ޖުމްހޫރީ ޕާޓީ ގުނބޯ ހައްދަގައިގެން ބުޅަލެއްހެއް ކުޅުއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އުޅުއްވާ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ ޕީޕީއެމް ގުޅިގެން މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރަން ވަނީ ފަށާފަ އެވެ.

ނަޝީދު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިޔަމިގިއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ ގުނބޯ ހައްދަވަން ޔާމީން އުޅުއްވާތަނާއި އެ މަޅިއަށް ޖުމްހޫރީ ޕާޓީ މެހެމުންދާތަން ފެންނަ ކަމަށެވެ.

"އެހެންނަމަވެސް ރައްޔިތުން ތިބޭފުޅުން އަޅުގަނޑުމެން މިތިބީ ހޭލާ. އަދި ރައީސް ޔާމީނަށްވެސް އަދި ޖުމްހޫރީ ޕާޓީއަށްވެސް މާ ބޮޑަށް ސާފުވާނެ ރާއްޖޭގެ ރައްޔިތުން ތިބި ގޮތް. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާނެ. އެއަކު އެއްވެސް ޝައްކެއް ނެތް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޔާމީން ގެންދަވަީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާއަށް ދެރަގޮތް ހައްދަވަމުން ކަމަށެވެ.

ޕީޕީއެމް މެމްބަރެއްގެ ކެމްޕެއިން ޖަލްސާއެއްގައި ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ ހަމަ ނޭވާލެވެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއަށް މެޖޯރިޓީ ލިބިގެން ކަމަށެވެ. އެކަމަށް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ ޔާމީނަށް ހަމަ ނޭވާ ނުލެވިގެން އެއުޅެނީ ސިޔާސީ ވެރިން ޖަލަށް ނުލެވިގެން ކަމަށެވެ. އަދި ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގެންނަން ބޭނުން ވެގެން ކަމަށެވެ.

"ރައީސް ޔާމީން އެބަ ވިދާޅުވޭ ނޭވާއެއް ނުލެވޭ ކަމަށް. ނޭވާއެއް އެބޭފުޅާއަކަށް ނުލެވެޔޯ އަމިއްލަ ބޭބޭފުޅު ގެންގޮސް ޖަލަށް ނުލެވޭތީ. ނެވާއެއް އެ ބޭފުޅާއަކަށް ނުލެވެޔޯ އެބޭފުޅާއަށް ބޮޑުބޭބެ ކިޔާ އަމިއްލަ ދަރި ޖަލަށް ނުލެވޭތީ."

"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ދަންނަވަން އޮތް ވާހަކައަކީ މަނިކުފާނޭ އަޅުގަނޑުމެންނަށް ނޭވާ ނުލެވިގެން މަނިކުފާނު ބޮޑުތަނުން ބަލިކޮށްފައޭ ތިހިރީ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ގާސިމާއި ސުޕްރީމް ކޯޓަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު (200 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން މިދިއަ ހަފްތާގައި ވަނީ ހުކުމް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެތައް މިލިއަން ފައިސާއެއް މަސް ދުވަހުގެ ތެރޭގައި ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވާއިރު 2019 ވަނަ އަހަރަށް އޮތީ ބަޖެޓް ފާސްކޮށް ނިމިފައި ކަމަށެވެ.

"އޭގައި (އެ ބަޖެޓުގައި) ނެތް ގާސިމް އިބްރާހިމަށް 450 މިލިއަން ރުފިޔާ ދޭކަށް ޖަހާފަ އެއް. އަދި 450 މިލިއަން ރުފިޔާ ގާސިމް އިބްރާހިމަށް ދިނުމަށް ނަގަން އޮތީ ތިބޭފުޅުން އަތުން. ތިބޭފުޅުންދޭ ޖީއެސްޓީންނާއި. ޓެކްސް ފައިސާއިން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހި ދައުތަލަތުގެ މާލިއްޔަތާއި ބެހެން ސުޕްރީމް ކޯޓަށް ހައްގު ނޯންނާނެ ކަމަށެވެ.