31 Mar 2019, 10:02
ޣައްޒާ (މާޗް 31) : އިސްރާއީލުން ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނުގެ ހަތަރު މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައި 300 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.
ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވީ އިސްރާއީލު ސިފައިން ބަޑިޖެހީ އިސްރާއީލާ ދެކޮޅަށް އިޙްތިޖާޖް ކުރުމަށް ޓަކައި ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އެއްވެފައިތިބި ފަލަސްތީނުގެ އެތަށްހާސް އާންމުންނަށް އަމާޒުކޮށް ކަމުގައެވެ. އިސްރާއީލުން ޝަހީދު ކޮށްލި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 18 އަހަރަ ދެމެދުގެ ޒުވާން ފިރިހެނުންކަމަށާ ބަޑިޖަހާފައިވަނީ އެމީހުންގެ ބޮލަށާއި މެއަށް ކަމަށް ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވިއެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގަށް ގޮވާލައި ޣައްޒާގެ ސަރަހައްދީ ރޮނގުގައި މިދިޔައަހަރު ފެށި މުޒާހަރާތަކަށް އެއްއަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އާދަޔާ ޚިލާފު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ފަލަސްތީނުގެ ރައްޔިތުން ތައްޔާރުވަމުން ގެންދާތާ ހަފްތާއެއްހާ ދުވަސްވެއްޖެއެވެ. އިއްޔެ ފެށި އެ މުޒާހަރާގެ ބޭނުމަކީ ހަނގުރާމަތަކުގައި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުން ބޭރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫއަވުމުގެ ހައްގު ދިނުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމެވެ. އިސްރާއީލު ގެންދަނީ ފަލަސްތީނު ރެފިއުޖީންގެ މި ހައްގަށް އިންކާރު ކުރަމުންނެވެ.
އިސްރާއީލުންވަނީ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގަށް ގޮވާލައި ޣައްޒާގެ ސަރަހައްދީ ރޮނގުގައި ފަލަސްތީނުގެ ރައްޔިތުން ކުރާ މުޒާހަރާތައް ހުއްޓާލުމަށް އެދި ފަލަސްތީނުގެ ޖަމާއަތްތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި އިސްރާއީލުން ޣައްޒާއަށް ދޭ ވައިގެ ޙަމަލާތައް ހުއްޓާލުންވެސް ހިމެނެއެވެ. ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ އިސްރާއީލުގެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.
ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގަށް ގޮވާލައި މިދިޔައަހަރު ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ފެށި މުޒާހަރާތަކަށް ބަޑިޖަހައިގެން އިސްރާއީލުން ފަލަސްތީނުގެ ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ޝަހީދުކޮށް ވިހި ހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވެއެވެ. (އައްޝަރްގުލްއަވްސަތު)