ފަތިސް ނަމާދުގައި ގުނޫތު ނުކިޔައި ނަމާދު ކުރާ މުދިމުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅައި ވަޒީފާ އިން ވަކި ކުރާނެ ކަމުގެ އިންޒާރު ހުޅުމީދޫ ކައުންސިލުން ދިން ކަމަށް އެ ރަށު މުދިމަކު ބުނެފި އެވެ.

ހުޅުމީދޫ މިސްކިތެއްގެ މުދިމަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިއްޔެ ބުނީ އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ސާކިއުލާއެއްގައި އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ރޭގަނޑުގެ ގަޑިތަކުގައި ބާރަށް ބިސްމި ކިޔުމަށާއި ފަތިސް ނަމާދުގައި ގުނޫތު ކިޔަން އަންގާފައިވާ ކަމަށެވެ. އަދި އެ ސާކިއުލާގައި ގުނޫތު ކިޔުމަކީ އިހްތިލާފީ މައްސަލައެއް ކަމަށާއި ގުނޫތު ކޮންމެހެން ކިޔަން މަޖުބޫރު ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސާކިއުލާގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް ހުޅުމީދޫ ރަށު ކައުންސިލާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކައުންސިލަރު އިބްރާހިމް ދީދީ، ގުނޫތު ކިއުމަށް މުދިމުންނަށް މަޖްބޫރުކޮށްފައިވާ ކަމަށާއި ގުނޫތު ނުކިއާ މުދިމުން ވަޒީފާ އިން ވަކި ކުރާނެ ކަމުގެ އިންޒާރު އަނގަބަހުން ދީފައިވާ ކަމަށެވެ. އަދި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުން ގިނަ މުދިމުން އެ ސާކިއުލާގައި ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހުޅުމީދޫން ވާހަކަ ދެއްކި އާންމު މީހަކު ވެސް ބުނީ އެ ރަށުގައި މުދިމުން އިމާމުވެ ރޭގަނޑުގެ ނަމާދު ކުރާ އިރު، ބާރަށް ބިސްމި ނުކިޔާ މުދިމުންނާއި ގުނޫތު ނުކިޔައި ފަތިސް ނަމާދު ކުރާ މުދިމުންނާ ދޭތެރޭ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ހުޅުމީދޫ ކައުންސިލުން އެ މީހުންނަށް އަންގާފައިވާ ކަން އޭނާ އަށް ވެސް އެނގިފައިވާ ކަމަށެވެ.

ނަމަވެސް ހުޅުމީދޫ ކައުންސިލް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ ވިދާޅުވީ މިއަދު ވިދާޅުވީ އެ ކައުންސިލުން އެއްވެސް މުދިމަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިނުވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އަންގާ ގޮތާ ހިލާފްވާ މުދިމުންނާ ދޭތެރޭ ފިޔަވަޅު އަޅާނީ ސިޓީ ކައުންސިލުން ކަމަށާއި ސިޓީ ކައުންސިލުން މުދިމުންނާ ދޭތެރޭ ފިޔަވަޅު އެޅުމާ ބެހޭ އެއްވެސް މައުލޫމާތެއް ރަށު ކައުންސިލާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ނުބުނަން މުދިމަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަކަށް. ރަށު ކައުންސިލުން ވެސް ނުބުނޭ. އެކަމަކު ސިޓީ ކައުންސިލުން ވަނީ އަންގާފައި މިސްކިތްތަކުގައި ގުނޫތު ކިޔަން މުދިމުންނަށް ލިޔުމަކުން އަންގައި ސޮއި ކުރުވަން. ސިޓީ ކައުންސިލުން އެންގި ކަމެއް އެއީ. އެފަރާތުގެ އެންގުމާ ހިލާފުވާ މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅާނީ އެ ފަރާތުން. އަދި އަބްދުﷲ ސާދިގު ]މޭޔަރު[ އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ މުދިމުންނާ ދޭތެރޭ ފިޔަވަޅު އަޅަން ނިންމި ކަމަކަށް،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު އިއްޔެ ވިދާޅުވީ އެ ސިޓީގެ ބައެއް މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމި ނުކިޔާތީ އާއި ފަތިސް ނަމާދުގައި ގުނޫތު ނުކިޔާތީ އައްޑޫ ސިޓީގެ ރަށްޔިތުން އެކަމާ ޝަކުވާ ކުރުމުން އެ ކަމުގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން އަށް ދެންނެވި ކަމަށެވެ. އަދި އެ ކައުންސިލުން ކަންތައް ކުރަމުން ދަނީ އިސްލާމިކް މިނިސްޓްރީން ލަފާ ދެއްވި ގޮތަށް ކަމަށާއި ގުނޫތު ކިއުމާ ބެހޭ ގޮތުން ވަކި ގޮތެއް މިނިސްޓްރީން އަންގާފައި ނުވާ ކަމަށް ސާދިގު ވިދާޅުވި އެވެ.

"މިސްކިތްތަކުގައި ބާރަށް ބިސްމި ނުކިއުމާއި ބައެއް ފަރާތްތަކުން ގުނޫތު ކިޔުމާއި ނުކިޔުމާއި އެކަހަލަ މައްސަލަތަކެއް އުޅޭތީ އެކަމުގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީ އަށް އެދުމާ ގުޅިގެން އެ މިނިސްޓްރީން އިންސްޓްރަކްޝަން ދީފައި އިން ގޮތަށް މިކޮޅުން ކަންތައް ކުރަމުން ދަނީ. އެއީ އަޑުހަރުކޮށް ބިސްމި ކިޔަން. ދެން ގުނޫތު ކިއުމާއި ނުކިއުމާ ދޭތެރޭ ވަކި ގޮތެއް ނިންމަވާފައެއް ނެތް. އޭގައި އޮތީ މިސްކިތަށް އަރާ މީހުން ބޭނުން ވަނީ ގުނޫތު ކިޔަން ވިއްޔާ ކިޔަން. ނުކިޔަން ވިއްޔާ ނުކިއަން،" ސާދިގު ވިދާޅުވި އެވެ.

ސާދިގު ވިދާޅުވީ އަޑު ހަރުކޮށް ބިސްމި ކިއުމަށާއި ފަތިސް ނަމާދުގައި ގުނޫތު ކިއުމަށް މުދިމުންނަށް އެންގުމުން އެގޮތަށް އަމަލު ނުކުރާ މުދިމުންނާ ދޭތެރޭގައި ސިވިލް ސާވިސްގެ ގަނޫނުގެ ދަށުން ފިޔަވަޅު އެޅާނެ ކަމަށާއި ވަޒީފާ އިން ވަކިކޮށްލަން ޖެހުމުން އެކަން ވެސް ކުރާނެ މަށެވެ.