ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފްރީޒްކޮށްފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުން ތަހުގީގުކުރަމުން ދަނީ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ އެކެވެ. އެއީ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލަ އެވެ.

މިއަދު ހައިކޯޓުން އަމުރު ކުރީ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޖިނާއީ އިޖުއާރުއަތު ގާނޫނުގެ 72 އަދި 73 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ އަމުރަކަށް ވާތީ އެ އަމުރު ބާތިލު ކުރާށެވެ.

އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރަން އަމުރު ނެރުނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެކަމާ ގުޅުން ހުރި ފައިސާ ނުހިފައްޓައިފިނަމަ، އެފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެކަމަށް ބެލެވޭތީއާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުސަތު އޮތްކަމަށް ތަހްގީގަށް ފެންނާތީ، ފުލުހުން ކްރިމިނަލް ކޯޓުގައި އެކަމަށް އެދުމުންނެވެ.

ކްރިމިނަލް ކޯޓުން އިސްލާމިކް ބޭނުންކުގެ މައްޗަށް އަމުރު ކުރީ ޔާމީން އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި އަށް އެކައުންޓެއް 13 ޑިސެމްބަރު 2018 ވަނަ ދުވަހުން ފެށިގެން 12 މާޗް 2019 ވަނަ ދުވަހުގެ ނިޔަލަށް ފްރީޒް ކުރުމަށެވެ.

އެ އެކައުންޓުތައް ފްރީޒް ކުރަން އެދި ހުށަހެޅި އިރު ފުލުހުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސިޓީއަކާއި، ޔާމީންގެ އަށް އެކައުންޓްގެ ބޭންކް ސްޓޭޓްމަންޓްތައް ކޯޓަށް ހުށަހަޅައިފަ އެވެ.

ދައުލަތުން ބުނީ އިސްތިސްނާ ހާލަތެއް އޮތް ކަމަށް

އެކައުންޓުތައް ފްރީޒް ކުރެ މައްސަަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ 24 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެވެ.

ޔާމީންގެ ފަރާތުން ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓްގައިވާ ފައިސާ ފްރީޒް ކުރުމުގެ އަމުރަކަށް އެދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ(ހ) ގެދަށުން ބޭންކް އެކައުންޓް މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާ ނަމަ ކަމުގައިކަން 73 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށެވެ.

އެހެން ކަމުން، ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާއާ ހިލާފަށް ކަމަށް ޔާމީންގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެ އެވެ.

އޭގެ ދިފާއުގައި ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ 72 ވަނަ މާއްދާގެ (ހ) ގައި ބޭންކް އެކައުންޓެއްގެ މަޢުލޫމާތު ހޯދުމަށްޓަކައި އެކައުންޓް މޮނިޓަރިންގ އަމުރެއް ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި އެޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާ ހާލަތެއް އެބަ އޮތް ކަމަށެވެ.

އެގޮތުން 72 ވަނަ މާއްދާގެ (ބ)ގައި ބުނަނީ ބޭކިންގ އާއި ބޭހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ބޭންކަކަށް ލިޔެގެން ހޯދާ މައުލޫމާތުގެ މައްޗަށް ބަލާ ބެލުމުގެ ތެރެއިން ޖިނާއީ ބޮޑު ކުށެއް ފާހަގަވެއްޖެކަމުގައި ވާނަމަ އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރަަކަށް އެދެވިދާނެ ކަމަށެވެ.

އިސްތިސްނާ ހާލަތުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވޭ!

އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާފަދަ މޮނިޓަރިންގ އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދައުލަތަށް ލިބިގެން ގޮސްފައިވީ އިރު ދައުލަތުން މޮނިޓަރިންގެ އަމުރަކަށް އެދިފައި ނުވާކަން ހުކުމުގައި ފާހަގަ ކުރި އެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނޫގެ 72 ވަނަ މާއްދާގެ (ބ) އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ)އަށް އޮތް އިސްތިސްނާއެއްކަމަށް ދައުލަތުގެ ފަރާތުން ބުނާއިރު، އެމާއްދާގައިބުނާ އިޖުރާއަތު ދައުލަތުގެ ފަރާތުން ފުރިހަހަމަކޮށްފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. ހުކުމުގައި ބުނެފައި ވަނީ އެ އިސްތިސްނާ ހާލަތުގައި ފްރީޒް ކުރުމުގެ އަމުރަކަށް އެދެވޭނީ ވެސް ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން ނުވަަތަ ޕީޖީ އޮފީހުން ލިޔުމެއް ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮށްފައި ނުވާކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"އެމްއެމްއޭގެ ސިޓީގައިވާ ކަންކަމާއި ބޭންކު ސްޓޭޓްމެންޓުތަކާ ގުޅުމެއް ނެތް"

އޭގެ އިތުރުން، ފްރީޒް ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 5 ނޮވެމްބަރު 2018 ވަނަ ދުވަހު އެމްއެމްއޭގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށްވާ އިރު އެ ސިޓީގައި އޮތީ އޭސީސީއިން ބީއެމްއެލްގައި ހުޅުވާފައި ހުރި އެސްކްރޯ އެކައުންޓަކަށް ޔާމީންގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓަކުން އެއް މިލިއަން ޑޮލަރު ޖަމާ ކުރި ކަން ފާހަގަ ކުރެވުނު ކަން ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އަދި އެ ސިޓީއާ އެކު ހުށަހެޅީ ޔަމީންގެ އަށް އިސްލާމިކް ބޭންކު އެކައުންޓެއްގެ ސްޓޭޓްމަންޓު ކަމަށްވާ އިރު އެމްއެމްއޭގެ ސިޓީގައިވާ މުއާމަލާތާއި އެ ސްޓޭޓްމެންޓުތަކާ ގުޅެނީ ކިހިނެއް ކަމެއް އެކައުންޓު ފްރީޒް ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކާއި ގަރީނާއިން ނޭނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެން ކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ ސަބަބުތަކުގެ އިތުރުން، ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކުރި އަމުރަކީ ނާއީ އިޖުއާރުއަތު ގާނޫނުގެ 72 އަދި 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށެވެ.