ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިފަހަރު ވާދަ ކުރައްވާ، މަޗަންގޯޅި ދެކުނު ދާއިރާ ކެންޑިޑޭޓް އަހްމަދު ހައިތަމްގެ ކެމްޕޭން ޖަގަހައަށް ވަދެ މީހަކު ހައިތަމްއަށާއި އެ ޖަގަހައިގައި ތިބި މީހުންނަށް މަރުގެ އިންޒާރު ދީފިއެވެ.

އިސްކަންދަރު މަގު، މައްޗަންގޯޅި ސަހަރާ ކުރިމަތީ ހުންނަ ހައިތަމްގެ ކެމްޕޭން ޖަގަހައަށް މީހަކު ވަދެ މަރުގެ އިންޒާރު މިރޭ ދީފައިވާ އިރު، މިދިޔަ ހޮނިހިރި ދުވަހު އެ ޖަގަހައިގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލާފައެވެ.

ހައިތަމްގެ ކެމްޕެއިން އޮފީހުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 9:15 އާއި 9:30 އެހާކަންހާއިރު ކަމަށެވެ. އަދި އެވަގުތު ޖަގަހައިގައި ހައިތަމްއާއި އޭނާގެ އަންހެނުންގެ އިތުރުން، 15 ވަރަކަށް އަންހެނުންނާއެކު ފިރިހެނުން ތަކެއްވެސް ތިބި ކަަމަށް އޭނާ ބުންޏެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ބުނީ، އިންޒާރު ދިން މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ގަބޫލުކުރެވޭ ކަމަށާއި އޭނާ ޖަގަހައިގެ ތެރެއަށް ވަދެ ވަރަށް ހަނޑިހުތުރު ބަހުން މުއާމަލާތްކޮށް، ޖަގަހައިގައި ތިބި މީހުންނަށާއި ހައިތަމަށް މަރުގެ އިންޒާރު ދިން ކަމަށެވެ.

"ފަހަތުން އައިސް މިތާތިބި ފިރިހެނުން އޭނާގެ ގައިގައިި ހިފައިގަތީމަ ކެންޑިޑޭޓުގެ ގައިގައިވެސް ނުޖެހުނީ. ކެންޑިޑޭޓްގެ އަންހެނުންގެ ގައިގައިވެސް ނުޖެހުނީ. އެނޫން ނަމަ މިތާތިބި މީހުންގެ ތެރޭން މީހަކަށް އަނިޔާވީސް،" ހައިތަމްގެ ކެމްޕެއިން ޓީމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ، މީއީ ސިލްސިލާކޮށް އެ ޓީމަށް ބިރުދެއްކުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށެވެ. އެގޮތުން ރޭ މީހަކު ހައިތަމްއަށް ފޯނުން ގުޅާފައި އިންޒާރުދީ ހަދާފައިވާ ކަމަށެވެ.

އޭނާ ބުނީ، ޖަގަހަ އެތެރެއަށް ވަދެ ބިރުދެއްކީ، ރޭ ހައިތަމްއަށް ގުޅާފައި ބިރުދެއްކި މީހާކަމަށް ބެލެވޭ ކަމަށެވެ. ހައިތަމްގެ ކެމްޕޭން ޓީމުން ތުހުމަތު ކުރާ ގޮތުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، ހަތް ސައިކަލު އަނދައިގެން ދިޔައީ ކެމްޕޭން ޓީމްގެ އިސް މީހާގެ ސައިކަލް އަންދާލުމާގުޅިގެންނެވެ.

"ސައިކަލު ރޯ ކޮށްލީ ސައިކަލް ރޯކޮށްލި މީހާއަށް ވަރަށް ބޮޑަށް ފާރަލައިގެން. ހެލްމެޓް އަޅައިގެން ތިބި ބަޔަކު އެކަން ކުރީ. ފުރަތަމަ ޕެޓްރޯލް އަޅާ ރޯ ކޮށްލީ ކެމްޕެއިން ޓީމްގެ މީހާ ސައިކަލް،" އޭނާ ބުންޏެވެ.

ހައިތަމްގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި މިރޭ ހިނގައިދިޔަ ހާދިސާއާ ގުޅިގެން މިހާރު ވާނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިއެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.