއްވައިފައި." ޢިރާޤުގެ އިސްލާމީ ދާޢީއެއް ކަމުގައިވާ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
"އިންސާނީ ނައުޢުގެ ޙަޤީޤީ ތާރީޚަކީ ނަބީ ބޭކަލުންގެ ތާރީޚު. އެ ތާރީޚު ފެށެނީ އާދަމް ޢަލައިހިއްސަލާމާ ހިސާބުން. އެ ތާރީޚުގެ އެންމެ ފަހު މަރުޙަލާ ފެށެނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ހިސާބުން. މިއީ ދުނިޔޭގެ ތާރީޚަކީ. އެހެން ހުރިހާ ކަންކަމަކީ ވެސް ކުދިކުދި ކަންތައް." އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. މުޙައްމަދު އަބޫ ލައިލާ ވިދާޅުވިއެވެ.
އިންސާނީ ތާރީޚާ މެދު އިތުބާރު ކުރެވޭ ހަމައެކަނި މައުލޫމާތެއް ލިބެނީ ކީރިތި ޤުރުއާނުންނެވެ. ކީރިތި ޤުރުއާނުގައި ވާ ވާހަކަތަކަކީ އިންސާނުން އަމިއްލައަށް އުފައްދައިފައި ހުންނަ ވާހަކަތައް ފަދަ ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތަކުގައި ކަން ބޮޑު ކުރުމެއް ނުވަތަ ޚިޔާލީ ޖުމްލަތަކެއް އެކުލެވިފައެއް ނުވެއެވެ. އޭގައި ވަނީ މުޅީން ވެސް ތެދެވެ. އިންސާނާގެ ތަރުބަވީ ތައުލީމަށް ބޭނުންވާ ހަގީގަތްތަކާއި އިބްރަތްތަކެވެ. ސުލޫކު ރަނގަޅުކޮށްދެނިވި އަދި ނުރަނގަޅު މަފްހޫމުތަކުން ދުރުކޮށްދެނިވި ފިލާވަޅުތަކެވެ.
"ގުރުއާނުގައި ވާ ވާހަކަތަކުގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މަގުސަދާ ޚިލާފު ތަފްސީލުތައް ނުހިމެނޭ ކަން. ހަގީގަތުގައި މި ވާހަކަތަކުގައި ވާ އުސްލޫބު ތާރީޚުގެ އިލްމުވެރީންނަށް ވެސް އަދި ސިޔާސީ މުޙައްލިލުންނަށް ވެސް މަގު ދައްކާ. އިދްރީސްގެފާނުގެ ވާހަކައަށް ބަލާ އިރު، އިލްމު ފެތުރުމުގެ މަސައްކަތް ކުރުމުން މަތިވެރި ދަރަޖައަކަށް އުފުއްލަވާކަން އެވާހަކައިން އެނގޭ." ޑރ. ޢަލީ ޖުމްޢާ ވިދާޅުވިއެވެ.
"ތާރީޚަށް ވުރެ ޤުރުއާން އިސް ވެގެން ވޭ. ޤުރުއާނުން ތާރީޚަށް މަގު ދައްކާ. ޤުރުއާނަށް މަގު ދައްކަނީކީ ތާރީޚެއް ނޫން. ޤުރުއާނުގައި ވާ ތާރީޚީ ވާހަކަތަކުން ލިބޭ އިބްރަތަކީ އިންސާނާ އޭނާގެ މާޒީން އަދި އިންސާނިއްޔަތުގެ މާޒީން ފިލާވަޅު ހާސިލު ކުރާން ޖެހޭކަން. ޚިޔާލީ ލަފްޒުތަކުން ޖަރީ ކުރުމެއް ނެތި ގެންނަވައިފައި ވާ އެ ވާހަކަތަކުން ލިބެނީ ވަރަށް މުހިންމު ފިލާވަޅުތަކެއް." މިޞްރުގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަބްދުލްވައްހާބު އަލްމަސީރީ ވިދާޅުވިއެވެ.
