31 Mar 2019, 16:45
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރިއިރު ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ހުށަހެޅި ހަތް މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަން ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ފެށޭ މަހުގެ ހަވަނަ ދުވަހު އެވެ. މިހާރު 99 ޕަސެންޓް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.
އިންތިހާބީ ޝަކުވާގެ ހަތް މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވަނީ ވަކި ވަކި ހަތް މީހުންނެވެ. ނަމަވެސް ހަތް މީހުންނަކީވެސް ތިމަރަފުށީ ދާއިރާއަށް ވޯޓު ލެވޭ ހަތް މީހުންނެވެ.
އެމައްސަލަ މާދަމާ 14:00 އަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅި ހަތް މީހުން
- އަފްސާނާ އަބްދުލްވައްހާބު/ ހަވާ، ތ.ތިމަރަފުށި
- ސައުދިއްޔާ އަހުމަދު/ މޫނިމާގެ، ތ. ތިމަރަފުށި
- އައިމިނަތު ސަފާ/ ހަވާ، ތ. ތިމަރަފުށި
- އިސްމާއިލް ޝަރީފު/ ނަރުގިސްވިލާ، ތ. ތިމަރަފުށި
- އަހުމަދު އިބްރާހިމް މަނިކު/ އަސުރުމާގެ، ތ. ތިމަރަފުށި
- ހަސީނާ އަލީ/ އަސުރުމާގެ، ތ. ތިމަރަފުށި
- އަކްރަމް އަބްދުލްވައްހާބު/ ހަވާ، ތ. ތިމަރަފުށި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ.
އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ ބޮޑުގެއްލުމެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވަނީ ވިދާޅުވެފަ އެވެ. މަޖިލިސް އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އިންތިހާބު ލަސްކޮށްފި ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށް ކޮންމެ ޕާޓީއަކަށް ވެސް އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިން ކަމަށާއި އިންތިހާބު ލަސް ކުރަން ބޭނުންވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅާފައިވާ މުއްދަތުގައި ކެމްޕެއިން ނުކުރުމަކީ އީސީ އިން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އެބޭފުޅުންނަށް ގާނޫނުގައި ކަނޑައެޅިފައި އޮތް މުއްދަތު ނުދީ އޮތް ނަމަ، އެއީ އަޅުގަނޑުމެން ގާނޫނީ ގޮތުން އެކަމުގެ ޒިންމާ އުފުލަންޖެހޭ ކަމެއް. އެ ބޭފުޅުން ކެމްޕެއިން ނުކުރާ ކަމަށް ވަންޏާ އޭގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުލާކަށް ވެސް ނުޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.