ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރިއިރު ލިސްޓުގައި ނަން ނެތް ކަމަށް ބުނެ ހަތް މައްސަލަ އެއް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ.

އިންތިހާބީ ޝަކުވާގެ ހަތް މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައިކޯޓުން ޔަގީންކޮށްދެ އެވެ. އަދި އެ ހަތް މައްސަލައަކީ ވެސް ވޯޓާސް ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ ހަތް މައްސަލަ ކަމަށް ހައިކޯޓުން ބުންޏެވެ. މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތްތަކުން ކަމަށް ހައިކޯޓުން ބުންޏެވެ.

އަދި އެ މައްސަލަ ހައިކޯޓުގައި ތާވަލެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުން އެ ހަތް މައްސަލައަކީ ވެސް ތިމަރަފުށީ ދާއިރާއަށް ވޯޓުލުމުގެ ހަގުލިބިފައިވާ މީހުންގެ ތެރެއިން ފައިނަލް ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައިވާ މައްސަަތަކެކެވެ.

އިންތިހާބަށް ބާކީ އޮތީ ހަ ދުވަހެވެ. މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ފެށޭ މަހުގެ ހަވަނަ ދުވަހު އެވެ.

އިންތިހާބުގެ ކަންކަމަށް ބޭނުންވާ ވޯޓު ފޮއްޓާއި ވޯޓު ކަރުދާސް އަދި އެހެނިހެން ސާމާނު މިހާރު ވަނީ އަތޮޅުތަކަށް ފޮނުވަން ފަށައިފަ އެވެ.