ދިމިޝްޤު : (އޮކްޓޯބަރ 17) : ސޫރިޔާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކާއި ޝައްބީޙާ މިލީޝިޔާ ތަކުން ދިން ޙަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑީއިރު ތެރޭގައި 15 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑީއިރު ތެރޭގައި 15 މީހަކު މަރާލާފައިވަނީ ދިމިޝްޤުގެ ކައިރީގައިވާ ޒުބްދާނީ އާއި މުޟާޔާ ގައެވެ.

މި 15 މީހުން މަރާލުމަށްފަހު ސަލާމަތީ ބާރުތަކާއި ޝައްބީޙާ މިލީޝިޔާ މިހާރު ގެންދަނީ ދިމިޝްޤުގެ ކައިރީގައިވާ ރައްފުށުގެ ހިސާބުތަކުގެ ގެތަކަށްވަދެ އިދިކޮޅު މީހުން ހޯދުމަށް އަތްފުނާ އަޅަމުންނެވެ. ގެއިން ގެއަށް އަދި ދޮރުން ދޮރަށް ކުރިޔަށްގެންދާ މިއަތްފުނާ އެޅުމުގެ ތެރޭގައި އެތަށްބަޔަކު ހައްޔަރު ކުރަމުން ގެންދާ ކަމަށާ މިއޮޕަރޭޝަން އެތަށް އަވަށެއްގައާއި ވިލެޖެއްގައި ކުރިޔަށްގެންދާ ކަމަށް ސޫރިޔާގެ އިދިކޮޅު ވަތަނީ މަޖިލީހުން ބުނެއެވެ.

ސޫރިޔާގެ ސަލާމަތީ ބާރުތަކުން އިއްޔެވަނީ އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ ރަފީޤުލް ޢުބައިދީ ގެ ބޮލަށް ބަޑިޖަހައި މަރާލާފައެވެ. 42 އަހަރުގެ ޢުބައިދީ އަކީ 3 ކުދިންގެ ބައްޕައެކެވެ. އޭނާއަކީ ސުލްޙަވެރިކަމާއެކު އިދިކޮޅު މުޒާހަރާތައް ކުރިޔަށް ގެންދިޔުމަށް ގޮވާލާ އެކްޓިވިސްޓެކެވެ.

އަނެއްކޮޅުން ވޭތުވެދިޔަހައެއްކަ މަހުގެ ތެރޭގައި ސޫރިޔާގެ ސަލާމަތީ ބާރުތަކުގެ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 3 ހާހަށްވުރެ މައްޗަށްވަނީ ގޮސްފައެވެ. ސޫރިޔާ ކުށްވެރިކޮށް ސަލާމަތީ މަޖިލިހުން ޤަރާރާރެއް ފާސްކުރުމަށް ޔޫރަޕްގެ ޤައުމުތަކުން މިހާރުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. (އަލްޖަޒީރާ)