06 May 2019, 14:07
ނުބުއްވަތުގެ އަސަރުތަކަކީ އިންސާނީ ތާރީޚުގެ މަރުޙަލާތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަރުޙަލާގެ ޒިކުރާ އައު ކޮށް އާލާ ކޮށް ދޭ ހެކިތަކެކެވެ. އެ މަރުޙަލާ އަކީ އިންސާނުންނަށް ޓަކައި ތައުޙީދާއި ހެޔޮ ކަމުގެ ރިސާލަތާއިގެން އިންސާނުންގެ ތެރެއިން ﷲ އިޚުތިޔާރު ކުރެއްވި ނަބީ ރަސޫލުން ފޮނުއްވި މަރުޙަލާއެވެ.
އަޅުގަނޑުމެން "ނަބީބޭކަލުންގެ ބިންތައް" މި ސިލްސިލާގެ ތެރެއިން މި ކުރާ ދަތުރަކީ ފުޅާވެގެންވާ އަރަބި ބައްރުގެ އެންމެ ދެކުނުން ފެށިގެން ތުރުކީއާ ހަމަޔަށް މިޞްރާއި ޝާމާއި ޢިރާޤުގެ ތެރެއިން ލާފައި ކުރާ ދަތުރެކެވެ.

ނަބީބޭކަލުންގެ ބިންތަކުގެ މި ސިލްސިލާ ނިސްބަތްވާ ސަރަހައްދު
މިއީ ނުބުއްވަތުގެ ހެކިތައް ދިރާސާ ކޮށް ނަބީ ބޭކަލުންގެ އަސަރުތައް ހުރި ތަންތަނަށް ދިއުމުގެ ދަތުރެކެވެ. ނުބުއްވަތުގެ މައްޗަށް ހުރި ދިރިހުރި ހެކިތަކަކީ މޫމިނުންގެ އީމާންކަން އިތުރު ކޮށް ދޭނެ ކަންކަމެވެ.
ރަސޫލުންނަށް އީމާން ވުމަކީ އިސްލާމް ދީނުގެ އަގީދާގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މި ދަތުރުން ނުބުއްވަތުގެ ކަންކަމާ ގުޅޭ ކަންތަކަށް އަހުލުވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ނަބީ ބޭކަލުން ދަތުރުފުޅު ކުރެއްވި މަގުތަކަށް ފަރުވާތެރިކަމާ އެކު ތަބާވެގެން ކުރެވޭ ދަތުރެކެވެ. އަދި އިންސާނުންގެ ތާރީޚުގައި އަންނަ ހިދާޔަތުގެ ވާހަކައަށް ކުރެވޭ ދަތުރެކެވެ. އެއީ ނުބުއްވަތާއި އޭގެ ރިސާލަތުގެ އަސަރު އަބަދަށް ދެމެހެއްޓިގެން ވާ ތާރީޚެކެވެ.

ބިން އޮތީ އިންސާނީ ހަޔާތަށް މަރުހަބާ ކިޔުމަށް ފައްކާވެފައި
ﷲ އިންސާނާ ޚަލްޤު ކުރެއްވީ ބިމުގައި ދިރިއުޅުމަށެވެ. އޭރު ބިން އޮތީ އެ ބިމުގައި ދިރިއުޅޭނެ އާ މަޚްލޫޤަކަށް މަރުޙަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.
ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."
މި ގުރަހަ އިމާރާތް ކުރުމަށް ޓަކައި ﷲ ޚަލްޤު ކުރެއްވި މަޚްލޫޤަކީ އިންސާނާއެވެ.
ޖައްވުގައި ލެވިގެންވާ ހިމާޔަތުގެ ފަށަލައަކުން މި ބިމަށް ވަނީ ރައްކާތެރިކަން ދެއްވައިފައެވެ. ބިމުގައި ވާ ފެނުން ބިމުގެ ވަޒަން ހިފަހައްޓައިދެއެވެ. ބިމުގައިވާ ދިރުންތަކުގެ އުންސުރުތައް ދަމަހައްޓައިދެއެވެ. ދިރުމަކަށް ބޭނުން ވާނެ އެންމެހައި ކަންކަން ބިމުގައި ވަނީ ފުރިހަމަ ވެފައެވެ.
ތަފާތު ބާވަތްތަކުގެ ގަސްގައި ވެޔޮތަކާއި ކެއުމަށް ބޭނުން ވާ ތަރުކާރީ އާއި ގޮވާމާއި މޭވާގެ ބާވަތްތައް ބިމުން ލިބެއެވެ. ގަސްގަހުން ހިޔާ ލިބެއެވެ. ނޭވާ ލާން ބޭނުން ކުރާ ވައި ސާފު ކޮށް ދެއެވެ. މި ހުރިހާ ކަމަކީ އިންސާނާއަށް ޓަކައި ﷲ ލައްވައިފައި ވާ ކަންކަމެވެ.
އިންސާނާއަކީ މި ބިމުގެ އަސްލުން އުފައްދަވައިފައި ވާ މަޚްލޫޤެކެވެ. ބިން ލައްވައިފައި ވަނީ އިންސާނާގެ ހަޔާތުގައި އޭގެ މަތީގައި ދިރިއުޅޭނެ ތަނެއްގެ ގޮތުގައްޔާއި، އިންސާނާ މަރުވުމުން އެނބުރި ރުޖޫޢަ ވާނެ ތަނެއްގެ ގޮތުގައި ވެސް މެއެވެ.
"މުސްލިމުން ކަމަށް ވުމާ އެކު އަހަރެމެން އެ ކަންކަމަށް އީމާން ވަން. އަދި އެ ކަންކަމުގެ ހަގީގަތާ މެދު އީމާން ވަން. އެހެނީ އަހަރެމެން ބިމުން ދެކޭ ކޮންމެ އެއްޗަކީ ޚަލްޤު ކުރެވިފައި ވާ އެއްޗެއް. މަޚްލޫޤެއް. އާދަމްގެފާނުން ޚަލްޤު ކުރެއްވުނީ އުޑުތަކާއި ބިން ވެސް ޚަލްޤު ކުރެއްވުނު ފަދައިން. އަދި އޭގެ ކުރީން އެހެން ޙަޔަވާނުން ވެސް ޚަލްޤު ކުރެއްވުނު ފަދައިން. އަދި އޭގެ ކުރީން ގަސްގަހާގެހި ވެސް ޚަލްޤު ކުރެއްވުނު ފަދައިން. ޚަލްޤު ކުރެއްވުމުގައި މިކަންތައް ތަރުތީބު ވެގެން ގޮސްފައި ހުރީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް، މި ގޮތަށް." މިޞްރުގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޒަޣުލޫލު އަންނައްޖާރު ވިދާޅުވިއެވެ.
ﷲ އާދަމުގެފާނު ހައްދަވައިފައި ވަނީ ބިމުގެ އުންސުރުތަކުގެ ތެރެއިން ހުރިހާ އުންސުރެއް ވެސް އެކުލެވޭ ގޮތުންނެވެ. އަދި ވެލީގެ ތެރެއިން ހާއްސަ ބާވަތްތަކުންނެވެ. އެއީ ހެއްދެވުމުގެ މަރުޙަލާތައް އެތައް މަރުޙަލާއަކަށް ބެހިގެން ދިޔުމަށް ޓަކައެވެ. އަދި އިންސާނާގެ ހެއްދެވުން ފުރިހަމަ ވުމަށް ޓަކައެވެ. ﷲ އާދަމުގެފާނު އުފައްދަވައި އެ އިލާހުގެ ރޫޙުފުޅުން އެ އިންސާނާއަށް ދިރުން ދެއްވިއެވެ. އަދި އިންސާނާގެ ހެއްދެވުން ފުރިހަމަ ކުރެއްވިއެވެ.
