ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސްތައް ޗާޕު ކޮށްފައިވަނީ 2.6 މިލިއަނެއްހާ ރުފިޔާއަށް ނޮވެލްޓީން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން އީސީ އިން އިއުލާން ކުރި އެވެ. އެންމެ ފުރަތަމަ މިމަހު ދެ ވަނަ ދުވަހު ކުރި އިއުލާނަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާނު ބާތިލް ކޮށް މިމަހު 11 ވަނަ ދުވަހު އީސީ އިން އަލުން ވަނީ ވޯޓު ކަރުދާސް ޗާޕް ކުރުމަށް އިއުލާން ކޮށްފައެވެ.

މަޖިލިސް އިންތިހާބާ ގުޅޭގޮތުން އީސީ އިން އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ވޯޓް ކަރުދާސް ޗާޕް ކުރުމަށް ހުޅުވާލުމުން އަންދާސީ ހިސާބު ހުށަހެޅީ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ޗާޕް ކުރި އެމްސެވަން އާއި ނޮވެލްޓީން ކަމަށެވެ. އެންމެ އަގުހެޔޮ އަންދާސީ ހިސާބު ހުށަހެޅީ 2.6 މިލިއަނަށް ނޮވެލްޓީން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މާލިއްޔަތު ގަވައިދުގައިވާ ގޮތުން 2.5 މިލިއަނަށް ވުރެ ގިނަ ވާ ނަމަ ގޮތެއް ނިންމަވާނީ ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ކަމަށާއި ނެވެލްޓީއަށް ދިނުމަށް ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ކަމަށެވެ.

"2.6 މިލިއަން އެންމެ އަގު ފަރާތްތަކުން ހުށަހަޅާފައި އޮތީ. އަޅުގަނޑުމެން އެ ފިނޭންސް މިންސްޓްރީއަށް ފޮނުވައިގެން ޓޭންޑާ ބޯޑުން މިފަހަރު ނިންމާފައި އޮތީ. އެގްސެކްޓް ފިގާ އެއް ނޫން. 2.6 މިލިއަނެއްހާ ރުފިޔާ ހަރަދުވެފައި އޮތީ،" ޝަރީފް ވިދާޅުވިއެވެ.

މިއަދު އީސީ އިިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ: ވޯޓު ކަރުދާސް ޗާޕް ކުރުމަށް އެންމެ ހެޔޮ އަގެއް ހުށަހެޅީ ނޮވެލްޓީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލިސް އިންތިހާބުގައި ވޯޓުކަރުދާސް ޗާޕް ކުރުމަށް 2.6 މިލިއަން ރުފިޔާއަށް ނޮވެލްޓީއަށް ދިފައިވާ އިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްސެވަން އަށް ވޯޓު ކަރުދާސް ޗާޕް ކުރުމަށް ދީފައި ވަނީ ތިން މިލިއަން ރުފިޔާ އަށެވެ.

މިފަހަރު ވޯޓް ކަަރުދާސްތައް ކަޅާއި ހުދުން!

އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކަށް ވޯޓު ކަރުދާސް ޗާޕް ކުރުމަށް ދެ އިހްތިޔާރެއް ދެއްވި ކަމަށާއި އެއީ ކުލަކޮށް ޗާޕް ކުރުމަށް ނުވަތަ ކަޅާއި ހުދުން ޗާޕް ކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިސީގެ ބަޖެޓްގައި އެވަރަށް ފައިސާ ނެތުމުން ނިންމީ ކަޅާއި ހުދުން ވޯޓު ކަރުދާސްތައް ޗާޕް ކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެ އޮޕަޝަނެއް ހުށަހަޅާލިން. އެއް އޮޕްޝަން އަކީ ކުލަ ކޮށް ޕްރިންޓް ކުރުން. އެނެއް އޮޕްޗަން އަކީ ބްލެކް އެންޑް ވައިޓް ކޮށް. އަޅުގަނޑުމެން އަތުގައި ފައިސާ ހުރި މިންވަރަށް ބަލާފައި، އަޅުގަނޑުމެން މިފަހަރު އިހްތިޔާރު ކުރީ ބްލެކް އެންޑް ވައިޓް ކޮށް ކުރަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މި ފަހަރު ވޯޓު ކަރުދާހުގައި ހިމެނޭނީ ސެކިއުރިޓީ ދެ ފީޗާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ތިން ފީޗާ ހިމެނެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޗާޕް ކޮށްފައިވާ ވޯޓު ކަރުދާހުގެ އަދަދަކީ، 267،159 އެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ، 264،442 މީހުންނަށެވެ.

ވަކި ދާއިރާތަކަށް ވޯޓް ކަރުދާހުގެ އަދަދު މިއަދު އިއުލާން ކުރައްވާނެ ކަމަށް އީސީ އިން ބުނެއެވެ.

މަޖިލީހުގެ 87 ދާއިރާގެ 386 ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 501 ފޮށި ބެހެއްޓުމަށް ވަނީ ހަމަ ޖެހިފައެވެ.