ލަންޑަން (މާޗް 30) : ބްރެކްސިޓްގެ އެއްބަސްވުމަށް ރުހުން ދިނުމަށް އިނގިރޭސި ހައުސް އޮފް ކޮމަންސުން ތިން ވަނަ ފަހަރަށް ދެކޮޅު ހެދުމުން އިނގިރޭސި އިދިކޮޅު ލީޑަރު ޖެރިމީ ކޮބިން، ބޮޑުވަޒީރު ތެރޭސާ މޭގެ އިސްތިއުފާ އަށް ގޮވާލައްވައިފި އެވެ.

ހައުސް އޮފް ކޮމަންސްގައި ނެގި ވޯޓަށް ފަހު ދެއްވި ބަޔާނެއްގައި ކޮބިން ވިދާޅުވީ ތެރޭސާ މޭގެ ޒަޢާމަތުގައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް އެއްވެސް ކޮޅެއްގައި ނުޖެހޭނެކަން ޔަގީންވާ ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ޓަކައި ތެރޭސާ މޭ އަވަހަށް އިސްތިއުފާ ދެއްވުން ނޫންގޮތެއް ފެނިވަޑައިނުގަންނަވާ ކަމުގަ އެވެ.

ކޮބިންގެ އިތުރުން އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ތެރޭސާ މޭ ގެ އިސްތިއުފާއަށް ގޮވާލާފައެވެ. ބްރެކްސިޓްގެ މައްސަލައިގެ ކޮޅެއް ކުރިޔަށް ފެންނަން ނެތުމުން އިނގިރޭސިވިލާތް "އަނދިރި ބިންގަރާހެއްގެ ތެރެއަށް" ވަދެފައިވާ ކަމަށާ އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ ތެރެސާ މޭ ކަމަށްވެ ސް ކޮބިން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ބްރެކްސިޓްގެ އެއްބަސްވުން ހައުސް އޮފް ކޮމަންސަށް ހުށަހެޅީ ތިންވަނަ ފަހަރަށެވެ. ނަމަވެސް އެ އެއްބަސްވުމަށް ހައުސްގެ މެންބަރުންގެ ތެރެއިން 286 މެންބަރުން ތާއީދުކުރެއްވި އިރު 344 މެންބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. މީގެ ކުރިން ހައުސް އިންވަނީ ދެފަހަރު މި އެއްބަސްވުމާ ދެކޮޅު ހަދައިފަ އެވެ. މިކަމުގެ ސަބަބުން ބްރެކްސިޓްގެ ކަންތައް ދެން ކުރިޔަށްދާނެ ގޮތަކާމެދުވަނީ ހުރިހާ ފަރާތްތަކުން ވެސް ކަންބޮޑުވެފަ އެވެ. އަދި އެއްބަސްވުމަކާ ނުލައި ބްރެކްސިޓްގެ ކަންތައް ކުރިޔަށްގެންދަން ޖެހިދާނެކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ.

ބްރެކްސިޓްގެ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓްގައި ކުރިމަތިވި ތިންވަނަ ނާކާމިޔާބާގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ޓަކައި އަންނަ އެޕްރީލް މަހުގެ ދިހައެއްގައި ޔޫރަޕްގެ ލީޑަރުން ބްރަސަލްސްގައި ބައްދަލުކުރެއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ. (ނޫސްއެޖެންސީތައް)