"މިއީ އިންސާނާގެ ހެއްދެވުމުގެ މަރުޙަލާތައް. ބިމުގެ ފަސް ފެނާ އެކުވުމުން މަށްޓަށް ވެދޭ. މި ގޮތުގައި ދުވަސްކޮޅެއް ވުމުން މަޑު ކަމާއި އޮލަކަން އައިސްފައިވާ އެއްޗަކަށް ވޭ. މި ގޮތުން ގޮސް ފުށްމަށި ގަނޑެއް ހެން ވެދޭ. މިއީ އިންސާނާ ޚަލްޤު ކުރެއްވުމުގެ މަރުޙަލާތައް. އިންސާނާ މަރުވާ އިރު ދާނީ މި މަރުޙަލާތައް އަނެއް ފުށުން ޖެހެވިގެން." ޑރ. ޒަޣުލޫލު އަންނައްޖާރު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އިންސާނާއަށް އާދަމުގެ ނަމުން ނަން ދެއްވީ ކީއްވެގެން ހެއްޔެވެ؟ އެހެނީ އެކަލޭގެފާނު އުފެއްދެވުނީ ބިމުގެ މަތީފަށަލައިގެ ވެލީން ނުވަތަ އަދީމްއިންނެވެ. އެހެންކަމުން އާދަމްގެ އަސްލަކީ އަދީމްއެވެ. އެ ބަހީ ބިމުގެ މަތީ ފަށަލައެވެ. އެހެން ނަމަވެސް އަދީމް އެކަނި އެއީ ދިރުމެއް ނުވަތަ މާނައެއް ވާ އެއްޗެއް ނޫނެވެ. އެހެން ކަމުން ﷲ އެއިލާހުގެ ރޫޙުފުޅުން އެ އިންސާނާއަށް ދިރުން ދެއްވިއެވެ.
"އެއިގެ މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ޙަރަކާތް ކުރުމުގެ ރޫޙު ނުވަތަ ބާރު ދެއްވި ވާހަކައެއް ނޫން. ހުރިހާ މަޚްލޫޤުންގެ ކިބައިގައި ވެސް ޙަރަކާތުގެ ރޫޙު ވޭ. އެހެން ކަމުން ﷲ ވަޙީ ކުރައްވައިފައި ވާ "ތިމަން އިލާހުގެ ރޫޙުފުޅުން ފުމެލެއްވީމޭ" މި އޮންނަ ބަސްފުޅަށް ބަލާ އިރު، މި ބަސްފުޅު ނިސްބަތް ވަނީ ހަމައެކަނި އިންސާނާއަށް. އެހެން މަޚްލޫޤަކަށް ނޫން. މި ރޫޙަކީ ކޮބައިތޯ؟ އެއީ ބުއްދި. މިއީ އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް ﷲ އިންސާނާއަށް ދެއްވި އިމްތިޔާޒު. މިއީ ﷲ ގެ ރޫޙުފުޅު." މިޞްރުގެ ޢިލްމުވެރިއެއް ކަމަށް ވާ ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.
އެހެން މަޚްލޫޤުންގެ މައްޗަށް ﷲ އިންސާނާއަށް އިމްތިޔާޒު ދެއްވި ބުއްދި އަކީ ގަސްތާއި މިނިވަންކަން އަދި ހެޔޮ ނުބައި ވަކިކޮށް ދެނެގަތުމުގެ ބާރެވެ. މިއީ ﷲ މި އިންސާނާގެ ކިބައިގައި ލެއްވި ބާރެކެވެ. މިއީ ﷲ މަލާއިކަތުންނަށް އިންސާނާ ތައާރަފު ކޮށްދެއްވުމަށް ދެއްކެވި ދެއްކެވުންތަކުގެ ވެސް މައިގަނޑު ނުގުތާއެވެ. މިއާ އެކު ﷲ ވަނީ މަލާއިކަތުންނަށް މި އިންސާނާއަށް ސަޖިދަ ކުރުމަށް ވެސް އަމުރު ކުރައްވައިފައެވެ. އެހެންކަމުން މި އިންސާނާ ވެގެން މި ދަނީ އެހެން މަޚްލޫޤުންގެ ޤިބުލައަކަށެވެ. މިކަމާ އެކު އެހެން މަޚްލޫޤެއްގެ ކިބައިގައި އިންސާނާއާ މެދު ހަސަދަވެރިކަމެއް ވެސް އުފެދިގެން ދިޔައެވެ. މިކަމުގެ ޚަބަރު ﷲ ވަނީ މި އުއްމަތަށް ދެއްވައިފައެވެ.
އިންސާނުންނަށް މި ދެއްވި ދަރަޖައާ މެދު ހަސަދަވެރި ވީ ޖިންނީންނެވެ. އެމީހުންގެ އެންމެ އިސް ފަރާތަކީ އިބްލީހެވެ. ޖިންނީންނަށް ފެނުނު ގޮތުގައި މި އާ މަޚްލޫޤަކީ ނުވަތަ އިންސާނާއަކީ އޭނާގެ ބުއްދި އާއި ގަސްތާއި މިނިވަންކަމާއި ކަންކަން ދެނެގަތުމުގެ ބާރު ލިބިފައި ވުމުގެ ސަބަބުން ޖިންނީންނާއި އަދި އެހެން މަޚްލޫޤުންނަށް ވުރެ ކުރި އަރައި ދިއުމުގެ ބާރު ލިބިގެންވާ މަޚްލޫޤެކެވެ.
ކީރިތި ޤުރުއާނުގައި ﷲ އަންގަވައިފައިވާ ފަދައިން ﷲ ވަނީ އިންސާނާއަށް އެއްޗެއްސަށް ނަން ކިޔުމުގެ އިލްމާއި ފަހުމް ދެއްވައިފައެވެ. މަލާއިކަތުންނާއި ޖިންނީންގެ މައްޗަށް އިންސާނާއަށް ލިބިފައިވާ އިމްތިޔާޒަކީ މިއީއެވެ.
