31 Mar 2019, 09:46
ރާއްޖެ ދުށް އެންމެ އަނިޔާވެރި ވެރިކަމަކީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އަބްދުލްޣަފޫރު މޫސާގެ ކެމްޕެއިން އަށް ހަނިމާދޫ އަށް ވަޑައިގެން ރައީސް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.
"ހުދުމުހުތާރު، ރާއްޖެ ދުށް އެންމެ އަނިޔާވެރި ވެރިކަން އެމަނިކުފާނު މިދިޔަ ފަސް އަހަރު ދުވަހު ކުރެއްވީ. ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް ވައްކަން ނުކުރާވަރަށް އެ ބޭފުޅުން އެތިއްބެވީ ވައްކަމާއި ހިޔާނާތްތައް ކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.
އަނެއްކާ ވެސް ރާއްޖެ އެ އަނދަވަޅަށް ވައްޓާލުމުގެ ފުރުސަތު ނުދިނުމަށް ރައްޔިތުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ 2014 ވަނަ އަހަރުގެ އިންތިހާބު ރައީސް ޔާމީންގެ ސަރުކާރުން އޭރު ކާމިޔާބު ކުރީ ގަނެގެން ކަމަށެވެ.
"ދައުލަތުގެ މާލިއްޔަތުން ދުވަހަކު ވެސް ވައްކަން ނުކުރާވަރަށް އެބޭފުޅުން އެތިއްބެވީ ވައްކަމާއި ހިޔާނާތަށް އަރާފައި. މިއަދު އެ ވިދާޅުވަނީ އަނެއްކާ ވެސް އެ ބާރު ތިމަންނައަށް ދެއްވާށޭ. އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނީ އަނެއްކާ ވެސް ރާއްޖެ އެ އަނދަވަޅަށް ވައްޓާލުމުގެ ފުރުސަތު ނުދެއްވާށޭ،"
ރައީސް ވިދާޅުވީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ނިމިގެން ދިޔައިރު އޭރުގެ ސަރުކާރުން ކަންތައް ކުރެއްވި ގޮތް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ.
"އެމްޕީއެލް، ސަރުކާރުގެ ކުންފުންޏެއް. އެތަނުން ޑޮލަރުގަތުމުގެ ނަމުގައި 70 މިލިއަން އެތައް ރުފިޔާއެއް ނަގައި އެ ބޭފުޅުންގެ ކެންޑިޑޭޓުންނަށް ބަހައި ވޯޓު ގަނެ އެބޭފުޅުން ކާމިޔާބު ކުރި. މިއަދާ ހަމައަށް ވެސް އެ ފައިސާ އެމްޕީއެލް އަށް ނުލިބޭ. އެ ވައްކަން ވެސް އެއޮތީ ކޮށް ނިންމާފައި. މިހާރު މި ވިދާޅުވަނީ ތިމަންނައަށް ހަމަ ނޭވާ ލެވޭނީ އަނެއްކާ ވެސް މި ބާރު ދީގެންނޭ،" ރައީސް ވިދާޅުވީ ކުރީގެ ރަައީސް ޔާމީން އަށް ރައްޔިތުން އެ ބާރު އަލުން ދީފިނަމަ "ރައްޔިތުން ތިބެންޖެހޭނީ ކުރިން ވެސް ތިބި ހާލުގައި" ކަމަށެވެ.
ޖުމްހޫރީ ޕާޓީއާ ޕީޕީއެމް ގުޅިގެން މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރަން ވަނީ ފަށާފަ އެވެ. ޕީޕީއެމް މެމްބަރެއްގެ ކެމްޕެއިން ޖަލްސާއެއްގައި ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވެފައި ވަނީ ހަމަ ނޭވާލެވެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއަށް މެޖޯރިޓީ ލިބިގެން ކަމަށެވެ.