31 Mar 2019, 12:39
ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތު އެންޓާޕްރެނާސް ފޯރަމް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވައިފި އެވެ.
މި ފޯރަމް ބާއްވާފައި ވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގަ އެވެ. މި ބޭއްވި ފޯރަމްތަަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މި ފޯރަމްތަކުގައި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް ދީފައިވާ ކަމަށާއި ބިޒްނަސް ޕްލޭނެއް އެކުލަވާލާނެ ގޮތުގެ މައުލޫމާތާއި ރާއްޖޭގައި ވިޔަފާރިއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް ދީފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މީގެ އިތުރުން ކާމިޔާބުކަމާ އެކު އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށްގެންދާ ތަފާތު ތިން ފަރާތަކުން މި ތިން ރަށުގައި ފޯރަމްގެ ބައިވެރިންނަށް ވަނީ އެ ފަރާތްތަކަށް ދިމާވި ގޮންޖެހުންތަކާއި އެ ކަންތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ދީފަ އެވެ.
ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތުގައި ގިނަ ހަރަކާތްތަކެއް ރާވައިފަ އެވެ.
ގްލޯބަލް މަނީ ވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ހާއްސަކުރާ ހަފްތާއެކެވެ.