"އިންސާނުންގެ ބުއްދި އާއި މަލާއިކަތުންގެ ބުއްދިއާ ދެމެދު ހުރި ފަރަގު ޤުރުއާނުން އެނގޭ. މަލާއިކަތުންގެ ބުއްދި ވަނީ ހުއްޓިގެން. މީގެ މާނައަކީ ﷲ އެންގެވި މިންވަރެއް މެނުވީ މަލާއިކަތުންނަކަށް ނޭނގެޔޭ. ކުރިން އެނގިފައިވާ އިލްމެއްގެ މައްޗަށް ބިނާކޮށް އިސްތިންބާޠު ކުރުމުގެ ބާރެއް މަލާއިކަތުންނަކަށް ލިބިގެންނެއް ނުވެޔޭ. މިޔާ ޚިލާފަށް އިންސާނާއަށް ﷲ ވަނީ ކުރީން ނޭނގޭ ކަންތައް އޭނާގެ ބުއްދި ބޭނުންކޮށްގެން ހޯދައި ދެނެގަތުމުގެ ބާރު ދެއްވައިފައި. މިއަދު ވެސް އިންސާނާ ދަނީ އޭނާއަށް ކުރީން ނޭނގޭ އެތައް ކަމެއް ހޯދައި ބަލައި ދަސްކުރަމުން، ފެންނަ އާ ކޮންމެ އެއްޗަކަށް ނަން ކިޔަމުން. ކޮންމެ ނަމަކީ މަފްހޫމެއް. އިންސާނާއަށް ދަސްވާ ކޮންމެ ނަމަކާ އެކު އާ މަފްހޫމެއް އޭނާގެ ބުއްދީގައި ބިންވަޅު ނެގިގެންދޭ. އޭނާގެ އެނގުމުގެ ދާއިރާ ފުޅާވެގެން ދޭ. މިއީ އާދަމުގެފާނަށް އަދި އާދަމުގެފާނުގެ ދަރިކޮޅަށް ﷲ ދެއްވި އިލްމަކީ. މި އިލްމު މަލާއިކަތުންނަށް ދެއްވިގެންނެއް ނުވޭ." ޢިރާޤުގެ އިސްލާމީ ދާޢީއެއް ކަމުގައިވާ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
"މަޚްލޫޤުންގެ ތެރެއިން އިންސާނުންނަށް ލިބިފައިވަނީ ޚާއްޞަ ދަރަޖައެއް. މި ކަމަށް ރަނގަޅަށް ބަލައިފި ކަމަށް ވާ ނަމަ ފެންނާނީ އެހެން މަޚްލޫޤުންނަށް ދެއްވިގެން ނުވާ ޚާއްޞަ އިމްތިޔާޒުތަކެއް އިންސާނާއަށް ދެއްވިފައިވާ ތަން. މީގެ މާނަ އަކީ އިންސާނާއޭ ﷲގެ މަންހަޖު ބިން މަތީގައި ހިންގުމުގެ ޙަވާލުވެރިޔާއަކީ. ނުބުއްވަތުގެ ވާރުތަވެރިޔާއަކީ. އަދި ބިން މަތީގައި ވާ ﷲގެ ޚަލީފާއަކީ. ބިމާއި އުޑުތަކުގައި ވާ ހައި އެއްޗެއް ހެއްދެވިފައި ވަނީ އިންސާނާއަށް ޓަކައި. އެހެން ހުރިހާ މަޚްލޫޤުން ލެއްވިފައިވަނީ އިންސާނާގެ ޚިދުމަތުގައި." ސަޢުދީޢަރަބިއްޔާގެ ޢިލްމުވެރިއެއް ކަމަށް ވާ ޑރ. ޢަވަޟް އަލްޤަރްނީ ވިދާޅުވިއެވެ.
ބިން މަތީގައި އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށް ޓަކައި ﷲ އާދަމުގެފާނުގެ ކިބައިން އެކަލޭގެފާނުގެ އަނބިކަނބަލުން ޚަލްޤު ކުރެއްވުމަށް އިރާދަ ކުރެއްވިއެވެ. މި ކަމަނާގެ ނަންފުޅަކީ ޙައްވާއެވެ. ބުނެވޭ ގޮތުގައި "ޙައްވާ" މި ނަންފުޅު ނެގެވިގެން ވަނީ "ޙަޔާތު" މި ލަފްޒުގެ އަޞްލުންނެވެ. ބިން މައްޗަށް ނޭވާލުމުގެ ކުރީން އާދަމުގެފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ދިރިތިބޭނެ ސަކަނެއް ކަމުގައި ޚިޔާރު ކުރެއްވީ އެކަމަނާގެ ހަށިކޮޅު ކަމުގައި ވާތީއެވެ.
ﷲ ސުބުޙާނަހޫވަތަޢާލާ އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޖަންނަތުގައި ލެއްވިއެވެ. އެހެންނަމަވެސް އާދަމުގެފާނު ލެއްވި ޖަންނަތަކީ ނުވަތަ ބަގީޗާއަކީ ކޮންތަނެއްބާވައެވެ؟ އެއީ އާޚިރަތުގައި ތަޤްވާވެރީންނަށް ދެއްވާނޭ ކަމަށް ވަޢުދު ކުރެއްވިފައި ވާ ޖަންނަތު ނުވަތަ ސުވަރުގެބާވައެވެ؟ ނުވަތަ އެއީ ދުނިޔެމަތީގެ ބަގީޗާއެއްބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބު ވަނީ ބަހުސުތަކުގެ ތެރެއަށް ގެނބި، ގެއްލިފައެވެ. އެހެންނަމަވެސް ގިނަ ދިރާސާވެރީންގެ ރައުޔުގައި، ﷲ އާދަމުގެފާނު ހެއްދެވީ ބިމަށް ޓަކައި ބިމުގެ ޚަލީފާއެއްގެ ގޮތުގައި ކަމުން އެކަލޭގެފާނު ލެއްވި ސުވަރުގެއަކީ ނުވަތަ ބަގީޗާއަކީ ބިންމަތީގައި ވީ ތަނެކެވެ.

ބިންމަތީގެ ބަގީޗާތަކަށް ވެސް ގުރުއާނުގައި "ޖަންނަތު" މި ކަލިމަ ބޭނުން ކުރައްވައިފައިވޭ
"އާދަމުގެފާނު ލެއްވި ސުވަރުގެއަކީ ނުވަތަ ބަގީޗާއަކީ ތަޤްވާވެރީންނަށް ޤިޔާމަތް ދުވަހު ދެއްވުމަށް ﷲ ވަޢުދު ކުރައްވައިފައިވާ ސުވަރުގެ ކަމަށް މާނަ ކުރެވިގެން އުޅެނީ ކީއްވެގެން ކަމެއް އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ. އެއީ އެއްވެސް އަޞްލެއް އޮތް ވާހަކައެއް ނޫން. ހުރިހާ އާޔަތެއް ވެސް އިޝާރާތް ކުރަނީ އެ ޖަންނަތަކީ ބިމުގައި ވާ ޖަންނަތެއް ކަމަށް. ޖަންނަތުގެ މާނައަކީ ބަގީޗާ. ޤުރުއާނުގެ އެހެން އެތައް އާޔަތެއްގައި ވެސް ބިންމަތީގެ ބަގީޗާތަކަށް ޖަންނަތު މި ލަފްޒު ބޭނުން ކުރައްވައިފައިވޭ. މިސާލަކަށް إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ މި އާޔަތުގައި ވެސް މިވަނީ ބިންމަތީގެ ބަގީޗާއެއްގެ ވާހަކަ. އެހެންކަމުން ގުރުއާނުގައި ޖަންނަތުގެ މާނައަކީ އާޚިރަތުގައި ދެއްވުމަށް ވަޢުދުކުރައްވައިފައި ސުވަރުގެ އެކަނި ކަމަށް ކަނޑައަޅައިގެން ނުވާނެ. އެހެންކަމުން އާދަމުގެފާނު ލެއްވި ޖަންނަތަކީ މަތިވެރިވެގެންވާ ބަގީޗާއެއް. އިންސާނުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ފުރިހަމައަށް ހުރެފައި، ތަފާތު ގަސްގަހާގެހީން ޒީނަތްތެރި ކުރެއްވިގެންވީ ބަގީޗާއެއް." ޢިރާޤުގެ އިސްލާމީ ދާޢީއެއް ކަމުގައިވާ އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
އާދަމުގެފާނު ލެއްވި ޖަންނަތަކީ ބިމުގެ ބަގީޗާއެއް ކަމަށް ވިޔަސް ނުވަތަ ވަޢުދުކުރެއްވިގެންވާ ސުވަރުގެ ކަމަށް ވިޔަސް މި ހާދިސާއިން ލިބޭ ޢިބްރަތަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެންމެ މުހިންމު ކަމަކީ ޙަޔާތުގެ ފުން މާނައިގައި އިންސާނާގެ ދައުރާ މެދު އެ ހާދިސާއިން ލިބިދޭ ފިލާވަޅެވެ.
