މަޖިލިސް އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އިންތިހާބު ލަސްކޮށްފި ނަމަ އިތުރަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބު ލަސްކުރުމަށް ބައެއް ފަރާތްތަކުން ކޯޓަށް ދާން އުޅޭ ކަމަށް އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތި ދިނުމަށް އިންތިހާބާ ބެހޭ މަރުކަޒުގައި އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ބައެއް ފަރާތްތަކުން އިންތިހާބު ލަސް ކުރުމަށް މަސައްކަތް ކުރައްވަން އުޅުއްވާ ކަމަށް ހަބަރު ލިބޭ ކަމަށާއި އީސީ އިން ވަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ.

ޝަރީފު ވިދާޅުވީ، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށް ކޮންމެ ޕާޓީއަކަށް ވެސް އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިން ކަމަށާއި އިންތިހާބު ލަސް ކުރަން ބޭނުންވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅާފައިވާ މުއްދަތުގައި ކެމްޕެއިން ނުކުރުމަކީ އީސީ އިން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެބޭފުޅުންނަށް ގާނޫނުގައި ކަނޑައެޅިފައި އޮތް މުއްދަތު ނުދީ އޮތް ނަމަ، އެއީ އަޅުގަނޑުމެން ގާނޫނީ ގޮތުން އެކަމުގެ ޒިންމާ އުފުލަންޖެހޭ ކަމެއް. އެ ބޭފުޅުން ކެމްޕެއިން ނުކުރާ ކަމަށް ވަންޏާ އޭގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުލާކަށް ވެސް ނުޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

މިއަދު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އީސީ އިން ބުނަނީ އިންތިހާބު ލަސް ކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީފު ވިދާޅުވީ، އެއްވެސް ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހާލާފައިވާ ކަން މިހާތަނަށް އީސީއަށް އަންގާފައި ނުވާ ކަމަށާއި ޝަރުއީ އެއްވެސް ކޯޓަކުން އިންތިހާބު ލަސްކުރުމަށް ގާނޫނު ކަނޑައަޅަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"އިންތިހާބު ފަސްކުރަން ޖެހޭ ގާނޫނު ލާޒިމް ކުރާ އެއްވެސް ކަމެއް ނޯންނާނެ. ގާނޫނުގައިވާ ގޮތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަންކަމުގައި ގާނޫނުން ކަނޑައަޅާފައިވާ ތާރީހްތަކާއި މުއްދަތުތަކާ ވީހާ ވެސް ކައިރި ނުވެ، ބްރީތިން [ނޭވާލެވޭނެ ޖާގަ] ސްޕޭސެއް ވެސް ލައިގެން މަސައްކަތް ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

"ގާނޫނުންގައި ވަކި ގޮތަކަށް ކަނޑައަޅައިފައިވާ ކަމަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ނުކޮށްގެނޭ ކިޔާފައި އިންތިހާބު ލަސްކުރަން ޖެހޭ އެއްވެސް ފުރުސަތެއް މިފަހަރަކު ނޯންނާނެ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ: ޝަރީފް ވިދާޅުވީ، ގާނޫނުން ކަނޑައަޅާފައިވާ އެއްވެސް ކަމެއް ނުކޮށްގެން އިންތިހާބު ފަސް ކުރަން ނުޖެހޭނެ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީފް ވިދާޅުވީ، ބައެއް ރިސޯޓްތަކުގައި އެފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާނުލުމުގެ ސަބަބުން އެ ފަރާތްތަކަށް ވޯޓް ލުމުގެ ފުރުސަތު ދިނުމަށް ޓަކައި އިންތިހާބު ލަސް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ، ހުރިހާކަމެއް ކުރީ ގާނޫނުގައި ބުނާ ގޮތަށް ތާރީހުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށާއި އެފަރާތްތަކަށް ވެސް އެގޮތަށް ބުނެ ހުއްޖަތު ދައްކައިގެން ވެސް އިންތިހާބު ލަސް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އިންތިހާބު ލަސް ކުރާނަމަ 20 މިލިއަން ރުފިޔާ ހަރަދު ވާނެ!

ޝަރީފް ވިދާޅުވީ، އިންތިހާބުގެ 90 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިފަދަ އިންތިހާބެއް ބާއްވާ އިރު، ދައުލަތުން އެތައް ބައިވައިވަރު ފައިސާތަކެއް ހަރަދު ކުރާ އިރު، އިންތިހާބު ލަސްކޮށްފި ނަމަށް އަނެއްކާ ވެސް އެތައް ބައިވަރު ފައިސާ އެކަމަށް ހަރަދު ވާނެ ކަމަށެވެ. އަދި އެއީ ދައުލަތަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު ލަސްކޮށްފި ނަމަ ކިހާވަރެއް ހަރަދު ވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، މިހާރު ހަރަދު ކޮށްފައިވާ އަދަދުގެ ދެބައި ކުޅަ އެއްބައި ހަރަދު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން 20 އަކަށް މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އޮފިޝަލުންނަށް ދޭން ޖެހޭ އުޖޫރައާއި އިންތިހާބު ބާއްވާ ދުވަހުގެ ހަރަދުތައް ނުލާ މިހާރު އަޅުގަނޑުމެންނަށް 30 އަކަށް މިލިއަން ރުފިޔާ ހަރަދު ކުރެއްވިފައި [ވަނީ]. އެހެންކަމުން [އިންތިހާބު] ލަސް ކުރަން ޖެހޭ ނަމަ އިތުރަށް 20 އަކަށް މިލިއަން ރުފިޔާ އިތުރަށް ހަރަދު ވާނެ،" ޝަރީފް ވިދާޅުވި އެވެ.

"މިކަމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ހިތްވަރު ދޭނެ ކަމެއް ވެސް ނޫން. އަދި އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ވެސް ނޫން. އަޅުގަނޑުމެން އެންމެ ފަހުވަގުތާ ޖެހެންދެން މިކަމުގައި ފައިޓް ކުރާނަން. އެއީ އިންތިހާބު ލަސްކުރިޔަ ނުދޭން،" ޝަރީފް ވިދާޅުވި އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ނެތުމުން އިންތިހާބު ފަސްކޮށް ދިނުމަށް އިދިކޮޅި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިދިޔަ މަސް ތެރޭ އީސީ އަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވި އެވެ. އޭރު ވެސް އީސީ އިން ބުނެފައި ވަނީ އިންތިހާބު ލަސްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.