ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްމް) އިން ވެސް އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ވިހެމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކޮށްދީފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާގޮތަށް ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވާފައެވެ.

ވިހެއުމާ ގުޅިގެން މުސާރަ ހިނގާގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ޕީއެސްއެމްއިން އިން ނެރިފައިވާ ނޫސް ބަޔާނުގައި ބުނީ އެ ކުންފުނީގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންގެ ތެރެއިން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދަރިއަކު ލިބިފައިވާނަމަ މުވައްޒަފުންނަށް ދަރިފުޅު ވިހޭތާރީހުން ފެށިގެން އެއް މަސްދުވަސް ހަމަ ނުވާނަމަ އެއް މަސް ހަމަކުރުމަށް ބާކީ ލިބެންވާ ޗުއްޓީ ލިބޭނެ ކަމަށެވެ.

އަދި މާޗް ހަތެއްގެ ފަހުން ދަރިއަކު ލިބުމަށްފަހު އެ ދަރިފުޅަށް ހަ މަސް ނުވެ ތިބި އަންހެން މުވައްޒަފުންނަށް ހަ މަސް ހަމަކުރުމަށް ލިބެންވާ ޗުއްޓީ ލިބޭނެ ކަމަށެވެ.