"އާދަމުގެފާނުގެ ހާދިސާއަކީ ޤުރުއާނުގައިވާ ހާދިސާތަކުގެ ތަރަހަ. އެއީ އިންސާނުންގެ ތާރީޚާ ގުޅިގެން ޤުރުއާނުގައި އައިސްފައިވާ ހުރިހާ ހާދިސާތަކެއް އޭގެ މަތީގައި ހިފެހެއްޓިފައިވާ ތަނބު. އެހެންކަމުން އެ ހާދިސާގެ ހުރިހައި ފަރާތެއް، އަދި ތަފްޞީލެއް ދެނެގަތުމަކީ އިންތިހާއަށް މުހިންމު ކަމެއް." އުރުދުންގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
ﷲ އާދަމުގެފާނު ލެއްވި ޖަންނަތަކީ އެ ތަނުގައިވާ ހިތްހަމަ ޖެހުމާއި ފަސޭހައަށް ބަލާއިރު، އެހެން އެއްވެސް ތަނަކާ އަޅައި ކިޔޭ ވަރަށް ވުރެ ފުރިހަމަ ތަނެކެވެ. އެތަނުގައި ޙަޔާތް ވޭތު ކުރުމުގައި އިންސާނާއަށް ﷲ ދެއްވި ބުއްދީގެ ބޭނުން ހިފުންވަނީ ލާޒިމް ކުރައްވައިފައެވެ. ބުއްދީގެ ކައިފިއްޔަތު ނިޔާ ކުރާ ގޮތުން ބުއްދި ދެއްވައިފައިވާ މަޚްލޫޤުން ތަކްލީފުތަކާއި އިމްތިޙާނުތަކާ ކުރިމަތި ލާން ޖެހެއެވެ. މި ގޮތުން އާދަމުގެފާނު ޖަންނަތުގައި ލެއްވި އިރު ﷲ ވަނީ އެތަނުގައިވާ ހުރިހާ ހެޔޮކަމެއް އެކަލޭގެފާނުގެ އާއިލާއަށް ހުއްދަ ކޮށްދެއްވައިފައެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ވަކި ގަހެއްގެ ބޭނުން ކުރުން މަނާ ކުރެއްވިއެވެ.
"ﷲ އާދަމުގެފާނަށް އެންގެވި. އޭ އާދަމްއޭ. ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން މި ޖަންނަތުގައި ތިއްބަވާށޭ. މި ތަނުގައިވާ ކޮންމެ ގަހަކުން ވެސް ފަރީކުޅުއްވުން ހުއްދަވެގެން ވެޔޭ. އެންމެ ގަހެއް ފިޔަވައި. ހަމަ އެކަނި އެ ގަހުން ފަރީކުޅުއްވުން މަނާ ކުރެއްވީއެއް ނޫން. އެ ގަހާ ކައިރިއަށް ވަޑައިގަތުން ވެސް މަނާ ކުރެއްވީ." އުރުދުންގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
"ﷲ އިރާދަ ކުރައްވައިފައިވަނީ އިންސާނާ އިމްތިޙާނު ކުރެއްވުމަށް. ޙަޔާތުގެ ކޮންމެ ވަގުތުކޮޅަކީ އިމްތިޙާނުގެ ވަގުތު. މި ގޮތުން ގޮސް ޙަޔާތް ނިމޭން ދެން އިންސާނާއަށް އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭ. އެއަށް ފަހު އޭނާ ވެގެން ދާނީ ސުވަރުގޭގެ އަހުލުވެރިޔަކަށް. ނުވަތަ ނަރަކައިގެ ދަރުގަނޑަކަށް." ޑރ. ޒަޣުލޫލު އަންނައްޖާރު ވިދާޅުވިއެވެ.
އިންސާނާއަށް ކަމެއް މަނާ ކުރެވޭ ހިސާބުން ވިސްނުމުގައި ފުށުންއެރުންތަކެއް އުފެދެއެވެ. އަމިއްލަ ނަފްސުގެ ތެރޭގައި ކިޔަމަންވުމުގެ ވިސްނުމަކާއި، ކަންތައް ޙަރާމް ވުމާއި މަނާވުމުގެ ސިއްރަކީ ކޮބައިކަން ދެނެގަތުމުގެ ޝައުގުވެރިކަމަކާ، ދެ ވިސްނުމެއް އެނބުރި، ފުށުއަރާން ފަށައެވެ. މި ކަންތަކާ އެކު އިންސާނާއާ މެދު ހަސަދަލައި، އިންސާނާއަށް ގެއްލުން ދިނުމަށް އަޒުމް ކަނޑައަޅާފައިވާ ޝައިޠާނާއާ ވެސް ކުރިމަތިލާން އާދަމްގެފާނަށް ޖެހިވަޑައިގަތެވެ.
މި ކުރިމަތިލުމަކީ ﷲ އިންސާނާއަށް ކަނޑައަޅުއްވައި، އެ އިންސާނާ ހެކި ކުރައްވައިފައިވާ މިންވަރުފުޅުގައިވާ ގޮތުން، ބިން އިމާރާތް ކުރާނެ ފަރާތް އަދި ބިމުގެ ޚަލީފާކަން ދެއްވުމަށް ﷲ ހެއްދެވި މަޚްލޫޤުގެ ހައިސިއްޔަތުން އިންސާނާއަށް ފިޠްރީ ގޮތުން ކުރިމަތިލާން ޖެހޭ ކުރިމަތިލުމެކެވެ.
"އިންސާނާއަށް އޮތީ ދެ ބަޔެއް. އެއް ބަޔަކީ އޭނާއަށް އިޚްތިޔާރު ލިބިގެން ނުވާ ބައި. މި ބައިގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް އިންސާނާގެ އެއްވެސް ބާރެއް ޙަޤީޤަތުގައި ނޯވޭ. އުފަން ވުމާއި، ދިރިދެމިހުރުމާއި، މަރުވުން. އޭނާގެ ހަމުގެ ކުލަ. އޭނާގެ ޖިންސް. ބޮޑު މީހެއްތޯ. ކުޑަ މީހެއްތޯ. ވާނީ ދިގުތޯ ނުވަތަ ކުރުތޯ. ދޮން މީހެއްތޯ ނުވަތަ ކަޅު މީހެއްތޯ." ޑރ. ޢަވަޟް އަލްޤަރްނީ ވިދާޅުވިއެވެ.
އިންސާނާ ވަނީ ފުރަތަމަ އިމްތިޙާނުގައި ފޭލި ވެފައެވެ. އިންސާނާގެ ނަފްސަކީ ކަންކަން ހޯދައި ދެނެގަތުމުގެ ޝައުގުވެރިކަން އިންތިހާއަށް އެކުލެވިގެންވާ ނަފްސެކެވެ. ތަކެތީގެ ސިއްރުތައް ދެނެގަތުމަށް އިންސާނާގެ ނަފްސު އެދުންވެރިވެއެވެ. ޝައިޠާނާ މީގެ ފައިދާ ނަގައެވެ. ޙަރާމް ކުރެއްވިގެންވާ ކަންތައްތަކަކީ އެ ކަންކަން ކޮށްފިނަމަ އިންސާނާ އަބަދީ ޙަޔާތަކަށް ވާޞިލުކޮށްދޭނެ ކަމެއް ކަމުގެ ދޮގު ހުވަފެން ދައްކައި، ވަސްވާސް ދެއެވެ. އިންސާނާގެ ނަފްސު އަބަދީ ޙަޔާތަކަށް ބޭނުންވެއެވެ. އެހެންކަމުން ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، މަނާ ކުރެއްވިގެންވާ ކަންތައްތަކުގެ ޝިކާރަޔަކަށް ވިއެވެ. އަދި އިންސާނާ ފާފަވެރިވިއެވެ.
