31 Mar 2019, 10:11
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަތުމަށް ނިންމެވީ، ކެމްޕެއިންގެ މިސްރާބު ދާ ގޮތުން ރާއްޖެ ކުރިން އޮތް ދިމާލަށް ދާކަމަށް ލަފާކުރެއްވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހދ. ހަނިމާދޫ ދާއިރާއަށް ބާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުލްޣަފޫރު މޫސާގެ ކެމްޕެއިން އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ޒިންމާ އުފުއްލަވާނެ ކަމަށެވެ.
"އިންތިހާބުގެ ކެމްޕޭނުގެ މިސްރާބު ދާ ދިމާލުން، ރާއްޖެ ކުރިން އޮތް ދިމާލަށް ދާހެން ހީވި. އަޅުގަނޑުގެ ވާޖިބެއް، މަސްއޫލިއްޔަތެއް ތިޔަ ބޭފުޅުން އަޅުގަނޑާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސިޔާސަތުތައް ގަބޫލުކުރާ، ސަރުކާރުގެ ވައުދުތަކަށް ތާއީދުކުރާ މެންބަރުން މަޖިލީހަށް ހޮވުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާކަން ގަބޫލުފުޅު ކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވުނީ މި ކެމްޕޭނުގައި ބައިވެރިވެ ސަރުކާރުގެ ވައުދުތަކަށް ތާއީދުކުރާ، އެމްޑީޕީގެ ސިޔާސަތުތައް ގަބޫލުކުރާ ތިޔަ ބޭފުޅުންގެ އަޑުއިއްވާނެ މަޖިލީހުގެ މެންބަރުން ހޮވުމަށް އަޅުގަނޑު މަސައްކަތް ކުރަން ވެއްޖެކަން. މިއަދު މި ދާއިރާއަށް އަޅުގަނޑު އައިސް މިހުރި އެ ސަބަބަށް ޓަކައި،" ރައީސް ވިދާޅުވި އެވެ.
ކެންޕެއިނުގެ އެންމެ ފަހު ދުވަސްތަކާ ކުރިމަތިލާ އިރު ތަފާތު އަޑުތައް އިވެމުންދާ ކަމަށާއި، ނަމަވެސް އިންތިހާބު ބާއްވަން ނިންމާފައިވާ އޭޕްރީލް ހަ ވަނަ ދުވަހު އިންތިހާބު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އާދައިގެ މަތިން އިންތިހާބު ފަސްކުރުމަށް މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް އިން މަސައްކަތްކުރާތަން އެބަފެނޭ،" ރައީސް ވިދާޅުވީ މިއީ އެބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ވެސް ކަންކުރެއްވި ގޮތް ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުން އަންނަ ކަމަށާއި މިއީ ރައްޔިތުން ސަރުކާރަށް ދިން އެއްބާރުލުމާއި، ގައުމު އަމާންކަމާ އެކު ހިންގުމަށް ސަރުކާރަށް ފުރުސަތު ލިބުމުން ކަމަށެވެ.
"އަނެއްކާ ވެސް އެ ހަލަބޮލި ކަމުގެ ތެރެއަށް ގެންދިއުމުގެ ބަދަލުގައިއެކުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތިޔަ ބޭފުޅުން އަޅުގަނޑުމެން ހިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ބޭރުގެ ފްލައިޓުތައް އިތުރުކޮށްދެއްވާނެ ކަމަށާއި ދާއިރާގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.