ސަލްޓަންސް އޮފް ދަ ސީސް ގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ހުކުމްކޮށްފައިވާ 654 މިލިޔަން ރުފިޔާގެ ދަރަނީގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން ނެރުނު އަމުރުގެ ސަބަބުން ބޭންކާއި ބޭންކުގެ ހިއްސާދާރުންނަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް ބުނެ އެ އަމުރު ބާތިލުކުރަން ނުވަތަ އެހެން ގޮތަކަށް ބަދަލުކުރަން ބޭންކުން އެދޭ އަމުރު ނެރެދެވެން ނެތްކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ސަލްޓަންސްގެ މައްޗަށް ދައުވާކުރަނީ ސަލްޓަންސް އިން އެ ބޭންކުން ނަގާފައިވާ 15300000 ޑޮލަރާއި 12500000 ޕައުންޑާއި 8700000 އަދި 500000 ޑޮލަރު ގެ ލޯނަށް ދައްކަންޖެހޭ ފައިސާ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ހޯދުމަށެވެ.

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލާގެ މަސްލަހަތު އޮންނަ މި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ސަލްޓަންސްގެ ފަރާތުން ބޭންކަށް ދައްކަން ހުކުމްކޮށްފައިވާ ފައިސާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރެފައިވާ އަމުރު ބާތިލު ކުރެވެން ނެތްކަމަށާއި އެކަމާ ހިތް ހަމަ ނުޖެހޭ ކަމަށް ވާނަމަ ސުޕްރީމް ކޯޓަށް ދިއުމުގެ ހައްގު ބޭންކަށް ލިބިދޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ވަކީލު ޝާހީން ހަމީދު ވިދާޅުވީ ހުކުމާ އެއް ގޮތަށް އެ ފައިސާ ލިބެމުން ނުދާތީ ބޭންކާއި ބޭންކުގެ ހިއްސާދާރުންނަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސަލްޓަންސް އިން އެ މައްސަލައިގައި އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

ޝާހީން ވިދާޅުވީ 2008 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ސަލްޓަންސް އިން ބޭންކަށް ފޮނުވި ސިޓީގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމާއިގުޅިގެން ލޯނު އެގްރީމެންޓާއިއެއްގޮތަށް ފައިސާ ނުދެއްކޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭގެފަހުން އެ ފައިސާ ނުދެއްކިވަނީ ބޭންކުގެ ސަބަބުންކަމަށް ބުނުމަށްފަހު ބޭންކުން ސަލްޓަންސް އާއި ބެހޭގޮތުން ދޮގު މައުލޫމާތުތަކެއް އޮޑިޓް އޮފީހަށް ދިނުމާއިގުޅިގެން ނެރެފައިވާ އޮޑިޓްރިޕޯޓުގައިވާ ކަންތައްތައްތަކުގެ ސަބަބުން އެ ފައިސާ ދެއްކެން ނެތްކަމަށް ސަލްޓަންސް އިން ބުނެ ދައްކާ ވާހަކަތައް އެއްވެސްގޮތަކަށް ދިމާނުވާ ކަމަށެވެ.
"އެވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް،" ޝާހީން ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ ސަލްޓަންސް އާއިބެހޭގޮތުން ހަގީގަތާއި ހިލާފު އެއްވެސް މައުލޫމާތެއް ބޭންކުން އޮޑިޓް އޮފީހަށް ދީފައިނުވާނެކަމަށެވެ. ބޭންކުގައި ހުރި ލިޔުންތަކުގެ ކޮޕީ އޮޑީޓާ ޖެނެރަލް ހޯއްދަވާފައި ވަނީ ގާނޫނީގޮތުން އެފަރާތަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށާއި އޮޑިޓް ރިޕޯޓާ ގުޅިހެން ބޭންކުން ޒިންމާވާން ނުޖެހޭނެކަމަށެވެ.

މިއަދުގެ ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ މި މައްސަލައިގައި ދެން ބާއްވާނީ އެންމެ ފަހުގެ އަޑުއެހުން ކަމަށެވެ.