"މަނާ ކުރެއްވި ގަހުން ފަރީކުޅުއްވުމުން އުނދަގޫ ދިރިއުޅުމާ ކުރިމަތިލާން އިންސާނާއަށް ޖެހުނު. އެންމެ ފުރަތަމަ ﷲ ގެ އަމުރުފުޅާ ޚިލާފަށް ކުރެވުނު ކަމަކީ ސަޖިދަ ކުރާން އެންގެވުމުން އިބްލީސް ސަޖިދަ ނުކުރުން. އަމުރުފުޅާ ޚިލާފަށް ކުރެވުނު ދެވަނަ ކަމަކީ ޝައިޠާނާގެ ވަސްވާހަށް ހެއްލިވަޑައިގެން އާދަމުގެފާނުގެ ދެކަނބަލުން މަނާ ގަހުން ފަރީކުޅުއްވުން." އުރުދުންގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
"ﷲ ވަނީ އިންސާނާއަށް ތެދުމަގު ދެއްކެވުމަށް ޓަކައި ހެކިތަކާއި، ޙުއްޖަތްތަކާއި ބުރުހާނުތައް ފާޅު ކުރައްވައިފައި. އިންސާނާގެ އަމިއްލަ ނަފްސު ގައްޔާއި، މާޙައުލުގައްޔާއި، ނަބީ ބޭކަލުންނަށް ދެއްވި މުޢުޖިޒާތްތަކުގައްޔާއި، ބާވައިލެއްވި ވަޙީގައި އިންސާނާއަށް ތެދު މަގަކީ ކޮބައިކަން އެނގޭނެ ހެކިތައް ވަނީ ލައްވައިފައި. އެހެންކަމުން އިންސާނާއަށް އެނގޭނެ ކޮން މަގެއް އިޚްތިޔާރު ކުރީމާ ކަން ދުނިޔޭގެ މުޞީބާތާއި އާޚިރަތުގެ ހަލާކުގެ ތެރެއަށް ވެއްޓިގެން ދާނީ. މިކަމާ އެކު އޭނާ ނުބައި މަގު ޚިޔާރުކޮށް އެ މަގުގައި ހުރުމަށް ރުހިއްޖެ ނަމަ އޭނާއަށް ޙައްޤުވާ ޢުޤޫބާތުގެ ރަހަ އޭނާ ދެކޭނެ." ޑރ. ޢަވަޟް އަލްޤަރްނީ ވިދާޅުވިއެވެ.
އާދަމުގެފާނަށް ކުރިމަތިވެވަޑައިގަތް އިމްތިޙާނާއެކު ކުރެއްވުނު ފާފައިގެ ފާފަވެރިކަމުން އެކަލޭގެފާނު ވަނީ ރުޖޫޢަވެ ވަޑައިގެން، ތައުބާވެވަޑައިގެންފައެވެ. ﷲ ވަނީ އެކަލޭގެފާނުގެ ފާފަ ފުއްސަވައި ތައުބާ ލައްވައިފައެވެ. އެހެންނަމަވެސް އިބްލީސްގެ ފާފަވެރިކަން މިޔާ ތަފާތެވެ. އިބްލީސްގެ ފާފަވެރިކަމަކީ ދާއިމީ ފާފަވެރިކަމެކެވެ.
"އެ ދެ ފާފަވެރިކަމުގެ ތަފާތަކީ، އިބްލީސް، ﷲ އަށް ބޮޑާވެ ކިބުރުވެރިވެގަތީ. އަދި އެ ގޮތުގައި ދެމި ހުރީ. އެހެންނަމަވެސް އާދަމުގެފާނަށް އެކަލޭގެފާނުގެ ކުށް އިޙްސާސް ކުރެއްވުމާ އެކު ވަގުތުން ހައްގަށް ރުޖޫޢަވެވަޑައިގެންފި. ރައްބުލްޢާލަމީން އަކީ ގިނަގިނައިން ފާފަފުއްސަވާ، ތައުބާ ލައްވާ އިލާހު. އެއިލާހު ވަނީ އާދަމުގެފާނުގެ ފާފަފުއްސަވައިފައި. އެހެންކަމުން އެކަލޭގެފާނު ވަނީ ފާފައިން ޠާހިރުވެފައި." އުރުދުންގެ އިސްލާމީ މުފައްކިރެއް ކަމުގައި ވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
އެހެންނަމަވެސް ދައްކާ ވާހަކަ އާއި ކުރާ ޢަމަލުތަކުގެ ނަތީޖާއާ ގުޅިގެން އުފުލާން ޖެހިއްޖެ ބުރައެއް އިންސާނާ އުފުލާން ޖެހެއެވެ. އާދަމުގެފާނުގެ ހާދިސާގެ ނަތީޖާއަކަށް ވީ، ބުރައެއް ނެތް އަރާމު އަދި ފާގަތި ދިރިއުޅުމުން މި ދުނިޔޭގެ ޙަޔާތުގައި މަޙްރޫމް ވެ، ދަތި އުނދަގޫ ދިރިއުޅުމެއް އުޅޭން ޖެހި، ދިރިދުނިޔޭގައި ދެމި ތިބުމަށް ޓަކައި، ބުރަ މަސައްކަތް ކުރާން ޖެހުމެވެ. ދެން އިންސާނާ އޭނާގެ ބަނޑު ފުރާނަ މުއްތި ކުރުމަށް ޓަކައި ބިމުގެ ތެރެއަށް ނުކުތެވެ.
އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ތިއްބެވި ޖަންނަތުން ނުކުމެވަޑައިގަތުމަށް އެންގެވި ބަސްފުޅުގައި "އިހްބިޠޫ" އަންނާތީ، އެއީ އުޑުން ބިމަށް ފޭބުމުގެ އަމުރެއް ކަމަށް މާނަ ކުރެވެއެވެ. އެހެންނަމަވެސް ގުރްއާނުގެ އާޔަތެއްގައިވާ ކަލިމައެއް ގުރްއާނުގެ އެހެން އާޔަތެއްގައި ވަނީ ކޮން މާނައެއްގައިތޯ ބެލުމަކީ ދިރާސާވެރީން ސަމާލުކަން ދޭ ކަމެކެވެ. މި ގޮތުން ބަނީއިސްރާއީލުންނަށް އައި "އިހްބިޠޫ މިޞްރަން" މި އަމުރުފުޅުން އެނގެނީ އެއީ އެއް ރަށުން އަނެއް ރަށަށް ފައިބަން އެންގެވުމުގެ މާނައިގައި ވެސް ބޭނުން ކުރެވޭ ކަލިމައެއް ކަމެވެ.
އާދަމުގެފާނު އުޑުން ވައްޓައިލެވުނީ ސިރީލަންކާގައި ހުންނަ ފަރުބަދައެއްގެ މައްޗަށް ކަމަށް އެ ތަނުގައި ހުންނަ އަސަރަކީ އެކަލޭގެފާނުގެ ފައިވާންފުޅުގެ އަސަރު ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ. އެއީ އިސްލާމީ ތާރީހުގެ އެއްވެސް ސައްހަ މަސްދަރަކުން ސާބިތުވާ ވާހަކައެއް ނޫނެވެ.
"ﷲ އިންސާނާއަށް ކުރިމަތި ކުރެއްވި އިމްތިޙާނުގެ ބޭނުމަކީ އިންސާނާއަށް ފިލާވަޅެއް ދެއްވުން. ޙަޔާތަކީ ތަފާތު ކުލަތަކާއި، ތަފާތު ގިންތިތަކާއި، ތަފާތު އެތައް ބާވަތެއްގެ ކަންކަން އެކުލެވިގެން ވާ އެއްޗެއް. ބުރަ މަސައްކަތާއި ކާމިޔާބީއާ ދެމެދު. ބާރާއި ނިކަމެތިކަމާ ދެމެދު." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.