"ޤުރުއާނުގައި ވާހަކަތައް ގެންނަވައިފައި ވަނީ ވަރަށް ފުރިހަމަ އުސްލޫބަކަށް. ކޮންމެހެން ހިމެނޭން ޖެހޭ މައުލޫމާތުތައް ހިމެނިފައި ވަރަށް ޚުލާޞާކޮށް. އިބްރަތް ހާސިލު ކުރުމަށް ބޭނުން ވާ އެއްވެސް ނުގުތާއެއް ދޫކޮށްލައްވައިފައެއް ނުވޭ. ބޭކާރު އެއްވެސް ވާހަކައެއް ހިމަނުއްވައިފައެއް ނުވޭ." އުރުދުންގެ އިލްމުވެރިއެއް ކަމުގައިވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
"ކޮންމެ ޒަމާނެއްގައި ވިޔަސް، އަދި ކޮންމެ މަކާނެއްގައި ކަމަށް ވިޔަސް، އިންސާނާގެ ދިރިއުޅުމަށް މަގު ދައްކައިދޭނެ ހުރިހާ އިރުޝާދެއް ޤުރުއާނުގައި ބަޔާން ކުރައްވައިފައިވޭ. ވަރަށް ގިނަ ނަބީންނާއި ރަސޫލުން ފޮނުއްވި އިރު، ވަރަށް މަދުން ނޫނީ ޤުރުއާނުގައި އެބޭކަލުންގެ ވާހަކަ ބަޔާން ކުރައްވައިފައެއް ނުވޭ. ކީރިތި ޤުރުއާނަކީ ތާރީޚު ފޮތެއް ނޫން. އެއީ މަގު ދައްކާ ފޮތެއް. މަގު ދައްކާ ފޮތެއްގައި ތާރީޚީ މިސާލުތަކުން ހެކި ދެއްކެވުމަށް ބޭނުންވާ މިންވަރަށް ޤުރުއާނުގައި ތާރީޚުގެ ވާހަކަތައް އައިސްފައި ހުރީ." ޑރ. ޢަބްދުލްވައްހާބު އަލްމަސީރީ ވިދާޅުވިއެވެ.
އިންސާނިއްޔަތަށް ތެދު މަގާއި އިރުޝާދު ދެއްވުމަށް ފޮނުއްވި ހުރިހާ ނަބީންނާއި ރަސޫލުންގެ ވެސް ނުބުއްވަތާއި ރިސާލަތު ބިނާ ވެގެން ވަނީ މުހިންމު އެއް ނުގުތާއެއްގެ މައްޗަށެވެ. ނުބުއްވަތުގެ ތާރީޚުގެ ކޮންމެ މަރުޙަލާއަކަށް ބެލި ކަމަށް ވިޔަސް މި ކަން އޮތީ މި ގޮތަށެވެ. އެ މުހިންމު ނުގުތާ އަކީ ނުވަތަ ނުބުއްވަތުގެ އަސާސަކީ ﷲ ގެ އެއްކައުވަންތަކަމެވެ. ތައުޙީދެވެ. އިދްރީސް ޢަލައިހިއްސަލާމަށް ނިސްބަތް ކުރެވޭ ފަތްފުށްތަކުން ވެސް ފެންނަނީ މިކަމެވެ.
"ހުރިހާ ނަބީން ވެސް ގޮވައިލެއްވީ ﷲ ގެ އެއްކައުވަންތަކަމަށް. ތައުޙީދަށް. ނުބުއްވަތުގެ ތާރީޚުގެ ކޮންމެ ހިސާބަކުން ފެންނާނީ މި ހަގީގަތް. ނެތުމުގެ ތެރެއިން އިންސާނާ ހައްދަވައި، އިންސާނާގެ ހުރިހައި ކަމެއް ބައްލަވައިވޮޑިގެންވާ ޚާލިޤުވަންތަ އިލާހު މަޢުރިފާ ކޮށްދިނުމަށް އެހުރިހާ ބޭކަލުން މަސައްކަތް ކުރެއްވީ." މިޞްރުގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.
"ރަސޫލު ބޭކަލުން ވަޑައިގަތީ ކޮން އެއްޗަކާއިގެންތޯ؟ އެބޭކަލުން ވަޑައިގަތީ ހިދާޔަތާއިގެން. ހައްގު ދީނާއިގެން. އެއްވެސް ނަބިއްޔަކު، ރަސޫލަކު، މިކަމުގައި ތަފާތުވެގެންނެއް ނުވޭ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމަ ޙައްޖަތުލްވަދާޢުގައި ދެއްވި ޚުޠުބާގައި ވެސް މިކަން ފާހަގަ ކުރެއްވި. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ނަބީކަމުގެ ސިއްކަ ޖެއްސެވި ސާހިބާ. އެކަލޭގެފާނަށް ފަހު އެހެން އާ ނަބިއްޔަކު ފޮނުއްވުމެއް ނެތް. އެހެން އާ ރަސޫލަކު ވެސް ފޮނުއްވުމެއް ނެތް. އާދަމްގެފާނުން ފެށިގެން ސައްޔިދުނާ އިދްރީސް ޢަލައިހިއްސަލާމް ވެސް އަދި އެހެން ހުރިހާ ނަބީންގެ ވެސް ދައުވަތުގެ އަސާސަކީ "ﷲ މެނުވީ އިލާހަކު ނުވޭ. އެއިލާހު އެއްކައުވަންތައޭ. އެއިލާހަށް އެއްވެސް ޝަރީކަކު ނުވެޔޭ." އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.
