ރާއްޖޭގެ ރަށްރަށުގެ ދުރު ހިސާބުތަކުގައި އަޅާފައި ހުންނަ ފުޓުބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅުމަށް ހެދިފައި ހުންނަ އިމާރާތްތައް ބަލަހައްޓާނެ ފަރާތެއް ނެތުމުން ރައްޔިތުންގެ ހަރަދުގައި އަބަދު މަރާމާތުކުރަންޖެހޭ ޖެހުން މި ސަރުކާރުން ހައްލު ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ވަގުތީ ގޮތުން ޔޫތު އެންޑް ސްޕޯޓްސްއާ ހަވާލުވެ ހުންނެވި އަލީ ވަހީދު ދާދި ފަހުން ދެއްވި ޕްރެސްއެއްގައި ބުނެފައި ވަނީ މި ސަރުކާރު ނިމެންވާ އިރަށް ބޮޑަކަށް ކުޑައަކަށް ނުބަލާ ހުރިހާ ރަށެއްގައިވެސް ރައްޔިތުން ބޭނުންވާ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ދަނޑުތަކާއި މަރުކަޒުތައް ބިނާ ކުރައްވާނެ ކަމަށެވެ. އަދި އެތަންތަން ދެމެހެއްޓެނިވި ގޮތަކަށް ބަލަހައްޓަން ކައުންސިލްތަކާއި ރައްޔިތުން އަދި ސަރުކާރާއި ގުޅިގެން ވިޔަސް މެއިންޓެނެސް ކުރެވޭނެ މޮޑެލްއެއް ތައާރަފް ކޮށްދޭނަނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ޗައިނާގެ އެހީތެރިކަމާ އެކު 21 ރަށެއްގައި ފުޓްސަލް ދަނޑުކެއް އެޅުމަށް ހަމަޖައްސާ އެ ރަށްތަކުގެ ނަންތައް އިއުލާން ކޮށްފަ އެވެ. ކުރީގެ ކޮންމެ ސަރުކާރެއްގައި ވެސް ބޮޑެތި ރަށްރަށަށް އިސްކަންދީގެން ދަނޑުތަކާއި ކުޅިވަރު ކުޅޭނެ މަރުކަޒުތައް ބިނާ ކުރި ނަމަވެސް މި ސަރުކާރުގައި ރަށުގެ ބޮޑު ކުޑަމިނަށް ބެލުމެއް ނެތި ހުރިހާ ރަށަކަށް ވެސް ހަމަހަމަ އުސޫލަކުން ކަން ކަން ކުރަމުންދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ޗައިނާގެ ކުންފުންޏަކުން އަމަލީ މަސައްކަތް ކުރާ ދަނޑުތައް އިމާރާތް ކުރަން ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫ، އެވެ.

މަތީގާ އެ ވާ ރަށްރަށަކީ އާބާދީ ގޮތުން ކުދިރަށްރަށެވެ. އަދި ކުރީ ސަރުކާރުތަކުން ކުޅިވަރުގެ ކަންކަމުގައި ބޮޑެތި އިހުމާލުވެފައިވާ އެ ރަށްރަށަށް ވެސް މި ސަރުކާރުން އެކުލަވާލާ ކުޅިވަރުގެ މާސްޓާ ޕްލޭންގެ ދަށުން ކުޅިވަރު ކުޅޭނެ ރަނގަޅު މާހައުލުތަކެއް ލިބިގެންދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުތަކާއި ޓާފް ބޮޑެތި ދަނޑުތައް އެޅުމަށް ފަހު، މަރަމާތު ކުރުމަށް ބިޒްނަސް މޮޑެލްއެއް ތާރަފު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އޭރުން ދަނޑުތަކުގެ މަރާމާތު ކުރިއަށް ގެންދާނީ ވިޔަފާރި އުސުލުން ލިބޭ ފައިދާގެ ތެރެއިން ކަމަށެވެ.

"އިޖުތިމާއީ މަރުކަޒު ތަކާއި ފުޓްސަލް ދަނޑުތަކާއި އަދި ކޮންމެ ކުޅިވަރު މޮޑެލްއަކަށް ބިޒްނަސް މޮޑެލް ލާން އަޅުގަނޑުމެން ބޭނުންވޭ، އެއީ ކައުންސިލަށް ވިޔަސް ރައްޔިތުންނަށް ވިޔަސް ސަރުކާރަށް ވިޔަސް އާންމުދަނީއެއް ލިިބި އެ ލާރިން އޭތި މަރާމާތުކޮށް މެއިންޓެނެސް ކުރެވޭނެ މޮޑެލްއެއް ތައާރަފް ކޮށްދޭނަން." އަލީ ވަހީދު ވިދާޅުވި އެވެ.