"ކުށް ކުރުމާއި ފާފަ ކުރުމަކީ އިންސާގެ ކިބައިގައިވާ އާދައެއް. މިކަމުގައި އެއްވެސް އިންސާނަކު އިސްތިސްނާއެއް ނުވޭ. ކޮންމެ އާދަމުގެ ދަރިޔަކީ ކުށްކުރާނެ މީހެއް. ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި. ކުށެއް ކުރެވުމާ އެކު އެ ކުށުން ރުޖޫޢަވެ ތައުބާވުން އިންސާނާއަށް އޮތީ." އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.
އާދަމުގެފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީހުން ޤަބޫލުކުރަނީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ކުރެއްވުނު ފާފަ މުޅި އިންސާނީ ދަރިފަސްކޮޅަށް ވާރުތަވެފައިވާ ކަމަށެވެ. އެހެންވެ އެމީހުން ސިފަ ކުރާ ގޮތުގައި "އަސްލު ފާފަ" އަކީ އެއީއެވެ. އެހެންނަމަވެސް ފާފަ އާއި ފާފަވެރިވުމާ މެދު އިސްލާމް ދީން ދެކޭ ގޮތް ވަރަށް ސާފެވެ.
"ކީރިތި ޤުރުއާނުން ވަރަށް ސާފުކޮށް އެނގޭ، އިންސާނާއަށް އޭނާ ނުކުރާ ކަމެއްގެ ފާފަ ބޮލުގައި އަޅާކަށް ނުޖެހޭކަން. އިންސާނާ ޒިންމާވާން ޖެހޭނީ އޭނާ ކުރި ކަމަކަށް. އޭނާ ނުކުރާ ކަމަކަށް ޒިންމާ ވާކަށް ނުޖެހޭނެ." ޖާމިޢާ މައްކާ އަލްމުކައްރަމާ އަލްމަފްތޫޙާގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ބައްޕަ ކުރާ ކުށެއްގެ ޒިންމާ އުފުލާކަށް އަޅުގަނޑަކަށް ނުޖެހޭނެ. އަދި އަޅުގަނޑު ކުރާ ކަމެއްގެ ޒިންމާ ބައްޕަ ވެސް އުފުލާކަށް ނުޖެހޭނެ. އެހެންވީމާ އާދަމުގެފާނަށް ކުރެއްވުނު ކުށެއްގެ ސަބަބުން މުޅި އިންސާނީ ދަރިފަސްކޮޅު ފާފަވެރިއެއް ނުވާނެ." ޑރ. ޒަޣުލޫލު އަންނައްޖާރު ވިދާޅުވިއެވެ.
"އާދަމުގެފާނުންގެ ދެކަނބަލުންނަށް ކުރެއްވުނު ފާފައިގެ އެއްވެސް މިންވަރެއް އެއްވެސް އިންސާނަކު އުފުލާކަށް ނުޖެހޭ. އަނެއްކޮޅުން އެ ދެކަނބަލުން ވެސް ވަނީ ތައުބާވެވަޑައިގެންފައި. ﷲ ވަނީ އެ ބޭފުޅުންގެ ތައުބާ ގަބޫލު ކުރައްވައި، ފާފަ ފުއްސަވައިދެއްވައިފައި." ޑރ. ޢަވަޟް އަލްޤަރްނީ ވިދާޅުވިއެވެ.
ގިނަ ފަތްފުށްތަކުން ފެންނަ ގޮތުގައި އާދަމުގެފާނު ފުރަތަމަ އުޅުއްވީ ބިން މަތީން އެންމެ ފުރަތަމަ ފާޅުވި ރަށްކަމުގައިވާ މައްކާ އާއި އެ ރަށުގެ ވަށައިގެންވާ ބިންތަކުގައެވެ. އެއީ ކުރީގައި ފެހި ބިމެއް ކަން ހަދީސްތަކުން އެނގެއެވެ.
"ހަމަކަށަވަރުން، މީސްތަކުންނަށް ޓަކައި ފުރަތަމަ ލެއްވި ގެޔަކީ ބައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ..." އާލްޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތުގައި ވެއެވެ.
ގެފުޅުގެ ވަށައިގެން ކުރެވޭ ޠަވާފަކީ މައްކާއިން ނުކުތުމުގެ ކުރީން އާދަމްގެފާނު އެ ގެފުޅުގެ ވަށައިގެން ހިތާމަ ކުރައްވަމުން ޖެއްސެވި ހަތް ބުރު ކަމަށް ވެސް ވާރިދުވެފައި ހުރެއެވެ.
އާދަމުގެފާނު ލެއްވެވި ޖަންނަތުން ﷲ އެކަލޭގެފާނު ބޭރުކުރެއްވުމުން އެކަލޭގެފާނު ދެން ވަޑައިގަތް ތަނަކާ މެދު ކީރިތި ޤުރުއާނުގައި އެއްވެސް އިޝާރާތެއް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް ގިނަ ދިރާސާވެރީން ގަބޫލު ކުރައްވަނީ އެ ބޭފުޅުން އުޅުއްވީ ޖިއްދާގައި ކަމަށެވެ.
"އަހަރެމެން މިހާރު މި ތިބީ އަރަފާތް ބިމުގައި. އަރަފާތަކީ ޙައްޖުގެ އަޅުކަމުގައި އެންމެ މުހިންމު އެއް ތަން. ޙައްޖަކީ ޢަރަފާތް ކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވައިފައިވޭ. މި ބިމަށް އަރަފާތޭ ކިޔުނު ކަމަށް ބުނެވެނީ އާދަމުގެފާނާއި ޙައްވާގެފާނާ ބައްދަލުވީ މި ބިމުން ކަމަށް ވާތީ. ޢަރަފާތް މި ލަފްޒުގެ އަޞްލު ގުޅެނީ މި ބިމުގައި އެދެކަނބަލުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ވެވަޑައިގަތް ތަޢާރަފަށް ނިސްބަތްވެގެން ކަމަށް ބުނެވޭ. އެހެންނަމަވެސް މި ވާހަކަތަކުގެ ބުރަދަނާ މެދު މާ ވަރުގަދަ ހެކިތަކެއް އަހަރެމެންނަކަށް ފެނިފައެއް ނުވޭ. އެހެންނަމަވެސް ދޫދޫ މަތީން ވާހަކަ ދެކެވެމުން އަންނަ ގޮތަކީ މިއީ." ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ދާޢީއެއް ޙަސަން ޝާހީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ޖަންނަތުން ބޭރުކޮށްލެވުމަށް ފަހުން އާދަމުގެފާނަށް ވަޑައިގެންނެވުނީ މައްކާއަށް. އަދި އަޅުގަނޑުމެން ހުރިހާ އިންސާނުންގެ މަންމަ ކަމުގައިވާ ޙައްވާގެފާނާއި އެކަލޭގެފާނާ ބައްދަލުވީ ޢަރަފާތު ފަރުބަދައިން. އެހެން ވެގެން އެތަނަށް ޢަރަފާތޭ ކިޔެނީ. ޖިއްދާގެ އަޞްލަކީ ޖައްދާ ނުވަތަ މާމަ ކަމަށާއި ޖިއްދާއަށް ޖިއްދާއޭ ކިޔެނީ އިންސާނީ ދަރިފަސްކޮޅުގެ މާމަ ކަމުގައިވާ ޙައްވާގެފާނު އެ ރަށުގައި ފަސްދާނު ލެވިފައިވާތީ ކަމަށް ބުނެވޭ." ޑރ. ޒަޣުލޫލު އައްނައްޖާރު ވިދާޅުވިއެވެ.
