ސްޕެނިޝް ލީގުގައި ރޭ ކުޅުނު ކެޓަލަން ޑާބީގައި ބާސެލޯނާއިން އެސްޕަންޔޯލް ބަލިކޮށް އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނެގި އިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެ މެޗުގައި ރެކޯޑްތަކެއް ހަދައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫގައި ރޭ ކުޅުނު ކެޓަލަން ޑާބީ އެ ޓީމުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ބާސެލޯނާއިން ވަނީ 29 މެޗު ކުޅެ 69 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑްއަށް 29 މެޗު ކުޅެގެން 59 ޕޮއިންޓް ލިބޭ އިރު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑްއަށް 28 މެޗު ކުޅެގެން ލިބެނީ 54 ޕޮއިންޓެވެ.

ބާސެލޯނާއާއި އެސްޕަންޔޯލް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ބެން ސްޕަރެޓް

ރޭގެ މެޗުގައި ވެސް ބާސެލޯނާގެ ތަފާތަކަށް ވެގެންދިޔައީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލު ނުޖެހި ނިންމާލި ނަމަވެސް ބާސެލޯނާއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ރެއާލް މެޑްރިޑްގެ ކުރީގެ ކީޕަރު ޑިއޭގޯ ލޮޕެޒް ވަނީ ބާސެލޯނާއިން އެ ހާފުގައި އުފެއްދި ހަމަލާތައް ދިފާއުކޮށްފަ އެވެ.

މެޗުގައި ޖެހި ދެ ގޯލުވެސް މެސީ ޖެހި އިރު އޭނަގެ ފުރަތަމަ ގޯލު ޖެހީ އެސްޕަންޔޯލް އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުމަކުންނެވެ. ކުޅުންތެރިން ބޯ މަތިން "ޗިޕެއް" ޖައްސާލާ އެ ހިލޭ ޖެހުން މެސީ ފޮނުވާލި އިރު އެ ގޯލާ އެކު މެސީ ވަނީ ވޭތުވެ 10 ސީޒަނުގައި ވެސް މަދުވެގެން 40 ގޯލު ޖެހުމުގެ ޝަރަފު ލިބިފަ އެވެ. އެ މެޗުގައި މެސީ ޖެހި ދެވަނަ ގޯލު ޖަހާފައި ވަނީ މެޗު ނިމެން ދަނިކޮށް މަލްކޮމް ތިރތިރިން ނަގައިދިން ހުރަހެއް ޑިއޭގޯ ލޮޕޭޒް އަތް ދަށުން ފޮނުވާލައިގެންނެވެ.

މީގެ އިތުރުން މެސީއަށް ވަނީ ރޭގެ މެޗުގައި ވަރަށް ތާރީހީ ރެކޯޑެއްވެސް ގާއިމު ކުރެވިފަ އެވެ. ސްޕެނިޝް ލީގުގެ ތާރީޙުގައި ވެސް އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިންގް ލިސްޓުގެ އެއްވަނައިގައި އޮތް ރެއާލްގެ ކުރީގެ ކީޕަރު އައިކަރ ކަސިޔަސްއާއި މެސީ ރޭގެ މެޗުން ލިބުނު މޮޅާ އެކު ވަނީ އަރާ ހަމަކޮށްފަ އެވެ.

މި ސީޒަނުގައި ގިނަ ގޯލުތަކެއް ޖަހައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީއާ ހުރިހާ ގޮތަކުންވެސް އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.