16 Oct 2011, 17:00
މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި މޯލްޑިވިއަން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އޮފީސް ހުޅުވާފައި ހުންނަ ވަގުތަކާ ދިމާނުވާތީ އެ ދެ ޕާޓީ އަށް އިލްކެޝަންސް ކޮމިޝަނުން ހަވާލުކުރަން ޖެހޭ ސިޓީތަކާ ލަސްވެގެން އަންނަ އާދިއްތަ ދުވަހުގެ ހަވާލުވުމަށް އަންގައި އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ގަވައިދުގެ ދަށުން އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްގެން ހިންގާ، ރީކޯ އިބްރާހިމް މަނިކު އިސްވެ ހުންނަވައިގެން ހިންގާ އެމްއެސްޑީޕީ އާއި ކުރީގެ އެމްޑީޕީގެ ރައީސް މުނައްވަރުގެ އެމްއާރުއެމްގެ އޮފީސް ހުޅުވާފައި ހުންނަ ވަގުތަކާ ދިމާނުވާ ކަމަށެވެ. އަދި އެ ދެ ޕާޓީން އެ ކޮމިޝަނަށް ދީފައިވާ ފޯނު ނަމްބަރަކަށް ނުގުޅޭ އިރު، އެ ދެ ޕާޓީގެ އޮފީސް ހުޅުވާފައި ނުހުންނަ ކަމުގެ ޝަކުވާ ޕާޓީގެ މެމްބަރުން ވެސް އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަނުން ބުނީ އެ ކޮމިޝަނުން އެމްއެސްޑީޕީ އާއި އެމްއާރުއެމް އާ ހަވާލުކުރަން ޖެހޭ ގިނަ އަދަދެއްގެ ސިޓީ ހަވާލު ނުކުރެވި އެބަހުރި ކަމަށެވެ. އަދި އެ ސިޓީތަކާ އެންމެ ލަސްވެގެން އަންނަ އާދިއްތަ ދުވަހު ހަވާލުވުމަށް އެދެ ޕާޓީއަށް ވަނީ އަންގައިފަ އެވެ.
އިލެކްޝަނުން ބުނީ އެ ދެ ޕާޓީގެ ވެސް އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް ސަރުކާރުގެ އޮފީސް ތަކަށާއި އާންމުނަށް އެނގޭނެ ފަދަ ގޮތެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ދެ ޕާޓީއާ ވެސް ހަވާލު ކުރަން ޖެހޭ އެއްޗެހި ހަވާލު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ވެސް ވަނީ އެ އިއުލާންގައި އަންގައިފަ އެވެ.
"ވީމާ މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވިއަން ރިފޯމް މޫވްމަންޓް އަށް ހަވާލުކުރަންޖެހޭ ގިނަ އަދަދެއްގެ ސިޓީތައް އެ ދެ ޕާޓީއަށް ރައްދު ނުކުރެވި މި ކޮމިޝަނުގައި ހުރުމާއެކު އެ ދެ ޕާޓީގެ ފަރާތުން 2011 އޮކްޓޯބަރު 23 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00ގެ ކުރިން މި ކޮމިޝަނަށް ހާޒިރުވެ، އެތަކެއްޗާ ހަވާލުވުމަށް އަންގަމެވެ." އިލެކްޝަންސްގެ އިއުލާންގައިވެ އެވެ.
_______________________
ނޯޓް: މި ހަބަރުގައި ކުރިން އެމްއެސްޑީޕީ އަކީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެއް ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. އަދި ރަނގަޅު ގޮތަކީ ރީކޯ އިބްރާހިމް މަނިކު އިސްވެ ހުންނަވައިގެން ހިންގާ އެމްއެސްޑީޕީ އެވެ.
ވީމާ މި ކުށަށް ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ކިޔުންތެރިންގެ އަރިހުން މި ކުށަށް މާފަށް އެދެމެވެ.