ބައެއް ދިރާސާވެރީން ގަބޫލު ކުރައްވަނީ އާދަމުގެފާނު ލެއްވި ޖަންނަތަކީ މައްކާ ކަމަށެވެ. އަދި އުޅުއްވި ގެކޮޅަކީ ގެފުޅު ކަމަށެވެ. އެކަލޭގެފާނު އެ ރަށުން ނުކުމެވަޑައިގަތުމަށް އަމުރު ކުރެއްވުމަށް ފަހު އެތަނުގެ ފެހިކަމާއި ފެންކަން ގެންދެވީ ކަމަށެވެ. ކުރީން އެއީ ފެނާއި ގަސްހުރި ފެހި ތަނެއް ކަން ހަދީސްތަކުން ވެސް ސާބިތުވެއެވެ.
ދޫދޫމަތީން ރިވާ ކުރެވެމުން އަންނަ ގޮތުގައި އެންމެ ފުރަތަމައަށް ކަޢުބާ ބިނާ ކުރެއްވީ ވެސް އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޝީސް ނުވަތަ މަލާއިކަތުންނެވެ. ދެން އޭގެ ފަހުން ހަލާކުވެގެން ދިޔައީއެވެ. އެއަށް ފަހު ކަޢުބާ ބިނާ ކުރެއްވީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނެވެ. އެހެންކަމުން އާދަމުގެފާނުގެ ޒަމާނުއްސުރެ މިއަދާ ހަމަޔަށް ބިންމަތީގައި ދެމި ހުރި އެންމެ މުހިންމު ބިނާއަކީ ގެފުޅެވެ. އެއީ ނުބުއްވަތުގެ އަސަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މަތިވެރި އަސަރެވެ.

"ހަމަކަށަވަރުން، މީސްތަކުންނަށް ޓަކައި ފުރަތަމަ ލެއްވި ގެޔަކީ ބައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ..." އާލްޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތް.
"ކަޢުބާ އަކީ ދުނިޔޭގެ ބިމުގައި ކުރެވުނު އެންމެ ފުރަތަމަ ޢިމާރާތް. އިންޝާ ﷲ އެތަން އެ ގޮތުގައި ދުނިޔެ ނިމޭންވާންދެން ހުންނާނެ. އެއީ ބިންމަތީގައިވާ، އިންސާނުންގެ އާސާރުތަކުގެ ތެރެއިން އެންމެ ދުވަސްވީ އާސާރު. އެއީ އިންސާނުންގެ ބިނާ ކުރުމާއި ޞިނާޢަތުގެ ފެށުން." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.
އާދަމުގެފާނު ބިމުގައި ހޭދަ ކުރެއްވި ޙަޔާތުގެ ތަފްޞީލެއް ކީރިތި ޤުރުއާނުގެ ވާހަކަތަކުގައި ބަޔާން ކުރައްވައިފައެއް ނުވެއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ތެރެއިން ދެ ބޭފުޅެއްގެ ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. މި ދެ ބޭފުޅުންގެ ނަމެއް ޤުރުއާނުގައި ވާރިދުވެފައެއް ނުވެއެވެ. މީސްތަކުންނަށް އެ ދެ ބޭފުޅުންގެ ނަންފުޅުތައް ކަމުގައި އެނގިފައި ވަނީ އެއީ ޙާބީލް އާއި ޤާބީލް ކަމަށެވެ. އިންސާނުން ބިން މަތީގައި ހިންގި އެންމެ ފުރަތަމަ ޖަރީމާގެ ވާހަކައެވެ.
"ޝައިޠާނާ ދިޔައީ އިންސާނުން މަގުފުރެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން. އެކަލޭގެ އެއް އަޚެއްގެ ހިތުގައި އަނެއް އަޚަކާ މެދު ނަފްރަތު އުފެއްދި. މި ނަފްރަތުގެ ނަތީޖާއަކަށް ވީ އިންސާނަކު އޭނާގެ އަޚަކު ޤަތުލު ކުރުން. މިއީ އެންމެ ފުރަތަމައަށް ޖަރީމާއެއްގައި އޮހޮރިގެން ދިޔަ ލޭ." އުރުދުންގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
"އާދަމުގެފާނުގެ ދެ ދަރިކަލުން ވެސް ހުރިހާ ކަމެއްގައި، ހުރިހާ އުސްލޫބެއްގައި، ހުރިހާ ޢަމަލެއްގައި އެއްގޮތް ވުމަކީ އެކަށީގެންވާ ކަމެއް ނޫން. ކޮންމެ ދަރިކަލަކީ ވެސް ވަކި ޝަޚްޞިއްޔަތެއް. އޭގެ ތެރެއިން އެކަކީ އޭނާގެ އަޚާއާ މެދު ހިތް ހަރު، ޙަސަދަވެރި، ރުޅިގަދަ މީހެއް." ޖާމިޢާ މައްކާ އަލްމުކައްރަމާ އަލްމަފްތޫޙާގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.
"ހާބީލާއި ޤާބީލުގެ ވާހަކައިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، އިންސާނުންގެ މިޒާޖު. އެއްކޮޅުން އަނިޔާ ލިބޭ އިރު، ބަދަލު ހިފުމުގެ ރޫޙެއްގައި ކުރިމަތި ލާ އިރު، އަނެއްކޮޅުގައި ބަދަލު ހިފުމުގެ ރޫޙެއް ނެތި، ކެތްތެރިކަން އިސްކުރާ ތަން ފެނިގެން އެބަދޭ. އަދި ﷲ ހަނދުމަ ކުރާ މީހާގެ ތަޤްވާވެރިކަން އެބަ ފެނޭ. އެފަދަ މީހާގެ އަމިއްލަ ހުރިހާ އެދުމެއް ޤުރުބާން ކޮށްލަނީ ﷲ އަށް ޓަކައި." މައްކާގައި ހުންނަ ޖާމިޢާ އުއްމުލްޤުރާގެ އުސްތާޒެއް ކަމުގައިވާ ޑރ. ޢާދިލް ބާނާޢިމާ ވިދާޅުވިއެވެ.
ބުނެވޭ ގޮތުގައި ޖާހިލިއްޔަ ޒަމާނުގައި ހުރި ބުދެއް ކަމަށް ވާ ހުބަލު ނިސްބަތް ކުރެވިފައިވަނީ އާދަމްގެފާނުގެ ދަރިކަލުން ހާބީލަށެވެ.

ޖިއްދާގައި ހުންނަ ޙައްވާގެފާނުގެ މަޤްބަރާ
އާދަމުގެފާނާއި ޙައްވާގެފާނު ފަސްދާނު ލެވިގެންވަނީ ކޮންތަނެއްގައި ކަން، ޔަގީންކަމާ އެކު ބުނާކަށް ނޭނގެއެވެ. އާދަމުގެފާނުގެ ދެކަނބަލުން ފަސްދާނު ލެވިފައިވަނީ ފަލަސްޠީނުގެ ޚަލީލު ޝަހަރުގައި ހުންނަ އަލްޙަރަމް އިބްރާހީމީގައި ކަމަށް ވެސް ބުނެވެއެވެ. އެހެންނަމަވެސް މިކަން ސާބިތުވާ ފަދަ ހަރުދަނާ ހެކިތަކެއް ނެތެވެ. ގިނަ ރިވާތަކުން އެނގޭ ގޮތުގައި އާދަމުގެފާނާއި ޙައްވާގެފާނު އަވަހާރަވީ ޖިއްދާގައެވެ. މި ރަށުގައި ޙައްވާގެފާނުގެ މަޤްބަރާއޭ ކިޔޭ ތަނެއް މިއަދާ ހަމަޔަށް ވެސް ފެންނާން އެބަ ހުށްޓެވެ.
