ޑައިރެކްޓަރު ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމަށް ރަންބީރު ކަޕޫރު އަދި ދީޕިކާ ޕަދުކޯން އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ބުޝަން ކުމާރުގެ ޓީ-ސީރީޒް އިން ޕްރޮޑިއުސް ކުރަން ހަމަޖެހިފައިވާ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ. ފިލްމުގެ މުހިންމު ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ.

ކުރީގެ ލޯބިވެރިން ކަމުގައިވާ ދީޕިކާ އަދި ރަންބީރުގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށް ކަމުދެއެވެ. އަދި ދެމީހުން އެކުގައި ފިލްމަކުން ފެންނާނެ އިރަކަށް ވެސް ގިނަ ބަޔަކު ތިބީ އިންތިޒާރު ކޮށްގެންނެވެ.

ދީޕިކާ އަދި ރަންބީރު ވަނީ މިހާތަނަށް އެކުގައި ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ 'ބަޗްނާ އޭ ހަސީނޯ'، 'ޔޭ ޖަވާނީ ހޭ ދިވާނީ' އަދި 'ތަމާޝާ' އެވެ.

'ޔޭ ޖަވާނީ ހޭ ދިވާނީ' އަދި 'ތަމާޝާ' ގައި ދެމީހުން މަސައްކަތް ކުރީ ރުޅިވުމަށްފަހު އެވެ.

ދީޕިކާ އާއި ރަންބީރު ވަކިވި ނަމަވެސް ދެމީހުންގެ ގުޅުން ރަނގަޅެވެ. އެކުގައި ފިލްމުތަކާއި އިޝްތިހާރު އަދި ފެޝަން ޝޯތަކުގައި ވެސް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ރަންޖަންގެ ފިލްމު ވާނީ ހަތަރު އަހަރު ފަހުން ދީޕިކާ އާއި ރަންބީރު އެކުގައި ފެނިގެންދާ ފިލްމަށެވެ. އަދި އެއީ ދެމީހުން އެކުގައި މަސައްކަތް ކުރާ ހަތަރު ވަނަ ފިލްމުވެސް މެއެވެ.

ދީޕިކާ މިހާރު ކުރަމުން އަންނަނީ ފިލްމު 'ޗަޕާކް'ގެ މަސައްކަތެވެ. އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމަކީ ދީޕިކާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.

ރަންބީރު އަންނަނީ 'ބްރަހްމާޝްތުރަ' އަދި 'ޝަމްޝޭރާ'ގެ މަސައްކަތް ކުރަމުންނެވެ.