ނަބީންނާއި ރަސޫލުންގެ ތާރީޚުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިބްރަތްތަކެއް ލިބެއެވެ. ބިންމަތީގައި ހުރި އެބޭކަލުންގެ އަސަރުފުޅުތަކުން އެބޭކަލުން ދިރިއުޅުއްވި ޒަމާނާއި އެ ޒަމާނުގައި ކަންތައް އޮތް ގޮތް ތަޞައްވުރު ކޮށްލުމަށް ފަސޭހަ ވެއެވެ. އޭގެ ސަބަބުން އީމާންކަން އިތުރު ވެ ތާޒާ ވެއެވެ. ހަނދާންކޮށް ދިނުމާއި ހަނދާން އާ ކުރުމަކީ މުއުމިނުންގެ އީމާންކަން އިތުރުވާ ކަމެކެވެ. ނުބުއްވަތުގެ ތާރީޚުން ވެސް ޒިކުރާތަކެއް އާވެ އާލާވެއެވެ.
"ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަބުރުފުޅު ފަސްދާނުލެވިފައިވާ ތަން ނޫން އެހެން ތަނަކާ މެދު ތާރީޚީ ގޮތުން އިތުބާރު ހިފޭ ހެކިތަކެއް ހަގީގަތުގައި ނެތް ކަން ފާހަގަކޮށްލާން ޖެހޭ. ދެން މި ގޮތުން ހެކިތަކެއް ހުރީ އިބްރާހީމް ޢަލައިހިއްސަލާމުގެ ޤަބުރުފުޅާ މެދު. އެކަލޭގެފާނުގެ މަޤްބަރާ ވަނީ ފަލަސްޠީނުގައި. އެތަނުގައި ހުރޭ ނަބީބޭކަލުންގެ މަގާމުފުޅޭ ކިޔޭ ތަނެއް. އިބްރާހީމް ޢަލައިހިއްސަލާމުގެ އިތުރުން އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނު ވެސް ފަސްދާލު ލެވިފައިވަނީ އެތަނުގައި ކަމަށް ވަނީ. މޫސާ ޢަލައިހިއްސަލާމު ވެސް ފަސްދާނު ލެވިފައި ވަނީ ފަލަސްޠީނުގެ ބިމުގައި. މޫސާގެފާނު އެކަލޭގެފާނުގެ މަހާނަފުޅު ކައިރީގައި ނަމާދު ކުރައްވާން ހުންނަވަނިކޮށް ކީރިތި ރަސޫލާގެ އިސްރާގެ ދަތުރުފުޅުގައި ދެކެވަޑައިގަތް ކަމަށް ރިވާ ވެގެން ވޭ. ކޮންމެ ނަބިއްޔެއްގެ މަޤްބަރާއަކަށް ވެސް އަޅުގަނޑުމެން ޒިޔާރަތް ކުރަނީ ޒިކުރާ އާ ކުރުމުގެ ގޮތުން. މިއީ ހަނދާނީ ތަންތަން. އެބޭކަލުންގެ ޒިކުރާ އާ ކޮށްދޭ ތަންތަން. މިއީ އެއްގޮތަކަށް ވެސް އަޅުކަންކުރާން ހުރި ތަންތަނެއް ނޫން. އެހެނީ ޤަބްރެއް ކައިރީގައި ވިޔަސް އަދި މުޤައްދަސް އެހެންތަނެއްގައި ވިޔަސް ﷲ ނޫން ފަރާތެއްގެ މަދަދަށް އެދި ދުޢާ ކުރުމަކީ، އަދި އަޅުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން. އެފަދަ ކަންކަން ހިމެނޭނީ ބޮޑު ޝިރުކުގެ ތެރޭގައި." ސޫރިޔާގެ ކުރީގެ މުފްތީ އުސްތާޒު ބަދްރުއްދީން ޙައްސޫން ވިދާޅުވިއެވެ.
ނުބުއްވަތުގެ ހެކިތަކުން އަޅުގަނޑުމެންގެ ހިތަށް ހަމަޖެހުން ލިބޭ. ޔަގީންކަން އިތުރުވެއެވެ. މައްކާގައި ހުންނަ ކަޢުބަތުﷲ ގެފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތްކޮޅާއި އެ މާތް ނަބިއްޔާގެ މަޤްބަރާ އާއި ގުބާގައި ހުންނަ މިސްކިތާއި ފަލަސްޠީނުގެ ގުދުސުގައި ހުންނަ މަސްޖިދުލްއަޤްޞާ އާއި ޚަލީލު ޝަހަރުގައި ހުރި ނަބީބޭކަލުންގެ މަޤްބަރާތަކާއި ޠޫރު ސީނާގެ ފަރުބަދަ އާއި ދެންވެސް ނުބުއްވަތުގެ އަސަރު ހުރި މިފަދަ ކޮންމެ ތަނަކުން އަޅުގަނޑުމެންނަށް ހަނދާންތަކެއް އާ ކޮށްދެއެވެ. އަދި އިންސާނުންނަށް ހިދާޔަތުގެ ފިލާވަޅުތައް އުނގަންނަވައި ދެއްވުމުގެ ފަހަތުގައިވާ ހަގީގީ މާނައާ މެދު ފުންކޮށް ވިސްނުމުގެ މަގު ކޮށައިދެއެވެ.