"އިންސާނީ ދަރިފަސްކޮޅުގެ ބައްޕަ، އާދަމުގެފާނުގެފާނު ފަސްދާނު ލެވިފައިވާ ތަނަކާ ބެހޭ ގޮތުން މާ އިތުބާރު ހިފޭ މައުލޫމާތުތަކެއް މިހާތަނަކަށް އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ. އެހެންނަމަވެސް ޙައްވާގެފާނުގެ މަޤްބަރާއާ ބެހޭ ގޮތުން ޒަމާނުއްސުރެ މަޝްހޫރުވެފައި އޮންނަނީ ޖިއްދާގައި ވާ މަޤްބަރާ އަކީ އެކަމަނާގެ މަޤްބަރާ ކަމަށް. އަދި ބުނެވޭ ގޮތުގައި ޖިއްދާގެ ނަން ނެގިފައިވަނީ "ޖައްދާ" މި ލަފްޒުން. "ޖައްދާ"ގެ މާނަ އަކީ މާމަ. ޙައްވާގެފާނަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ މާމަ ކަމަށް ވާތީ. އަދި ޖިއްދާގެ ނަން ނެގިފައި ވަނީ "ވަޖަދަ" އިން ކަމަށް ވެސް ބުނެވޭ. "ވަޖަދަ" ގެ މާނައަކީ ފެނުން. އާދަމްގެފާނާއި ޙައްވާގެފާނާ ފަހުން ބައްދަލުވީ މި ސަރަހައްދުން ކަމަށް ވާތީ އެކަމަށް ނިސްބަތްކޮށް މި ރަށަށް ނަން ކިޔުނީ ކަމަށް ވެސް ބުނެވޭ. މިއީ ޙައްވާގެފާނުގެ މަޤްބަރާކަމަށް ޒަމާނުއްސުރެ ކިޔެމުން އަންނާތީ މިއީ ހަގީގަތުގައި ވެސް ޙައްވާގެފާނުގެ މަޤްބަރާ ކަމަށް ގަބޫލު ކުރެވޭ. އަދި މި ރަށް މި އޮންނަނީ މައްކާއާ ވަރަށް ވެސް ގާތުގައި. އަހަރެމެން އެންމެންނަށް ވެސް އެނގޭ މައްކާ އާއި އަރަފާތަކީ އާދަމުގެފާނުގެ ދެކަނބަލުންނާ ގުޅުން އޮތް ދެ ތަން ކަން. މި ތަންތަން ދުރެއް ނޫން." ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ދާޢީއެއް ކަމުގައިވާ ޙަސަން ޝާހީން ވިދާޅުވިއެވެ.
މައްކާއަށް ގޮސް، އެއީ ކުރީން އާދަމްގެފާނު އުޅުއްވި ބިން ކަމާއި ޠަވާފަކީ އެކަލޭގެފާނު ދިރިއުޅުއްވި ގެކޮޅުގެ ވަށައިގެން، އެ ރަށުން ނުކުމެވަޑައިގަންނަވާން ޖެހުމުގެ ހިތާމައިގައި އެކަލޭގެފާނު ޖެއްސެވި ހަތް ބުރު ކަން އެނގިގެން ހުރެ ޠަވާފު ކުރާ މީހާއަށް ކުރާ އަސަރު ގައިމުވެސް ބޮޑުވާނެއެވެ.
އާދަމުގެފާނުގެ ނުބުއްވަތާ ބެހޭ ގޮތުން ކުރީގެ ފޮތްތަކުގައްޔާއި މިހާރުގެ ފޮތްތަކުގައި ވަރަށް ގިނައިން ލިޔެވިފައި ހުރެއެވެ. އެކަލޭގެފާނަކީ ރަސޫލެއްތޯ ނުވަތަ ނަބިއްޔެއްތޯ ވަރަށް ގިނައިން ސުވާލު ކުރެވެއެވެ. އަދި އެކަލޭގެފާނު ފޮނުއްވުނީ ކޮން ބަޔެއްގެ ގާތަށްތޯ ވެސް ސުވާލު ކުރެވެއެވެ.
"އާދަމުގެފާނަކީ ނަބިއްޔެއް ކަމާ މެދަކު ޝައްކެއް ނެތް. އެހެނީ ﷲ އާދަމުގެފާނަށް ބަސް ވަޙީ ކުރެއްވި. ﷲ އިންސާނަކަށް ބަސް ވަޙީ ކުރެއްވުމަކީ ނަބީކަމުގެ ސިފައެއް. އަދި އެކަލޭގެފާނަކީ ނަބިއްޔެއް ކަމަށް ﷲ ގެ ވަޙީ ބަސްފުޅު، ކީރިތި ޤުރުއާނުން ވެސް ދަލީލު ލިބޭ. އެހެންކަމުން އެކަލޭގެފާނަކީ ނަބިއްޔެއް. އެކަލޭގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ އާއިލާގެ ގާތަށް. އޭރު ބިން މަތީގައި އެހެން ގައުމުތަކެއް ގަބީލާތަކެއް ނުވޭ. އެހެންކަމުން އެކަލޭގެފާނު ފޮނުއްވީ އެކަލޭގެފާނުގެ އާއިލާގެ ގާތަށް." ޖާމިޢާ މައްކާ އަލްމުކައްރަމާ އަލްމަފްތޫޙާގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.
"އާދަމުގެފާނުގެ ޒަމާނުގައި ގައުމެއް ނެތް. އާދަމުގެފާނަކީ އެކަލޭގެފާނުގެ އާއިލާއަށް ފޮނުއްވުނު ނަބިއްޔެއް އަދި ރަސޫލެއް. އެކަލޭގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންގެ ގާތަށް. އެކަލޭގެފާނަކީ އެބޭފުޅުންގެ ގާތަށް ފޮނުއްވުނު ރަސޫލެއް. އެހެންކަމުން އެކަލޭގެފާނަކީ އެންމެ ފުރަތަމަ ނަބިއްޔާ އަދި އެންމެ ފުރަތަމަ ރަސޫލާ." އުރުދުންގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ އަޙްމަދު ނައުފަލް ވިދާޅުވިއެވެ.
އާދަމުގެފާނުގެ ވާހަކަ އަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ވަރަށް މުހިންމު ވާހަކައެކެވެ. އިންސާނީ ދަރިފަސްކޮޅުގެ މިޒާޖާއި، ޒިންމާތަކާއި، މިފަދަ އެތައް ކަމެއްގެ މައްޗަށް އިޝާރާތް ކުރާ ވާހަކައެކެވެ. އެކަލޭގެފާނު ޚަލްޤު ކުރެއްވުމާއި، ނަންތަކުގެ މަފްހޫމު އުނގަންނަވައި ދެއްވުމާއި، އިމްތިޙާނު ކުރެއްވުމާއި، ކުށެއް ކުރެއްވުމާއި، ތައުބާވުމާ، މި ހުރިހާ ކަމެއްގައި ވެސް ފުން މާނަތަކެއް އެކުލެވިގެންވެއެވެ. މިއީ އިންސާނާ އާއި އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ބެހޭ ގޮތުން އިންސާނާއަށް ޓަކައި ހުރި އިބްރަތްތެރި ފިލާވަޅުތަކެކެވެ. މިއީ އިންސާނީ ތާރީޚުގެ ފެށުމެވެ.