ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފެށުނު އިރު ފެނުނު މަންޒަރު ރަނގަޅު ނޫން ކަމަށާއި ފެނުނީ ރާއްޖެ ކުރީގައިވެސް އޮތް އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ދާން މިސްރާބުޖެހި މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ބާރަށު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިނަށް އުތީމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި މަސައްކަތަކީ ކޮރަޕްޝަނާއި ވައްކަން ރާއްޖެއިން ފުހެލާ އަނިޔާވެރިކަން ގައުމުން ނައްތާލުން ކަަމަށެވެ. އަދި އެކަން ކުރުމަކީ އެކަމަނިކުފާނުގެ ވާޖިބެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެހެންވެ އެމަނިކުފާނު މިއަދު ކުރަމުންދަނީ އެމަނިކުފާނުގެ މެނިފެސްޓޯއަށް ތާއީދު ކުރާ އެޖެންޑާ 19 އަށް ތާއީދުކުރާ މެމްބަރުން މަޖިލީހަށް ހޮވުމުގެ މަސައްކަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ފެށީގެން އައިއިރުގާ އަޅުގަނޑު ބަލަމުން ގެންދިޔައީ މިސްރާބު ހުރީ ކޮން ދިމާލަކަށްތޯ. އަޅުގަނޑަށް ފެނުނު މަންޒަރު ރަނގަޅެއް ނޫން. އަޅުގަނޑަށް ފެނުނީ އަނެއްކާވެސް މިރާއްޖެ އޮތް އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް މިސްރާބު ޖަހާފައި ހުރިތަން." ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެޖެންޑާ 19 އަކީ ރައްޔިތުންގެ އުންމީދާއި ގައުމުގެ ދިރުން ކަމަށާއި އެހެންވީމަ ރައްޔިތުން އެޖެންޑާ 19 އާ އެކު ކުރިއަށް ދިއުމަށް އެދޭކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ތަރައްގީ ގުޅިފައިވާ ހުރިހާ ވާހަކަތަކެއް އެޖެންޑާ 19 ގައި ތަފްސީލުކޮށް ލިޔެވިފައިވާ ކަމަށެވެ. އެހެންވީމަ އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނުމަށް އެދޭ ކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ސޯލިހު އެވާޙަކަފުޅު ދައްކަވާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމާ ގުޅިގެން މިހާރު ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމްއާއެކު ކޯލިޝަން ހަދައި ޕީޕީއެމުން ވާދަކުރާ 29 ދާއިރާއަކަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރާކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެޕާޓީއޮތީ އިދިކޮޅުގައިތޯ ސަރުކާރުގައިތޯ ސާފުވާން ޖެހޭ ކަމަށެވެ.