16 Oct 2011, 15:01
ސްޕެނިޝް ލީގުގައި ރޭސިންގް ސެންޓެންޑާ އާއި ދެކޮޅަށް ރޭ ބާސެލޯނާއިން 3-0 ލަނޑުން މޮޅުވި މެޗުގައި އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދެހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ޕީކޭގެ ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ އެރިކް އާބިޑާލް އެވެ. މެޗަށް ފަހު ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި 15 ދުވަހުގެ މުއްދަތަކަށް ޕީކޭ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމެވެ. ޕީކޭއަށް އަނިޔާވިއިރު ކުރިއަށް އޮތް ދެހަފުތާ ތެރޭ ޗެމްޕިއަންސް ލީގު މެޗަކާއި ލަލީގާގެ ތިން މެޗެއް ބާސާއަށް ކުޅެން ޖެހޭނެ އެވެ.
ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު ބާސާ ބައްދަލު ކުރަން ޖެހޭނީ ވިކްޓޯރިއާ ޕުލްޒަން އާއި ދެކޮޅަށެވެ. ޖެހިގެން އަންނަ ހޮނިރު ދުވަހު ލަލީގާގައި ސެވިއްޔާ އާއި ދެކޮޅަށް ނުކުންނަ ޖެހި، އޭގެ ދެ ތިން ދުވަސް ފަހުން ގްރެނޭޑާ އާއި ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ. ލަލީގާގެ އަނެއް މެޗުގައި ބާސާ ނުކުންނަން ޖެހޭނީ ރެއާލް މަޔޯކާއާ ދެކޮޅަށެވެ.
މިސީޒަނުގެ ކުރީކޮޅުގައި ވެސް ޕީކޭ އަށް އަނިޔާ އާއި ކުރިމަތިލާން ޖެހުނެވެ. ޕީކޭއާއެކު މިހާރު ބާސާގެ އަނިޔާގެ ލިސްޓުގައި އުޅެނީ އެލެކްސިސް ސަންޗޭޒް އާއި، ސެސް ފެބްރިގާސް އާއި، އިބްރާހިމް އަފެލާއީ ގެ އިތުރުން އަންދުރޭސް އިނިއެސްޓާ އެވެ.