16 Oct 2011, 15:13
ރުއް ގުނުމުގެ ޕްރޮގްރާމެއް ނ. ކެނދިކުޅުދޫ ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފައްޓަވައި ދެއްވައިފި އެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރަން ކެނދިކުޅުދޫގައި "މިއީ ކާކު ރުކެއް؟" މި ޝިޢާރުގެ ދަށުން ރުއް ގުނުމުގެ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށް ދެއްވަަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އުފައްދާ ތަކެތިންނާއި އުފެދޭ ތަކެތިން، ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަމެއް ފުރިހަމަކުރެވޭ ކަމަށެވެ.
ދިވެހި ރުކުގެ އެކި ބައިތަކުން ލިބޭ ފައިދާއާއި އެ ބައިތަކުގެ ބޭނުންކޮށްގެން ހޯދޭނެ އާމްދަނީގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި، ރުކަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން، ރުއްތަކުގެ މަތިވަރު ދަށްވެފައިވާ ކަމަށާއި އަލަށް ރުއް އިންދިފައިނުވާތީ، ރުކުން ކުރެވޭނެ އެތައް ބޭނުމެއް ނުކުރެވިދާ ކަމަށެވެ. އާމްދަނީ ހޯދޭނެ އެތައް ގޮތެއް ފަހިވެފައިވާ ރުކުން ލިބޭ ފައިދާގެ ބޭނުން ހެޔޮ ގޮތުގައި ނުކުރެވި ދިޔުމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.