30 Mar 2019, 12:05
ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެއް ބަތަލު ވަރުން ދަވަން 31، ގެ ކައިވެނި އަންނަ ނޮވެމްބަރު މަހު ކުރަން ނިންމާފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ވަރުން ދޮގުކޮށްފި އެވެ.
ފިލްމުފެއާ އަށް ވަރުން ދިން އިންޓަވިއުއެއްގައި ވަރުން ބުނީ މި އަހަރަކު ކައިވެންޏެއް ނުކުރާނެ ކަމަށެވެ.
"މިއަހަރަކު ނެތް އެކަން ވާކަށެއް. މިބުނީ ކައިވެނި ނުކުރާނަމޭ އެއް ނޫން. އެކަމަކު މި އަހަރު ކައިވެނި ކުރެވެން ނެތް ވާހަކަ. ގިނަ ފިލްމުތަކެއްގެ މަސައްކަތުގައި މިއުޅެނީ. ކައިވެނިކުރާ ނަމަ އެބަޖެހޭ އެކަމަށް ވަގުތު ދޭން،" ވަރުން ބުންޏެވެ.
ވަރުން ދަވަން އެންމެ އަވަހަށް ފެނިގެންދާނި ފިލްމަކީ "ކަލަންކް"އެވެ.
އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް 30، އާ އެވެ.
އޭނާ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ"އިންނެވެ.