31 Mar 2019, 15:58
ވޮޝިންޓަން (މާޗް 31): އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ ފޯނު ސައުދީ އަރަބިއާއިން ހެކް ކުރި ކަމަށް އެމެރިކާގެ އިންވެސްޓިގޭޓަރަކު ބުނެފި އެވެ.
އިންވެސްޓިގޭޓަރު ގެވިން ޑި ބެކާއަކީ އެމެރިކާގެ ނޫހެއް ކަމަށްވާ ނެޝަނަލް އެންކުޔަރާއަށް ބޭޒޯސްގެ ޕްރައިވެޓް މެސެޖުތަކެއް ލިބުނު ގޮތް ތަހުގީގު ކުރަމުންދާ މީހެކެވެ. އޭނާ ބުނި ގޮތުގައި، ސައުދީން ބޭޒޯސްގެ ފޯނު ހެކް ކުރީ ވޮޝިންޓަން ޕޯސްޓުން ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރާ ބެހޭ ގޮތުން ރިޕޯޓު ކުރަމުން ދިޔުމުންނެވެ.
ވޮޝިންޓަން ޕޯސްޓަކީ ބޭޒޯސްގެ ނޫހެކެވެ. އަދި ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ހާޝުގްޖީ މަރާލުމުގެ ކުރިން އޭނާ ދިޔައީ އެނޫހަށް ކޮލަމެއް ލިޔަމުންނެވެ.
"ސައުދީން ބޭޒޯސްގެ ފޯނު ހެކްކޮށް އޭގެއިން ޕްރައިވެޓް މައުލޫމާތު ހޯދިކަން އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުންނަށާއި ބައެއް މާހިރުންނަށް ވަނީ އެނގިފައި،" ޑި ބެކާ ބުންޏެވެ.
މިދިޔަ މަހު ބޭޒޯސް ވަނީ ނެޝަނަލް އެންކުޔަރާ އާއި އެނޫސް ނިސްބަތްވާ އެމެރިކަން މީޑިއާ އިންކް (އޭއެމްއައި)އިން އޭނާގެ ފޮޓޯތަކެއް ބޭނުންކޮށްގެން، އޭނާއަށް ބިރު ދެއްކި ކަމަށް ބުނެފަ އެވެ. އެފޮޓޯތަކަކީ ބޭޒޯސްގެ ސިއްރު ލޯބިވެރިޔާއާ އެކު ނަގާފައިވާ ސިއްރު ފޮޓޯތަކެކެވެ. އަދި އެފޮޓޯތައް ލީކުވި ފަހުން ބޭޒޯސް އާއި އޭނާގެ އަންހެނުން ވަނީ ވަރިވާން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
ޑި ބެކާ ވަނީ އޭނާގެ ތަހުގީގުން ލިބުނު ހެކި މިހާރު ކަމާ ބެހޭ އެމެރިކާގެ އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާގެ ތުހުމަތުތަކާ ބެހޭ ގޮތުން ސައުދީން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ހާޝުގްޖީގެ މަރާ ގުޅިގެން އެމެރިކާއިން ވަނީ އެއީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ހުއްދައާ ނުލައި ކުރިއަށް ނުގެންދެވޭނެ އަމަލެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ ހާޝުގްޖީގެ މަރާ ވަލީއަހުދާ ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.