16 Oct 2011, 16:47
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އުފެއްދުމުގެ ޖަލްސާ ރޭ ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ޕާޓީގައި ނުހިމެނޭ ބަޔަކު ބައިވެރިވެ ވޯޓްލުން ފަދަ އެއްވެސް ކަމެއް ހިނގާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
"ޖަލްސާގެ ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް. އޮބްޒާވް ކުރެއްވި އޮފިޝަލުންނަށް އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވޭ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އެހެން ނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަވާނެ ކަމަށެވެ. އެއީ ރޭގެ ޖަލްސާގައި ނިންމި ނިންމުންތަކާއި އެހެނިހެން މައުލޫމާތު އެ ޕާޓީން އިލެކްޝަނަށް ފޮނުވުމުން، އިލެކްޝަނުން ބަލަން ޖެހޭ ކަންތައްތައް ބަލުމަށް ހޭދަވާ ވަގުތުކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދުމުގެ ޖަލްސާ ރޭ ބާއްވާފައިވާ އިރު އެ ޕާޓީގެ އިންތިގާލީ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމެވެ. އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސަކަށް އިންތިހާބުކުރީ، ރައްޔިތުންގެ މަޖިލީހުގެ މުލަކުދާއިރާގެ މެންބަރު އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.